ޚަބަރު

މެޑަމް ސާޖިދާގެ ފަރާތުން މަންދީގެ މައްޗަށް ދައުވާކޮށްފި

2

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާކޮށްފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް މިއަދު ހުށަހެޅުއްވީ، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ހިންގަވާ ލޯ ފާމް "ރެހެންދި ޗެމްބާސް" އިންނެވެ.

އެކަމާ ގުޅިގެން އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އުމައިރަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވައި، އުމެއިރުގެ ކިޔެވުމަށާއި މުސްތުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

މަންދީގެ މައްޗަށް ދައުވާކުރީ އޭނާގެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލައިފައިވާތީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅަައިގެންފައިވާތީ ކަމަށް އާޒިމާގެ ބަޔާނުގައިވެއެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވަނީ، ރާއްޖޭގައި ވޭޕް މަނާކުރީ، ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރާކަން ފަޅާއެރުމުން ކަމަށާއި އެއީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވުމުގެ ނަތީޖާ ކަމަށް ތުހުމަތުކޮށްފައެވެ.

ނަމަވެސް އެކަން ފަސްޓް ލޭޑީ ސާޖިދާ ވަނީ ދޮގުކުރައްވައިފައެވެ. މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ ދަރިކަލުން އުމެއިރަކީ، ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލެއް ކޮށްފައިނުވާ އަދި ވޭޕްވެސް ބޭނުންކުރާ ކުއްޖެއް ނޫން ކަމަށެވެ.

އެހެންވެ، ދަރީންގެ ހައްގުގައި މަންދީގެ އިތުރުން އެމްޑީޕީއަށާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށްވެސް ދައުވާކުރަން އެ ކަމަނާ ނިންމެވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