އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތައް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި، ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތައް ދައްކާފައިވަނީ، އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އެވެ.
އެ ވާހަކަތަކާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް، އެ ހައްގު ބޭނުންކުރުމުގައި އެހެން ފަރާތެއްގެ ހައްގަކަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނާންނަކަން ކަށަވަރުކުރުމާއި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުކުރުމަކީ ދިވެހި މުޖުތަމައުގެ އެންމެހާ ފަރުދުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް އެ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
"ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިދީފައިވާ އިރު، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދެއްކުމާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައިވާތީ، ކުޑަކުއްޖަކާ މެދު ހިންގާފައިވާ މި އަމަލު ކުށްވެރިކުރަމެވެ..،" އެ ބަޔާނުގައި ބުންޏެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ ކުޑަކުދިންނާ މެދު ހިންގާ އެފަދަ އަމަލުތަކަކީ އޭގެ ސަބަބުން އެ ކުދިންގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަވެ، ނަފުސާނީގޮތުން އެ ކުދިންނަށް ބޮޑެތި ނޭދެވޭ އަސަރުތައް ތަހައްމަލުކުރުވާ ފަދަ ކަންކަން ކަމަށެވެ. އަދި ކުޑަކުދިންގެ ކަރާމާތާއި މަސްލަހަތަށް އުނިކަން އަތުވެދާނެ އެފަދަ އަމަލުތައް ނުކުރުމަށާއި، އެ ކުދިންނަށް ލިބިދޭންޖެހޭ އެންމެހާ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހުރިހާ ފަރާތްތައް ވެސް ދެމިތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މުޒާހަރާގައި ދެއްކި އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު މަންދީ އާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވަނީ ނިންމަވައިފައެވެ.