ސްރީލަންކާ

ކާފިއު އިއުލާންކޮށްފައިވާ ވަގުތުތަކުގައި ބޭރަށް ނުކުމެ ނޫޅުމަށް ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އެމްބަސީން އިލްތިމާސްކޮށްފި

ކާފިއު އިއުލާންކޮށްފައިވާ ވަގުތުތަކުގައި ބޭރަށް ނުކުމެ ނޫޅުމަށް ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފިއެވެ.

ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކަކާ ގުޅިގެން އެގައުމުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ. ލަންކާގެ ފުލުހުން ބުނީ މިރޭ 9:00 އިން ފެށިގެން ފަތިހު 4:00އާ ހަމައަށް އެގައުމުގައި ކާފިއު އިއުލާންކޮށްފައިވާ ކަމަށެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން ކުރި ޓުވީޓެއްގައި ބުނީ ލަންކާގައި ދިރިއުޅޭ ދިވެހީން ކާފިއު އިއުލާންކޮށްފައިވާ ވަގުތުތަކުގައި ބޭރަށް ނުކުމެ ނޫޅުމަށާއި ލަންކާ ސަރުކާރުގެ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އުތުރު ހުޅަނގު ޕްރޮވިންސްއާއި ގަމްޕަހާއަށް ފުރަތަމަ ކާފިއު އިއުލާންކުރި ނަމަވެސް، މިހާރު ލަންކާގެ ހުރިހާ ސަރަހައްދަކަށް ވެސް ވަނީ ކާފިއު އިއުލާންކޮށްފައެވެ. ލަންކާގެ ސިފައިން ވަނީ ހަމަނުޖެހުންތައް ހިންގައި، އެފަދަ ކަމެއްގައި ބައިވެރިވާ ފަރާތްތައް ހައްޔަރުކުރާނެ ފަދަ އިންޒާރެއް ވެސް ދީފައެވެ.