މި ކޮލަމުގައި އެންމެ ފަހުން ޝާއިޢު ކުރި ލިޔުމުގައި ބަލައިލައިފައި ވާނީ ޔޫރަޕިއަން ޔޫނިއަނުގެ ޚާރިޖީ ގުޅުންތަކާއި ދިފާޢީ ކަންކަމާ ބެހޭ އެންމެ އިސް އޮފިޝަލް ޖޮސެޕް ބޮރޭލް ފޮންޓެޔެސްގެ ވަރަށް މުހިއްމު ތަޤުރީރެއްގައި އޭނާ ދެއްކެވި ބައެއް ވާހަކަތަކުގެ މައްޗަށެވެ. ޔޫރަޕާއި ޔޫރަޕުގެ އަހުލުވެރީންނަކީ ދުނިޔޭގެ އެހެނިހެން ހިސާބުތަކާއި އެހެން އިންސާނުންނަށް ވުރެ މަތިވެރި ދަރަޖައަކަށް ވާސިލު ވެފައިވާ ތަނެއް އަދި ބައެއް ކަމަށް ވިދާޅުވެ އޭނާ ދެއްކެވި ވާހަކަތަކުގެ މައްޗަށެވެ. މި ލިޔުމުގައި ވެސް މި ބަލައިލަނީ ބޮރޭލްގެ "ބަގީޗާ ޔޫރަޕު" ތަޤުރީރުގައި ދެއްކެވި ވާހަކައެއްގެ މައްޗަށެވެ. މި ފަހަރު އެއްޗެއް ދަންނަވައިލާން މި އުޅެނީ އޭނާ ދެއްކެވި ވަރަށް ރަނގަޅު ވާހަކައަކާ މެދުގައެވެ. ކޮންމެ ތަނެއްގައި ކޮންމެ މީހަކު ދެއްކިޔަސް، ތެދު އަދި ރަނގަޅު ވާހަކައެއް ވާނީ ތެދަށް އަދި ރަނގަޅަށް ކަމުގައި ވާތީއެވެ.
ބޮރޭލްގެ ތަޤުރީރުގައި، އެކިއެކި ރޮނގުރޮނގުން ޔޫރަޕަށް ޙާޞިލު ކުރެވިފައިވާ ކުރިއެރުންތަކާއި ތަރައްޤީތަކުގެމައިގަނޑު އެއް ސަބަބަކީ "ހަރުދަނާ މުއައްސަސާތައް" ކަމުގައި ވިދާޅުވިއެވެ. ވަރަށް ގިނަ ގޮތްގޮތުން، އެއީ ތެދެކެވެ.
ޝައްކެއް ނެތް ގޮތުގައި، ޔޫރަޕަކީ ރޫޙާނީ ގޮތުން އަނދިރި ތަނެކެވެ. އިންސާނީ ބައެއް ކަހަލަ ހެޔޮ ސިފަތައް ކޮންމެ އިންސާނީ މުޖުތަމަޢެއްގައި ވެސް ކޮންމެވެސް ސިފައެއްގައި ދެމިއޮތުން އިންސާނީ ޠަބީޢަތް ނިޔާ ކުރާ މަގުން ބައެއް ކަހަލަ އިޖުތިމާޢީ އަދަބުތަކާއި ރަނގަޅު އާދަކާދަތަކާއި ބައެއް އަޚްލާޤީ ހަމަތައް ތަނުގައި އޮތުމާ އެކުގައިމެ، އަޚްލާޤީ ގޮތުން ބަނގުރޫޓު ވެފައިވާ ތަނެކެވެ. މާއްދިއްޔަތަށް އަޅުވެތި