ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު އީގަލްސް ދަތުރުކޮށްފިއެވެ.
ގައުމީ ދަނޑުގައި ކުރިއަށްދާ ޔޫތު މުބާރާތުގައި މިފަހަރު ޖުމުލަ ނުވަ ޓީމަކުން ވާދަ ކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖު ކުޅުނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އީގަލްސް އާއި މާޒިޔާ، ވެލެންސިއާގެ އިތުރުން ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮޑި ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީއަށް ގޮސްފައިވާ އިރު، އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީ މެޗުގައި މާޒިޔާއިން ނުކުތީ ރަނގަޅު ފޯމެއްގައި އޮތް އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މާޒިޔާ މޮޅުވީ 2-2 އިންނެވެ.
މެޗުގެ ފުރަތަމަ ގޯލު، މާޒިޔާގެ މުހައްމަދު އިލާން އިމްރާން ޖަހައިދިން އިރު، އޭގެފަހުން އަހްޒަމް ރަޝީދު ދެ ގޯލު ޖަހައި، އޮޑިއަށް މެޗު އަނބުރާލަ ދިނެވެ. އެ ނަތީޖާއިން އޮޑި މޮޅުވާން ދަނިކޮށް، އަނެއްކާވެސް މާޒިޔާއަށް އެއްވަރު ކޮށްދިނީ އިލާންއެވެ.
އެއާއެކު ޕެނަލްޓީގައި މާޒިޔާއިން ވަނީ އޮޑި ބަލިކޮށްފައެވެ.
ރޭ ކުޅުނު ސެމީ ދެވަނަ މެޗުގައި އީގަލްސްއާއި ޓީސީ ވާދަކުރި މެޗު އީގަލްސް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެޓީމު ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގައި އީގަލްސްއިން ޖެހި ދެ ގޯލުވެސް ޖެހީ މުހައްމަދު ޝަމްހާނެވެ. އެއީ ދެވަނަ ހާފުގައި އޭނާ ޖަހައިދިން ގޯލުތަކެކެވެ.
އީގަލްސްއާއި މާޒިޔާ ވާދަކުރީ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:30 ގައެވެ.