އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބޭރު (މަންދީ) ގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހުމުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެކަން ކުށްވެރިކުރައްވައިފިއެވެ.
މާންދީ ގަޔަށް ރޭ ކަޅުތެޔޮ ޖަހައިފައިވަނީ ރޭގެ މުޒާހަރާއަށްފަހު އޭނާ ސައިކަލުގައި ގެޔަށް ދިޔަ މަގުމަތީގައި، އެހެން ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ދެ މީހެކެވެ. މާންދީ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭ 1:07 އެހާކަންހާއިރެވެ. މާންދީ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހުމުން އެއީ ފަސްޓް ލޭޑީ ކުރުވި ކަމެއް ކަމަށް މާންދީ ވަނީ ތުހުމަތުކޮށްފައެވެ.
އެކަމާ ގުޅިގެން ފަސްޓް ލޭޑީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަޅުތެޔޮ ޖެހުން ފަދަ ކަންކަމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބޭރުގެ ކަޅު ތެޔޮ ޖެހުން އަޅުގަނޑު ކުށްވެރިކުރަން، މިފަދަ ދިމާކުރުންތައް އެއްވެސް ވަރަކަށް ބަލައިނުގަނެވޭނެ،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.
ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ ކަންކަން ހަލަބޮލި ނުކޮށް، އިންސާފު ގާއިމުކުރުމަށް ޖާގަދޭން އިލްތިމާސްކުރައްވާ ކަމަށެވެ.
މާންދީ ގަޔަށް ބަަޔަކު ކަޅުތެޔޮ ޖެހި އިރު، އެމްޑީޕީން މިހާރު ކުރަމުންދާ މުޒާހަރާތަކުގެ މާންދީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކައިފައެވެ. އެ ވާހަކަތަކުގެ ސަބަބުން ދަރިކަލަށް ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށް ފަސްޓް ލޭޑީގެ ގާނޫނީ ޓީމުން ވަނީ ފާހަގަކުރައްވައިފައެވެ.
މުޒާހަރާގައި ދެއްކި އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު މަންދީ އާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން، މެޑަމް ސާޖިދާ މުހައްމަދު ވަނީ ނިންމަވައިފައެވެ.