ވުމާއި ފާޙިޝް ދިރިއުޅުމުގެ ގޮތްތަކުން ކިލަނބު ވެފައިވާ ތަނެކެވެ. ކިތަންމެ ވަރުގަދަ އަދި ވަސީލަތްތެރި ޔުނިވަރުސިޓީތަކާއި ކޮލެޖުތަކާއި ދިރާސީ މަރުކަޒުތަކާއި މަދަރުސާތަކެއް ތަނުގައި ހުއްޓަސް، ޢިލްމީ މައިދާނުގައި ރޫޙާނީ ލޮލަށް ނުފެންނަ، "މާއްދިއްޔަތުގެ ޕެރަޑައިމްތަކަށް" ގޮސް ހުސް ވެފައިވާ، ރޫޙާނީ އަދި އަޚްލާޤީ ޙަޤީޤަތްތަކާ ހަމަޔަށް ވާޞިލު ވުމުގެ ޤާބިލުކަން މުޅީންހެން ނެތިފައިވާ ތަނެކެވެ. ނަފްސާނީ ބަލިތަކާއި، ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް ޔޫރަޕުގައި އިންތިހާއަށް ޢާއްމު ވަމުން، ޙަޤީޤީ އުފާވެރިކަން ތަނުން ނެތެމުން، ޢާއިލީ ނިޒާމު މުޅީން ރޫޅި، އެލްޖީބީޓީކިޔު ފަދަ އިންސާނީ ޠަބީޢަތާ ޚިލާފު ބިރުވެރި ޖަރީމާތަކުގެ ހާއްޔަކަށް ޔޫރަޕު ވަމުން އަންނަނީ މި ސަބަބުތަކާ ހުރެއެވެ. މި ޙަޤީޤަތްތައް ދައްކައިދޭ ފަދައިން، ޔޫރަޕަކީ ޙަޤީޤަތުގައި ބަގީޗާއަކަށް ވުރެ ގަބުރުސްތާނަކާ ގާތް ކުރާ ތަނެކެވެ. އެއާއެކު، އަދިވެސް ޔޫރަޕުގައި ރަނގަޅު ކަންތައްތަކެއް ހުރުމުގެ މައިގަނޑު އެއް ސަބަބަކީ، އަދި މި ދެންނެވި ނުބައިތަކުގެ އަލިފާނުން ޔޫރަޕު މުޅީން އަނދައި ހުލި ނުވެ އޮތުމުގެ އެއް ސަބަބަކީ، ބޮރޭލް އެ ވިދާޅުވި ފަދައިން، މުޖުތަމަޢުގެ ލާބައަށް ޓަކައި ބިނާ ކުރެވިފައި ވާ ހަރުދަނާ މުއައްސަސާތަކެވެ. ޝަހަރުތަކުގެ ޢުމްރާނީ ރީތިކަމުން ފެށިގެން ގޮސް ޤަދަރު ކުރެވޭ އަދި އިތުބާރު ކުރެވޭ ފަނޑިޔާރުގެތަކާ ހަމަޔަށް، ޔޫރަޕުގެ އެތައް ކަމެއް އަދިވެސް ރަނގަޅަށް ހުރުމުގެ އެއް ސަބަބަކީ އެމީހުންގެ މުއައްސަސާތަކެވެ.
ދެން މި ދަންނަވައިލަނީ، ޔޫރަޕުގެ މުއައްސަސާތަކާ ބެހޭގޮތުން ބޮރޭލް ދެއްކެވި ވާހަކަތަކުގެ ދިވެހި ތަރުޖަމާއެވެ.
