ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕްގެ ސާބާ ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ބަންގްލަދޭޝް ބަލިކޮށްފިއެވެ.
ސްރީލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން އިއްޔެ ކުޅުނު މެޗުގައި މޮޅުވީ 66-55 ޕޮއިންޓްގެ ސްކޯއަކުންނެވެ. އެއީ ބައިނަލްއަގުވާމީ މެޗެއްގައި އަދި މުބާރާތެއްގައިވެސް ރާއްޖޭގެ ބާސްކެޓް ޓީމަކުން ހޯދި ފުރަތަމަ މޮޅެވެ. ކޯޗު މުހައްމަދު ޒިލާލް (ޒިލާ)ގެ އިރުޝާދުގެ ދަށުން ކުޅޭ ޒުވާން ޓީމުގެ ފަރާތުން އިއްޔެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
ހާއްސަކޮށް މެޗުގެ ފަހު ވަގުތުގައި ރާއްޖޭގެ ޓީމުން ރަނގަޅު ފޯމެއްގައި ކުޅެފައިވާ އިރު، މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓާއި ފަސް އެސިސްޓްގެ އިތުރުން 15 ރީބައުންޑް ހެދި އައިކް އަހުމަދު މައުރޫފެވެ.
ފީބާ ކޮލިފިކޭޝަންގައި ރާއްޖެ އަދި ބަންގްލަދޭޝް އިތުރުން ދެން ހިމެނެނީ އިންޑިއާ އާއި ސްރީލަންކާއެވެ. އިންޑިއާގެ ފުރަތަމަ މެޗުގައި އިއްޔެ ސްރީ ލަންކާ ބަލިކުރީ 88-44ގެ ސްކޯއަކުންނެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި މިއަދު ހަވީރު 4:00 ގައި ވާދަކުރާނީ އިންޑިއާއާއެވެ.