ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި ޓީސީ ސްޕޯޓްސް ވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
ޓީސީ މޮޅުވީ ފަސޭހަކަމާއެކު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި ފުރަތަމަ ބުރުގެ ފަހު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި 2-2 އިން އެއްވަރުވި ނިއުރޭޑިއަންޓް ފޯކައިދޫ އަތުން މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު، ޓީސީ އިން ވަނީ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑު ދަމަހައްޓާފައެވެ. ލީގުގެ އެއްވަނައިގައި ޓީސީ އޮތީ 10 މެޗުން ހޯދި 27 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ކްލަބް އީގަލްސް އޮތީ 23 ޕޮއިންޓާއެކުއެވެ. ނިއުރޭޑިއަންޓް ހޯދި މޮޅާއެކު އެޓީމު އޮތީ 21 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ.
ނިއުރޭޑިއަންޓާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ 51 ވަނަ މިނެޓުގައި ނިއުއަށް ލިބުނު ޕެނަލްޓީ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ނަމަވެސް، ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާޤިބް ވަނީ މަތަކޮށްފައެވެ. ނަމަވެސް އޭގެ ހަމިނެޓުފަހުން ނިއުން ލަނޑެއް ކާމިޔާބުކޮށް ލީޑު ނެގިއެވެ. މި ލަނޑު ސެންޓޭ ދިން ޕާހަކުން ކާމިޔާބުކުރީ އެޓީމުގެ ބިދޭސީ ފޯވާޑު އަތުހިއޭ ކިޕްސަން އެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ފޯކައިދޫގެ ޑިފެންޑަރު އަހުމަދު ވިޖުދާނު އަނިޔާވިކަމަށް މަކަރުހެދުމުން ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު އޭނާ އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މެޗުގެ އެންމެ ފަހުވަގުތު ސެންޓޭ ވަނީ ލިބުނު ޕެނަލްޓީއަކުން ނިއުއަށް ދެވަނަ ލަނޑެއް ކާމިޔާބުކޮށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.
ޓީސީ އިން ވިކްޓަރީ ކޮޅަށް ޖެހި ހަތަރު ގޯލުވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު އިތުބާރު ފޯވާޑު އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަހާފު ފެށިތާ ކައިރީގައެވެ. ދަގަނޑޭ ހެޓްރިކް ހެދި ލަނޑަކީ ވިކްޓަރީގެ ޑިފެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ދަގަނޑޭވަނީ ހަތަރުވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ.
ލީގުގައި ދެން އެންމެ އަވަހަށް މެޗެއް އޮންނާނި އަންނަ ބުރާސްފަތި ދުވަހު ހަވީރުއެވެ. އެ މެޗުގައި ވާދަކުރާނި ވިކްޓަރީ އާއި ފޯކައިދޫއެވެ.