މިމަހު 14 ވަނަ ދުވަހު ފަށަން ކުރިން ތާވަލުކޮށްފައިވާ ރާއްޖޭގެ ފުޓުބޯޅަ ސީޒަން، މިމަހުގެ 24 ވަނަ ދުވަހު ފަށާ ގޮތަށް ތާވަލަށް ބަދަލު ގެނެސްފިއެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިދާރާ ހިންގުން ގޯސްވެ، އެތައް މައްސަލަތަކެއްގެ ތެރެއަށް ގޮސް، މިހާރު އޮތީ ނޯމަލައިޒޭޝް ކޮމިޓީއެއްގެ ބެލުމުގެ ދަށުގައެވެ. ފީފާއިން އެ ފިޔަވަޅު އެޅިތާ ދުވަސްތަކެއް ވެފައިވާ އިރު، މިހާރު ރާއްޖޭގެ ލީގު ފުޓުބޯޅަ ނުކުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އެންމެފަހުން ރާއްޖޭގެ ލީގު ކުޅެފައި ވަނީ 2023 ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ.
އެފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފިޔަވާ އެހެން ކްލަބެއްގެ އެއްވެސް ހަރަކާތެއް ހިންގާފައި ނުވާ އިރު، މާޒިޔާއިން ވަނީ އޭއެފްސީ ޗެލެންޖް ލީގަށްފަހު ވެސް ލީގު ފެށޭނެ ކަމަށް ފަރިތަކުރުންތައް ފަށައިފައެވެ. ނަމަވެސް އެފަހަރު ވެސް ސީޒަން ފެށޭނެ ދުވަހެއް ޔަގީން ނުވެ، ތަމްރީނުތައް ހުއްޓާލީއެވެ.
ކްލަބްތަކުގެ ހިޔާލު ހޯދުމަށް އެންމެ ފުރަތަަމަ ފޮނުވި ޑްރާފްޓް ކަލަންޑަރުގައި ހިމަނާފައި އޮތީ ޖެނުއަރީ މަހު 24 ގައި ސީޒަން ފެށުމަށެވެ. އެކަމަކު، ކްލަބްތަކުގެ ހިޔާލު ހޯދުމަށް ފަހު، ނިންމީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފުޓްބޯޅަ ސީޒަން ފެށުމަށެވެ. އެ ތާރީހުވެސް މިހާރު މިވަނީ އަނެއްކާ ފަސްކޮށްފައެވެ.
ކްލަބުތަކުގެ މާލީ ހާލަތާ މެދު މިހާރު ވެސް އެފްއޭއެމް އާއި ސްޕޯޓްސް މިނިސްޓްރީން މަޝްވަރާ ކުރަމުންދާ އިރު، ގިނަ ކްލަބުތަކަކުން ފަރިތަކުރުންތަކަށް ނުކުންނަން އެއްބަސްވަނީ ފައިސާގެ އެހީތެރިކަން ލިބުމުން ކަމަށް މައުލޫމާތު ލިބެއެވެ. އެ ފައިސާ ކްލަބުތަކަށް ހަމަޖައްސަން މަސައްކަތް ކުރަމުންދާ އިރު، ޗެރިޓީ ޝީލްޑް މެޗު މިހާރު ތާވަލުކޮށްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހަށެވެ.
އޭގެފަހުން މިމަހުގެ 26 ވަނަ ދުވަހު ޕްރެސިޑެންޓްސް ކަޕް ފެށުމަށް އާ ތާވަލުގައި ހިމަނާފައިވާ އިރު، ދިވެހި ޕްރިމިއާ ލީގު ފަށަން ހިމަނާފައިވާ ތާރީހަކީ ރޯދަ މަހުގެ ފަހަށް، އޭޕްރީލް ހަތްވަނަ ދުވަހަށެވެ.
އޭގެފަހުން ތިންވަނަ ޑިވިޝަނުގެ މުބާރާތް ފަށަން މެއި 31 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އިރު، އެފްއޭ ކަޕް ފަށަން ތާވަލުކޮށްފައި ވަނީ ޖުލައި 12 އަށެވެ. ސީޒަނުގެ އެންމެފަހު މުބާރާތް ކަމަށްވާ ދެވަނަ ޑިވިޝަން ފަށަން މިހާރު ދީފައިވާ ތާރީހަކީ ޖުލައި 18 އެވެ.