ސްރީލަންކާ

ލަންކާގެ ހަމަނުޖެހުންތަކުގައި ދެ މުސްލިމަކު މަރާލައިފި

1

ސްރީލަންކާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި ދެ މުސްލިމަކު މަރާލައިފިއެވެ.

ލަންކާގައި ދެ މުސްލިމުން މަރާލާފައިވާކަން ބައެއް ބޭރުގެ މީޑިއާތަކަށް އެގައުމުގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި މަރާލާފައިވަނީ އަމީރު ނަމަކަށް ކިޔާ މުސްލިމަކާއި ފައިސުލް ހަމީދު ނަމަކަށް ކިޔާ މުސްލިމެކެވެ. އޭގެ އިތުރުން އެކަކަށް ޒަހަމުވެފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ލަންކާގައި ހިންގަމުންދާ ހަމަނުޖެހުންތަކަކާ ގުޅިގެން އެގައުމުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ. ލަންކާގެ ފުލުހުން ބުނީ މިރޭ 9:00 އިން ފެށިގެން ފަތިހު 4:00އާ ހަމައަށް އެގައުމުގައި ކާފިއު އިއުލާންކޮށްފައިވާ ކަމަށެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން އަނެއްކާވެސް ލަންކާގައި ވަނީ ސޯޝަލް މީޑިއާ ބްލޮކްކޮށްފައެވެ. އޭގެ އިތުރުން ބައެއް ސަރަހައްދުތަކުން ވަނީ އިންޓަނެޓުގެ ހިދުމަތް ވެސް މެދުކަނޑާލައިފައެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ހަމަނުޖެހުންތަކަކީ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