"(އަޅުގަނޑުމެން) މި އަންނަނީ މުއައްސަސާތައް ބިނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޖޯން މޮނެއި ވިދާޅުވި ފަދައިން، "މީހުން މުހިއްމެވެ. އެކަމަކު މުއައްސަސާތައް މާ މުހިއްމެވެ." މީހުން ދާނެއެވެ. އެކަމަކު މުއައްސަސާތައް އަބަދުވެސް ދެމިހުންނާނެއެވެ. ... ޔޫރަޕާއި ދުނިޔޭގެ އެހެން ތަންތަނާ ދެމެދުގައި ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ. ... އެ ތަފާތަކީ، އަޅުގަނޑުމެންގެ ޤައުމުތަކުގައި ވަރުގަދަ މުއައްސަސާތައް ހުންނަކަމެވެ. މީސްތަކުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމާއި ހެޔޮ ދިރިއުޅުން ކަށަވަރު ކޮށްދިނުމަށް ޓަކައި އެންމެ މުހިއްމު އެއްޗަކީ ހަރުދަނާ މުއައްސަސާތަކެވެ. ތަރައްޤީ ވެފައިވާ ޤައުމުތަކާއި، ތަރައްޤީ ނުވެ ހުރި ޤައުމުތަކާ ދެމެދުގައި ހުރި އެންމެ ބޮޑު ފަރަގަކީ އިޤްތިޞާދީ ތަފާތެއް ނޫނެވެ. އެ ފަރަގަކީ މުއައްސަސާތަކެވެ. ތަރައްޤީ ވެފައި ވާ ޤައުމުތަކުގައި ހަރުދަނާ މުއައްސަސާތައް ހުރުމެވެ. ތަރައްޤީ ނުވެ ހުރި ޤައުމުތަކުގައި ރަނގަޅު، ހަރުދަނާ، އަދި ވަރުގަދަ މުއައްސަސާތައް ނެތުމެވެ. ޔޫރަޕުން އަޅުގަނޑުމެންނަށް ވަކި ފަރާތަކަށް ނުޖެހޭ އަދި މިނިވަން ފަނޑިޔާރުގެތައް ފެނެއެވެ. އާމުދަނީގެ ގޮތުގައި ލިބޭ އެއްޗެއް ބެހުމުގެ މަސައްކަތް ކުރާނޭ ނިޒާމުތައް ފެނެއެވެ. ޔޫރަޕުން، ރައްޔިތުންނަށް މިނިވަން އިންތިޚާބުތައް ބާއްވައިދޭނޭ މުއައްސަސާތަކާއި، އެފަދަ އިންތިޚާބުތައް ފެނެއެވެ. މިތަނުގައި މަގުމަތީގައި ދުއްވާ އުޅަނދުފަހަރުގެ ޙަރަކާތް ހަރުދަނާ ގޮތުގައި ތަންޒީމު ކުރާނޭ ރަތްބޮކިތައް ރަނގަޅަށް މަސައްކަތް ކުރާތަން ފެނެއެވެ. ކުނި ނަގައި ސާފު ކުރުމުގެ މަސައްކަތް ކުރާ މީހުން ހަރުދަނާ ސިފައެއްގައި އެކަން ކުރާތަން ފެނެއެވެ. ދިރިއުޅުން ފަސޭހަ ކޮށް އަމާން ކޮށްދޭ މި ބާވަތުގެ ކަންތައްތަކާއި ނިޒާމުތައް އަޅުގަނޑުމެންގެ ތެރޭގައި ހަރުދަނާ ގޮތެއްގައި ބިނާ ކުރެވިފައި އެބަހުއްޓެވެ.
"މާނައެއް ފައިދާއެއް ބޭނުމެއް ހުރި އެއްޗަކީ މުއައްސަސާތަކެވެ. މުއައްސަސާތައް ބިނާ ކުރުމަކީ ވަރަށް ވެސް ދަތި އަދި އުނދަގޫ ކަމެކެވެ. އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން މަގެއް ހެދިދާނެއެވެ. ބުލްޑޯޒަރަކާއި ފައިސާ އާއި މީހުން ގޮވައިގެން ނުކުތީމާ، އިސާހިތަކު މަގު އޮންނާނީ ހެދިފައެވެ. (މުއައްސަސާތަކަކީ އެހައި ފަސޭހައިން ބިނާ ކުރެވޭ އެއްޗެއް ނޫނެވެ) ... މުއައްސަސާތައް ބިނާ ކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރާން ޖެހޭ މަސައްކަތެކެވެ."
