މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

މާޒިޔާއަށް މޮޒަމްބީކްގެ މިޑްފީލްޑަރެއް ގެނެސްފި

ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޮޒަމްބީކުގެ މިޑްފީލްޑަރެއް ކަމަށްވާ، ރިކާޑޯ މޮންޑްލޭންގެ ސޮއި ހޯދައިފިއެވެ.

މާޒިޔާއިން ރޭ އިއުލާނުކުރި މިޑްފީލްޑަރު މޮންޑްލޭންއަކީ އުމުރުން 25 އަހަރުގެ ޑިފެންސިވް މިޑްފީލްޑަރެކެވެ. އޭނާ މީގެ ކުރިން ކެރިއަރުގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ޕޯޗުގަލްގެ އެކި ޑިވިޝަންތަކުގައެވެ. މޮންޑްލޭންއަކީ މެދުތެރޭގެ އިތުރު މަގާމުތަކަށް ވެސް ކުޅެވޭނެ ގާބިލު ކުޅުންތެރިއެއް ކަމަށް ކްލަބުން ބުނެފައިވެއެވެ.

ރާއްޖޭގެ ލީގު ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، މާޒިޔާއިން ވަނީ މިދިޔަ އަހަރު އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކޮށްފައެވެ. އެ މުބާރާތުގައި ވާދަކުރި ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި ކޯޗުވެސް ފޮނުވާލުމަށްފަހު ސީޒަނަށް އެ ކްލަބުން ތައްޔާރުވަނީ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ލުއިސްމާ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުންނެވެ.

އާ ސީޒަން އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ އިރު، މާޒިޔާއިން ވަނީ އެ ކްލަބަށް ކުރިން ކުޅުނު މޫސާ ޔާމީން (ޔާމްބެ) އާއި ޔަސްފާދު ހަބީބު (މުލަކާ) އަނބުރާ ޓީމަށް ގެންގޮސްފައެވެ. އޭގެ އިތުރުން އެޓީމަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސްކޮޑު އޮތް ޓީމެވެ.