މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވާ އޮޑި ސްޕޯޓްސް ކްލަބަށް އޮސްޓްރޭލިއާގެ ތަޖުރިބާކާރު ކޯޗު، އިއަން އެންޑްރޫ ގިލަން ގެނެސްފިއެވެ.
އޮޑި ފުރަތަމަ ޑިވިޝަނަށް ނުކުންނަނީ އެންމެފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަމާއެކުގައެވެ. އެޓީމަށް ދެވަނަ ޑިވިޝަނުގައި އިރުޝާދު ދިން ކޯޗަކީ މުހައްމަދު އާތިފް (އާތީ)އެވެ. އޭނާ ސީޒަނަށް ނުކުންނާނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމުގައެވެ.
އޮޑިއަށް ގެނައި ސްކޮޓްލޭންޑަށް އުފަން ކޯޗު، އުމުރުން 60 އަހަރުގެ ގިލަންއަކީ ކޯޗިންގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރު ކަމާއި ޔޫތު ޑެވަލޮޕްމަންޓްގެ މަސައްކަތްތަކުގައިވެސް މީގެ ކުރިން އުޅެފައިވާ ކޯޗެކެވެ. އޭނާގެ ކޯޗިންގައި މަސައްކަތް ކުރަމުންދާތާ 25 އަކަށް އަހަރުވެއްޖެއެވެ.
ޔޫއެފާ ޕްރޯ ލައިސަންސް ކޯޗު ގިލަންއަކީ ޔޫއެފާ ޕްރޯ ލައިސަންސް ކޯޗެކެވެ. އޭނާ ވަނީ މީގެ ކުރިން އިންޑޮނޭޝިއާ، މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ނޭޕާލްގައިވެސް މަސައްކަތް ކޮށްފައެވެ. އޭގެ އިތުރުން އޮސްޓްރޭލިއާގައިވެސް ގިލަން މަސައްކަތް ކުރިއެވެ.
އޮޑިން ފުރަތަމަ ޑިވިޝަނަށް ނުކުންނަން ތައްޔާރުވާ އިރު، ދެވަނަ ޑިވިޝަނުގައި އެޓީމަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ)އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކް، މުހައްމަދު ރަޝީދު (ހޮކޭ) ވެސް އަންނަ ސީޒަނުގައި ފެންނާނީ އެ ކްލަބުންނެވެ. އޭގެ އިތުރުން ހުސެއިން ނިހާން (ނިހާޓް)އާއި ތަޖުރިބާކާރު ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އޮޑިއަށް ސޮއިކޮށްފައިވެއެވެ.