"މުއައްސަސާ" މި މަފްހޫމު ފުޅާކޮށް މާނަ ކުރެވޭ ގޮތަށް ބަލާ އިރު، މުއައްސަސާއަކީ ހަމައެކަނި އިދާރާތަކާއި މަރުކަޒުތައް ފަދަ ތަންތަނެއް ނޫނެވެ. އިންސާނުންގެ ޖަމާޢަތެއް މުޖުތަމަޢެއްގެ ސިފައިގައި ދިރިއުޅޭއުޅުމުގައި، އެ މުޖުތަމަޢުގެ މެންބަރުންގެ ބޭނުންތަކާއި މުހުތާދުތައް ފުއްދުމާއި އިޖުތިމާޢީ އެކިއެކި ލަނޑުދަނޑިތައް ޙާޞިލު ކުރުމާއި އިޖުތިމާޢީ ތަރައްޤީ އާއި ލާބައިގެ މަޤްޞަދުތައް ޙާޞިލު ކުރުމަށް ޓަކައި، ވަކި ހަމަތަކެއް ނުވަތަ އުޞޫލުތަކެއްގެ ދަށުން އަދި ވަކި ގޮތަކަށް އިންތިޒާމު ވެގެން ދާއިމީ ސިފައެއްގައި މުޖުތަމަޢުގައި ހިނގާ ވަރަށް ގިނަ ކަންކަމަށް މުއައްސަސާގެ ނަން ދެވެއެވެ. އޭގެ ތެރޭގައި މާއްދީ އަދި މަޢުނަވީ ނިޒާމުތަކާއި ޢުރުފުތައް ފަދަ ކަންކަން ހިމެނެއެވެ. މުއައްސަސާތަކުގެ ދައުރު ކަމުގައި، މުޖުތަމައުގެ މެންބަރުންގެ ފަރުދީ އަދި ޒާތީ ދިރިއުޅުމުގެ ބައެއް ކަންކަން ތަންޒީމު ކުރުމުން ފެށިގެން ގޮސް، މުޖުތަމަޢުގެ އަމަންއަމާންކަން ނެގެހެއްޓުމާއި، މުޖުތަމަޢުގެ ސަގާފީ އަދި ޤައުމީ ޝަޚްޞިއްޔަތު ރައްކައުތެރި ކުރުން ފަދަ މުހިއްމު އެތައް ކަމެއް ހިމެނެއެވެ. ކޮންމެ މުއައްސަސާއަކީ ވެސް މުޖުތަމަޢުގެ ޢާއްމު ހެވަތަކަށް ޓަކައި ވުޖޫދު ވާ އަދި ދެމިހުންނަ މައުޖޫދެކެވެ. ހަމަ އެހެންމެ، ކޮންމެ މުއައްސަސާއަކީ ވެސް ކަނޑައެޅިގެންވާ ވަކި ދައުރެއް އަދާ ކުރާ، ކަނޑައެޅިގެންވާ ވަކި މަޤްޞަދުތަކަކަށް ޓަކައި ހިނގާ މައުޖޫދެކެވެ.
އިޖުތިމާޢީ ނިޒާމުގެ ސިޔާގުގައި ޤާއިމު ކުރެވޭ މުއައްސަސާތައް މައިގަނޑު ފަސް ދާއިރާއެއްގެ ދަށަށް ބަހައިލެވިދާނެއެވެ. ފުރަތަމަ ދާއިރާއަކީ ދީނާއި ރޫޙާނިއްޔަތެވެ. ދެވަނަ ދާއިރާ އަކީ ޢާއިލާއެވެ. ތިންވަނަ ދާއިރާ އަކީ ޙުކޫމަތު ނުވަތަ ވެރިކަމުގެ ކަންކަމެވެ. ހަތަރުވަނަ ދާއިރާ އަކީ ޢިލްމީ ކަންކަމާއި ޒިހުނިއްޔަތެވެ. ފަސްވަނަ ދާއިރާ އަކީ އިޤްތިޞާދީ ކަންކަމެވެ. ވަރަށް ގިނަ މުއައްސަސާތަކުގެ ދައުރާއި މަޤްޞަދުތައް މީގެ ތެރެއިން އެތައް ދާއިރާއަކަށް ފެތުރިގެންދާކަން ވެސް ފާހަގަ ކުރަމެވެ.
