ބާސްކެޓްބޯޅަ

ޒުވާން ބާސްކެޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފި

ސްރީލަންކާގައި ކުރިއަށްދާ ފީބާ 18 އަހަރުން ދަށުގެ މުބާރާތުގެ ސައުތު އޭޝިއަން (ސާބާ) ކޮލިފައިންގެ ތިންވަނަ ހޮވި މެޗު ކާމިޔާބުކޮށް، ރާއްޖެއިން ލޯ މެޑަލް ހޯދައިފިއެވެ.

ހަތަރު ޓީމުން ވާދަކުރި މުބާރާތުގެ ތިންވަނަ ރާއްޖެއިން ހޯދީ ބަންގްލަދޭޝް ކައިރިން 59-57 އިން މޮޅުވެގެންނެވެ. ލީގު ބުރުގައި ރާއްޖެއިން ބަންގްލަދޭޝް ކައިރިން 66-55 އިން މޮޅުވެފައިވާ އިރު، އެއީ ބައިނަލްއަގުވާމީ މައިދާނުގައި 18 އަހަރުން ދަށުގެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ.

އޭގެފަހުން ގްރޫޕް ސްޓޭޖުގައި ރާއްޖެއިން އިންޑިއާ އަދި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ވަނީ ބަލިވެފައެވެ. އިންޑިއާ ކައިރިން ރާއްޖެ ބަލިވީ 117-44 އިންނެވެ. ސްރީ ލަންކާ ކައިރިން ރާއްޖެ ބަލިވީ 102-76 އިންނެވެ.

މިއަދު ތިންވަނަ ހޮވި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ރާއްޖެއިން ރަނގަޅު ލީޑެއް ދަމަހައްޓަމުން ގޮސް، މެޗު ނިންމާލީ ދެ ޕޮއިންޓްގެ ލީޑެއް ހިފަހައްޓައިގެންނެވެ. މެޗުގެ ފަހު ވަގުތު ޓީމު ވަނީ ވަރަށް ބޮޑަށް ހިތްވަރު ކޮށްފައެވެ.

ރާއްޖެއިން ލޯ މެޑަލް ހޯދި ޓީމުގެ ކޯޗަކީ ސީނިއާ ޓީމުގައި ވެސް މަސައްކަތްކުރަމުން އަންނަ ކޯޗު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ، މުހައްމަދު ޒިލާލް (ޒިލާ) އެވެ.

މިފަހަރު ސްރީ ލަންކާގައި ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާއިންނެވެ. އެއީ ފައިނަލުގައި ސްރީލަންކާ ބަލިކޮށްގެންނެވެ.