މިމަހު 14 ވަނަ ދުވަހު ފަށަން ތާވަލުކޮށް، މިމަހުގެ 24 ވަނަ ދުވަހަށް ފަސްކުރި ސީޒަން ފަށާ ތާރީހު އަނެއްކާވެސް ފަސްކޮށްފިއެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިދާރާ ހިންގުން ގޯސްވެ، އެތައް މައްސަލަތަކެއްގެ ތެރެއަށް ގޮސް، މިހާރު އޮތީ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުގައެވެ. ފީފާއިން އެ ފިޔަވަޅު އެޅިތާ ދުވަސްތަކެއް ވެފައިވާ އިރު، މިހާރު ރާއްޖޭގެ ލީގު ފުޓުބޯޅަ ނުކުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އެންމެފަހުން ރާއްޖޭގެ ލީގު ކުޅެފައި ވަނީ 2023 ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ.
އެފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފިޔަވައި އެހެން ކްލަބެއްގެ އެއްވެސް ހަރަކާތެއް ހިންގާފައި ނުވާ އިރު، މާޒިޔާއިން ވަނީ އޭއެފްސީ ޗެލެންޖް ލީގަށްފަހު ވެސް ލީގު ފެށޭނެ ކަމަށް ފަރިތަކުރުންތައް ފަށައިފައެވެ. ނަމަވެސް އެފަހަރު ވެސް ސީޒަން ފެށޭނެ ދުވަހެއް ޔަގީން ނުވެ، ތަމްރީނުތައް ހުއްޓާލީއެވެ.
ކްލަބްތަކުގެ ހިޔާލު ހޯދުމަށް އެންމެ ފުރަތަަމަ ފޮނުވި ޑްރާފްޓް ކަލަންޑަރުގައި ހިމަނާފައި އޮތީ ޖެނުއަރީ މަހު 24 ގައި ސީޒަން ފެށުމަށެވެ. އެކަމަކު، ކްލަބްތަކުގެ ހިޔާލު ހޯދުމަށް ފަހު، ނިންމީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފުޓުބޯޅަ ސީޒަން ފެށުމަށެވެ. އޭގެފަހުން އެ ތާރީހު މިމަހު 24 ވަނަ ދުވަހަށް ފަސް ކުރުމަށްފަހު، މިހާރު އަނެއްކާ ވެސް މިވަނީ، އޭޕްރީލް މަހު އަށް ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށެމަށެވެ.
މިހާތަނަށް ހަތަރު ފަހަރަށް ސީޒަން ފަށާ ތާރީހު ފަސްކޮށްފައިވާ އިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވަނީ ކްލަބުތަކުގެ ފައިސާގެ މައްސަލައެވެ. އެފްއޭއެމް ސީޒަނަށް ތައްޔާރުވާން ކްލަބުތަކަށް ދޭ ފައިސާ ދިނުން ލަސްވެފައިވާ އިރު، މިހާތަނަށް އެ ފައިސާގެ ތެރެއިން ބައެއް ކޮންމެ ކްލަބަކަށްވެސް ސްޕޯޓްސް މިނިސްޓްރީން ވަނީ ދީފައެވެ.
އެގޮތުން ލީގުގައި ވާދަކުރާ 10 ކްލަބުގެ ތެރެއިން ކޮންމެ ކްލަބަކަށް ފަސް ލައްކަ ރުފިޔާ މިހާތަނަށް ދީފައިވާ އިރު، ދާދިފަހުން މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ކްލަބުތަކާއެކު ހާއްސަ ބައްދަލުވުމެއްވެސް ބާއްވައިފައެވެ.