މި ދެންނެވުނު ގޮތުގެ މަތީން، މުއައްސަސާތަކުގެ ގޮތުގައި ސިފަ ކުރެވޭ މައުޖޫދުތަކުގެ ތެރޭގައި މުޖުތަމަޢުގައި އެކިއެކި މުހިއްމު ޒިންމާތައް އަދާ ކުރާ ޝަޚްޞިއްޔަތުތަކުގެ އިޖުތިމާޢީ މަޤާމުތަކުން ފެށިގެން ގޮސް، ދައުލަތުގެ އިދާރާތަކާ ހަމަޔަށް، އެތައް ވައްތަރެއް ހިމެނެއެވެ. މިސާލުތަކެއް ކިޔަމާ ހިންގަވާށެވެ! އިސްލާމީ މުޖުތަމަޢެއްގައި މިސްކިތަކީ މުއައްސަސާއެކެވެ. މިސްކިތުގައި ފަސް ވަގުތަށް ބަންގި ގޮވައި، ޖަމާޢަތުގައި އިމާމު ވެ ނަމާދު ކުރާ އިމާމާއީ މުއައްސަސާއެކެވެ. ދީނީ ޢިލްމު ފަތުރުއްވަވާ ޢާލިމުންނަކީ މުއައްސަސާއެކެވެ. ހުކުރު ދުވަހަކީ މުއައްސަސާއެކެވެ. ޢީދުތަކަކީ މުއައްސަސާތަކެވެ. ރަމަޟާން މަހަކީ މުއައްސަސާއެކެވެ. ހަމަ އެފަދައިން، ދެމަފިރީންގެ މުޤައްދަސް ގުޅުމާއި، އެ ގުޅުމުގެ ތެރެއިން ލިބޭ ދަރީންނާއި ދަރީންގެ ދަރީންނާއި އަޚުން އުޚްތުން، ބޮޑުބޭބެއިން ބޮޑުދައިތައިން، ދެބެއިންގެ ދެދަރީން ފަދަ މީހުން ހިމެނިގެން އުފެދޭ ޢާއިލާ އަކީ މުޖުތަމަޢުގެ އެންމެ މުހިއްމު އެއް މުއައްސަސާއެވެ. ސިޔާސީ ނިޒާމުގައި، ރައީސުލްޖުމްހޫރިއްޔާ އަކީ މުއައްސަސާއެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލިހާއި، ފަނޑިޔާރުގެއާއި، ވުޒާރާތަކާއި، ޙުކޫމަތުގެ ނިޒާމުގެ އެހެނިހެން އޮފީސްތަކާއި އިދާރާތަކަކީ މުއައްސަސާތަކެވެ. ރައްޔިތުންގެ މަންދޫބަކީ މުއައްސަސާއެކެވެ. ސިޔާސީ ޕާޓީތަކަކީ މުއައްސަސާތަކެވެ. ޢިލްމީ މައިދާނުގައި، މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރުސިޓީތަކަކީ މުއައްސަސާތަކެވެ. ޤައުމިއްޔަތާއި އިޖުތިމާޢީ ޝަޚްޞިއްޔަތުގެ ރޮނގަށް ބަލަންޏާ، ޤައުމީ ބަހަކީ ވަރަށް ވެސް މުހިއްމު މުއައްސަސާއެކެވެ. އެ ބަހާއި ޚިދުމަތް ކުރާ މަރުކަޒުތައް ފަދަ ތަންތަނަކީ މުއައްސަސާތަކެވެ. ޤައުމީ ހެދުމަކީ މުއައްސަސާއެކެވެ. މިހެން ގޮސް، އެތައް އެތައް އެއްޗެއް މި ލިސްޓަށް އިތުރު ކުރެވިދާނެއެވެ.
