ރާއްޖޭގެ ފުޓުބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ނިޔާވެއްޖެއެވެ.
ސާންތި މިރޭ ނިޔާވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ސާންތި ނިޔާވި އިރު، އޭނާ ދިޔައީ މިދިޔަ ދެތިން އަހަރު ދުވަހު ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންނެވެ.
ކެންސަރު ބައްޔަށް ފަރުވާ ފެށިފަހުން ވެސް ސާންތި ފުޓުބޯޅައަށް ވަގުތު ހުސްކޮށްފައިވާ އިރު، އޭނާއަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ނުހަނު އަގުހުރި މަސައްކަތްތަކެއް ކުރި ކޯޗެކެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިން އުފެއްދުމުގައި ސާންތި އަބަދުވެސް ފާހަގަކޮށްލެވުނީ ތަފާތު ކޯޗެއްގެ ގޮތުގައެވެ.
ސާންތި ކޯޗު، 2001 ވަނަ އަހަރު ގައުމީ ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އިރު، 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް އޭނާ ފާހަގަ ކުރެވިފައިވެއެވެ.
އޭގެފަހުން ސާންތި ކޯޗު ވަނީ ކްލަބު އީގަލްސްގެ ކޯޗުކަމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޒުވާން ޓީމެއް ބިނާކޮށް، ގައުމީ ޓީމާ ހަމައަށް އެ ކްލަބުން ގިނަ ތަރިންތަކެއް ނެރެދީ، އެ ކްލަބަށް ކާމިޔާބީތައް ހޯދައިދީފައިވެއެވެ. އަދި އޭގެފަހުން ރާއްޖޭގެ ފުޓުބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރުކަމާ ވެސް ހަވާލުވެ ސާންތި ވަނީ ފުޓުބޯޅައިގެ ކުރިއެރުމަށް ވެސް ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ސާންތިއަކީ ކުޅިވަރަށް ހިދުމަތް ކުރުމުގައި ޒުވާނުންގެ ގައުމީ އިނާމުވެސް ހޯދަފައިވާ ހިދުމަތްތެރިއެކެވެ.