އެމްޑީޕީ

ރައީސް ޔާމީންގެ ސަރުކާރު ނިމިއްޖެ، ރައީސް ނަޝީދަށް ހުރަސް އަޅާނެ ފަރާތެއް ނޯންނާނެ: އިންތި

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރު މިހާރު ނިމިފައިވާ ކަމަށާއި ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހުރަސްއަޅާނެ ފަރާތެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނެވުމުން މަރުހަބާ ދެންނެވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ އެންމެ މަތީ ޝަރަފާއެކު ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރަކީ މިހާރު ނިމިފައިވާ ސަރުކާރެއް. މިހާރު ދިވެހިރާއްޖޭގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުކޮށްފައިވަނީ އެމްޑީޕީގެ ބޭފުޅެއް. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް. ދެން މިކަމަށް ހުރަސްއަޅުއްވާނެ އެއްވެސް ފަރާތެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ އެންމެ މަތީ ޝަރަފާއެކު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން ސިޔާސީ މައިދާނުގައި މަސައްކަތްކުރެއްވުމުގެ ހައްގު ލިބިވަޑައިގެންފައިވާ ކަމާއި އެކަން ކުރައްވަން ޖެހޭނެ ކަމަށް ގޮވާލާ ކަމަށެވެ.

"ރައީސް ނަޝީދަކީ ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ އިންތިހާބުވެވަޑައިގެންނެވި ބޭފުޅާ. އެހެންވީމާ ރައީސް ނަޝީދަކީ މިނިވަނެއް. ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން ސިޔާސީ މައިދާނުގައި މަސައްކަތްކުރެއްވުމުގެ ހައްގު ލިބިވަޑައިގެންފައިވާ ކަމާއި އެކަން ކުރައްވަން ޖެހޭނެ ކަމަށް އެބަ ގޮވާލައްވާ. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން އެގޮތަށް އެބަ ގޮވާލައްވާ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން އެބަ އެގޮތަށް އެދޭ. އެހެންވީމާ ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަންނަވާ އިރު، އެމަނިކުފާނުގެ ސަޕޯޓަރުންނަށް ތައްޔާރުކޮށްފައިވާ ހާއްސަ ޓީޝާޓެއް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކާލައިފައެވެ. ރީނދޫ ކުލައިގެ އެ ޓީޝާޓުގައި ލިޔެފައިވަނީ "މިއީ ހިތާ ހިތުގެ ގުޅުމެއް" އެވެ. އެ ލިޔުން ކޮޅަކީ ރައީސް ނަޝީދުގެ އަތުން ލިޔުއްވާފައިވާ ލިޔުންކޮޅެއް ކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ ރައީސް ނަޝީދު އެ ދުވަހު އެއް ނަމްބަރު ފާލަމުން މާލެ ވަޑައިގެން ޗާންދަނީ މަގުން މަޖީދީ މަގަށް އަޅައި، އާޓިފިޝަލް ބީޗަށް ވަޑައިގަންނަވާނެ ކަމަށާއި އާޓިފިޝަލް ބީޗް ސަރަހައްދުގައި އެކި ދާއިރާތަކުގެ ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތިބޭނެ ކަމަށެވެ. އަދި ރައީސް ނަޝީދު ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.