ނަމަވެސް، މި ލިޔުމުގައި ދެން އަޅުގަނޑު ފޯކަސް ކުރާނީ، މުއައްސަސާތައް ނިސްބަތް ވާ މައިގަނޑު ފަސް ބައިގެ ތެރެއިން ޙުކޫމަތު ނުވަތަ ވެރިކަމުގެ ކަންކަން ހިންގުމަށް ޓަކައި އުފައްދާ އެކިއެކި އިދާރީ މުއައްސަސާތަކަށާއި، ޙުކޫމަތުގެ ފަރާތުން މުޖުތަމަޢުގެ ތަފާތު ދާއިރާތަކުގެ ކަންކަން ހިންގުމަށާއި އިޞްލާޙު ކޮށް ތަރައްޤީ ކުރުމަށް ޓަކައި ބިނާ ކުރާ އެކިއެކި އިދާރީ މުއައްސަސާތަކަށެވެ. އާދެ، ދައުލަތުގެ ނިޒާމުގައި ހިމެނޭ ތިން ގުނަނާއި، މިނިވަން މުއައްސަސާތަކާއި، ދައުލަތުގެ ގުނަންތަކުގެ ދަށުން ނުވަތަ އެ ގުނަންތަކާ ވަކީން މުސްތަޤިއްލު ގޮތެއްގައި ހިންގޭ އެކިއެކި އޮފީސްތަކާއި އިދާރާތަކާއި މަރުކަޒުތަކަށެވެ. ވަކި ނަމެއް ކިޔޭ، ވަކި މަސްއޫލިއްޔަތުތަކެއް މަތި ކުރެވޭ، ވަކި ޢިމާރާތެއް ނުވަތަ ބިނާއެއްގައި މަރުކަޒު ޤާއިމު ކުރެވޭ، އަދި އެ ތަނެއްގެ މަސައްކަތްތައް ހިންގުމަށް ޓަކައި ވަންސަވަރަކަށް ވާ ގޮތަށް މުއައްޒަފުންތަކެއް ލައިގެން ހިންގޭ އިދާރާތަކަށެވެ. ދައްކާން މި އުޅެނީ، އެ މުއައްސަސާތައް ހަރުދަނާ ގޮތެއްގައި އުފައްދައި، ތަރައްޤީ ކޮށް، ދެމެހެއްޓުމަށް އަޅުގަނޑުމެންގެ ޤައުމު ފޭލި ވެފައިވާ ގޮތުގެ ވާހަކައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެކި ގޮތްގޮތުން ޤައުމަށް ލިބެމުންދާ ދެރަތަކާއި ނިކަމެތިކަމުގެ ވާހަކައެވެ. ޖޮސެޕް ބޮރޭލްގެ ވާހަކަތަކާ އެއްފަދަ ޢިބާރާތްތަކަކުން ދަންނަވަންޏާ، ހަރުދަނާ އަދި ރަނގަޅު މުއައްސަސާތައް ނެތުމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ނުވާ ޖަންގައްޔެއްގެ ގޮތުގައި އޮންނާން ޖެހިފައި ވާ ގޮތުގެ ވާހަކައެވެ.
