ދިރާގު ދިވެހި ޕްރިމިއާ ލީގު ދެވަނަ ބުރު ފެށި މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު މާޒިޔާ ސްޕޯޓްސް އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.
މާޒިޔާ އިން ގްރީން ބަލިކުރީ 2-4 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފެށުމުގެ ކުރިން ވަނީ ދާދިފަހުން މަރުވި ރާއްޖޭގެ ކުރީގެ ކޯޗެއް ކަމަށްވާ ޑަރެން ސްޓެވާޓްގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ.
މެޗު ފަށައިގެން ވަރަށް ކުރީކޮޅު ގްރީން އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ރޮލާންޑް ރަސެލްއެވެ. ގްރީންގެ މި ލަނޑާއެކު މާޒިޔާއިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން ފެށިއެވެ. އެގޮތުން އެންމެފަހުން މާޒިޔާ ކުޅުނު މެޗަށް ސަސްޕެންޑްވި ކޯނެލިއަސް ސްޓެވާޓްގެ ކުޅުން ފާހަގަކޮށްލެވެއެވެ.
ނަތީޖާއަކަށްވީ، މެޗުގެ 29 ވަނަ މިނެޓުގައި މާޒިޔާގެ ޔަޝްފާދު ހަބީބު (މުލަކޭ) ނަގައިދިން ކޯނަރަކުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ މުޙައްމަދު އިރުފާން (އިރޭ) ބޮލުންޖަހާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާ މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.
ނަމަވެސް، މެޗުގެ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ގްރީން އިން ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް އަލުން ލީޑު ނަގާފައެވެ. މި ލަނޑު ލިބުނު ހިލޭޖެހުމަކުން ގޯލުގެ ކަނަށް ފޮނުވާލީ އަހްމަދު ރިލުވާން (ރިލޭ) އެވެ. މާޒިޔާއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 79 ވަނަ މިނެޓުގައި ސްޓެވާޓްއެވެ. މި ނަތީޖާއާއެކު މެޗު ނިމިގެން ހިނގައަިދާނެކަމަށް ބެލެވުނު ނަމަވެސް، ސްޓެވާޓް ވަނީ މެޗުގެ 87 ވަނަ މިނެޓުގައި މާޒިޔާއަށް ލަނޑެއް ކާމިޔާބުކޮށްދީ ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.
އަދި މެޗުގެ އެންމެ ފަހު ވަގުތު ގްރީންގެ އަލީ ސަމްދޫޙް ފޮނުވާލި ހިލޭޖެހުން މާޒިޔާގެ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނިކުތްބޯޅައިން މާޒިޔާ އުފެއްދި ކައުންޓާ އެޓޭކުން އަސަދުﷲ އަބްދުﷲ ވަނީ ހަތަރުވަނަ ލަނޑެއް ކާމިޔާބުކޮށް މާޒިޔާއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ ކޯނެލިއަސް ސްޓެވާޓެވެ.