ދަރިކަލުން އުމައިރު މުހަންމަދު މުއިއްޒަކީ ދުވަހަކު ވެސް ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރި ކުއްޖެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި، އުމެއިރު ވޭޕް ބައްލަވާ ކަމަށް ތުހުހުމަތުކޮށް، އެ ޕާޓީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާޒަން ފައްޔާޒު އިސްމާއީލަށް ދައުވާ ކުރަން ނިންމާފައިވާކަން ހާމަ ކުރައްވައި މެޑަމް ސާޖިދާ ނެރުއްވި ބަޔާނެއްގައި ވަނީ، އުމެރިއަކީ ވޭޕް ބައްލަވާ ކުއްޖެއް ނޫން ކަން ކަށަވަރު ކޮށްދެއްވައިފައެވެ.
"އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން،" މެޑަމް ވިދާޅުވެފައިވެއެވެ.
ނަމަވެސް އުމައިރަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކައި، މީޑިއާ އާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީ ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް ކަމަށާއި އުމައިރަކީ 16 އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ އިރު، އެއީ ކުރިމަތީގައި މުސްތަގުބަލު އޮތް، ތައުލީމީ ހަޔާތް އަދި ފުރިހަމަނުވާ ކުއްޖެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އޭނާގެ ބައްޕަ އަދި އަޅުގަނޑުގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް އެއްވެސް ބާރުވެރިކަމެއް ވެސް ނެތް، މަންމަ އާއި ބައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެކެވެ. މީގެ އިތުރުން، އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅާއި، އަށް އަހަރުގެ ހަގު ދަރިފުޅަށް ގަނާ (bully) ކުރުމާއި ފުރައްސާރަ (harass) ކުރުމުގެ މަސައްކަތްތަކެއް އިސްވެދެންނެވި ފަރާތްތަކުން މިހާރު ފަށާފައިވާކަމީ ވެސް ބަލައިގަންނަން އުނދަގޫ ކަމެއްކަމުގައި ދަންނަވަން،"
އެގޮތުގެމަތިން ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތް ނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުއްވުމަށް ގަސްތު ކުރެއްވީ ކަމަށްވެސް މެޑަން ސާޖިދާ ވިދާޅުވެފައިވެއެވެ.
"އެއީ ތިޔައިން ކޮންމެ ބޭފުޅަކު ފަދައިން އަޅުގަނޑުގެ ވެސް އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ އަޅުގަނޑުގެ ދަރިން ކަމުގައިވީތީއެވެ. އަދި ހަމައެއާއެކު، އަޅުގަނޑުގެ ކުދިންގެ ރައްކާތެރިކަމާއި މުސްތަގްބަލު ކަށަވަރުކުރުމަކީ އެކުދިންގެ ބައްޕަ އާއި އަޅުގަނޑުގެ ޒިންމާއަކަށްވީތީއެވެ،"
އެ ބަޔާނުގައި މެޑަމް ވިދާޅުވެފައި ވަނީ މިފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އާއިލާތަކުގެ ނަމާއި އަބުރު ނަގާލައި، ކަމާނުބެހޭ މައުސޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ އަމަލުތަކެއް ހިނގަމުންދާ ކަމަށެވެ.
"ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުންދާ އިރު، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަގްބަލުގައި މި ފަދަ މަގާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައި ވެސް ކުރަންޖެހޭ ކަމެއްކަމުގައި ގަބޫލުކުރަން، އަޅުގަނޑު މިފިޔަވަޅުތައް މިއަޅަނީ މިކުދިންގެ މަންމަގެ ހައިސިއްޔަތުން އަޅުގަނޑު އަމިއްލައަށް ފަރުދީގޮތުން،"