ދިވެހި ދައުލަތަކީ ހާސް އަހަރުން ޢުމުރު ގުނޭ ދައުލަތެކެވެ. ކުޑަ ފަޚުރެއް ނޫނެވެ. މިއޮތް ބޮޑު ދުނިޔޭގައި ވެސް، މިނިވަންކަމާއި މުސްތަޤިއްލުކަމާއި ސިޔާދަތާއިގެން އަމިއްލަ ޤައުމީ ދިދައެއް ވިހުރުވާތާ ހާސް ދެހާސް އަހަރު ވީ ޤައުމުތަކުގެ ޢަދަދު އަތުގެ އިނގިލިތަކުން ގުނައިލެވޭ އިރު، ދިވެހިރާއްޖެ އަކީ އޭގެ އެއް ޤައުމެވެ. މިފަދަ ބޮޑު ޝަރަފެއް ލިބިފައި އޮތުމާ އެކުގައިމެ، އަޅުގަނޑުމެންގެ ދައުލަތުގައި ހަރުދަނާ މުއައްސަސާތަކެއް މިއަދަކު ނެތެވެ. ސަބަބަކީ، ކައިރި މާޟީގައި އަޅުގަނޑުމެންގެ ޤައުމުގައި އަދި މުޖުތަމަޢުގައި މުއައްސަސާ ބިނާ ކުރުމުގެ މަސައްކަތް އެކަށީގެންވާ މިންވަރަށް ކުރެވިފައި ނެތުމެވެ. ބިނާ ކުރެވުނު މަދު މުއައްސަސާތައް ވެސް، ޤައުމީ މަޞްލަޙަތުތަކާ މެދު ނުވިސްނާ މީހުންގެ އަތްތަކުން ހަލާކު ކުރެވިފައި ވުމެވެ.
މިސާލުތަކެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރާއްޖޭގައި އިސްލާމީ ތަޢުލީމު ދޭ މަދަރުސާއެއްގެ ގޮތުގައި ހިނގަމުން އައި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ވާހަކަ ދެއްކިދާނެއެވެ. މި ދެ ތަނަކީ، ހަރުދަނާ ދެ މުއައްސަސާގެ ގޮތުގައި 2008 އާ ހަމަޔަށް ރާއްޖޭގައި ހުރި ދެ ތަނެވެ. ނަމަވެސް އެ އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއް ރާއްޖޭގައި ޤާއިމު ވި ހިސާބުން، އެ ދެ މުއައްސަސާ ފުނޑުފުނޑު ކޮށް ސުންނާފަތި ކޮށްލީއެވެ. އާދޭހެވެ! މުއައްސަސާއެއް ބިނާ ކުރުމަށް މަދު ވެގެން އެތައް ދަހަރެއް ނަގައެވެ. މުއައްސަސާއެއް ފުރާފުރިހަމަވުމާ ކައިރިޔަށް ދާން އެތައް ޤަރުނެއް ނަގައެވެ. ނަމަވެސް، ނާޤާބިލު، ނުވަތަ ޚިޔާނާތްތެރި، ނުވަތަ އަމިއްލަ އެދުންތަކަށް ޓަކައި މުޖުތަމަޢަށް ކިތަންމެ ބޮޑު ގެއްލުމެއް ދޭން ވެސް ތައްޔާރަށް ތިބޭ ބައެއްގެ އަތްމަތީން މުއައްސަސާއެއް ހަމަ އެންމެ ދުވަހަކުން ވެސް ހަލާކު ވެގެން ހިނގައިދެއެވެ.
މިއަދު ރާއްޖޭގެ ޙުކޫމަތުގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް ފެންނަނީ ސިޔާސީ ޕާޓީތަކާއި ޤައުމުގެ ބޮޑެތި މުއްސަނދީންގެ އަމިއްލަ އަދި ނާޖާއިޒު އެދުންތައް ފުއްދުމުގެ މަކުރޫހަ މަޤްޞަދުތަކަށް ފޯކަސް ކުރެވިފައި ހުރި މުއައްސަސާތަކެކެވެ. ދައުލަތުގެ ކޮންޓްރޯލުގެ ދަށުން ދިވެހި ޤައުމުގައި ހިނގާ އެއްވެސް މުއައްސަސާއެއް، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަންފާ އާއި ލާބައަށް މަސައްކަތް ކުރާ މަންޒަރެއް ނުފެނެއެވެ. ބައެއް މުއައްސަސާތައް، ޚިޔާނާތްތެރި އަދި ޣަދަރުވެރި ވެރީންތަކެއްގެ ނުފޫޒުގެ ދަށުން، ބޭރުގެ ބާރުތަކާއި ފަރާތްތަކުގެ މަޞްލަޙަތުތަކަށް ޓަކައި ހިނގަމުން ދިޔަ މަންޒަރު ވެސް އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ.
އެންމެ ރީތި އެއް މިސާލަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހެވެ. ޤައުމީ މި މުހިއްމު އަދި ބޮޑު މުއައްސަސާގެ މަޤްޞަދަކީ ވަރަށް ވެސް މާތް މަޤްޞަދެކެވެ. އެ މަޤްޞަދަކީ ދިވެހި ދައުލަތާއި ދިވެހި މުޖުތަމަޢުގެ ކަންކަން ހެޔޮ ގޮތުގައި ތަންޒީމު ކޮށް ހިންގުމަށް ޓަކައި ހެޔޮ ޤާނޫނުތަކެއް ހެދުމެވެ. އެ ޤާނޫނުތަކެއްގެ ބާރުގައި އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީން ރައްކައުތެރި ކުރެވޭނެ، އަދި އެ ދީނުގެ އަލިގަދަ ނޫރުގެ ފާންކަމާއި ފައިދާ މުޅި ދީބަށް ފެތުރޭނޭ ފަދަ ޤާނޫނުތަކެކެވެ. އެ ޤާނޫނުތަކެއްގެ ބާރުގައި އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމު ކުރެވޭނޭ ޤާނޫނުތަކެކެވެ. އެ ޤާނޫނުތަކެއްގެ އަލީގައި އިންސާނީ ކަރާމާތާއި ޝަރަފާއި ޙުރުމަތާއި ޙައްޤުތައް ރައްކައުތެރި ކުރެވޭނޭ ޤާނޫނުތަކެކެވެ. އެ ޤާނޫނުތަކެއްގެ ބާރުގައި މުޖުތަމަޢުގެ މައުޖޫދީ އަސާސްތަކާއި ޝަޚްޞިއްޔަތާއި ޤިޔަމުތައް ރައްކައުތެރި ކުރެވޭނޭ ޤާނޫނުތަކެކެވެ. މި ދެންނެވި ފަދަ ހެޔޮ އަދި ހަރުދަނާ ޤާނޫނުތަކެއް ހެދުމާ އެކު، ރައްޔިތުންގެ މަޖިލިހާ ދެން މަތި ކުރެވިފައި އޮންނަ އަނެއް ޒިންމާ އަކީ، ދައުލަތުގެ އަނެއް ދެ ބާރު ކަމުގައި ވާ މުއައްސަސާތަކުގެ ޙުރުމަތާއި ޝަރަފު ނަގައްޓައި، އެ ދެ ތަނުގެ ކަރާމާތް ޙިމާޔަތް ކުރެވޭނޭ ފަދަޔަކުން، އެ މުއައްސަސާތައް ވެސް ޤާނޫނަށް ޖަވާބުދާރީ ކުރުވުމުގައި ތަވާޒުނީ އަދި ފާރަވެރިވުމުގެ ދައުރެއް އަދާ ކުރުމުގެ ޒިންމާއެވެ. އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ މުއައްސަސާ ހަލާކު ވެ ފާސިދު ވެގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އެ މަޖިލިހަކަށް މިއިން އެއްވެސް ޒިންމާއެއް އަދައެއް ނުކުރެވެއެވެ. އެޔާ ޚިލާފަށް، އެތަނުން ކުރާ ކަމަކީ ޤައުމުގައި ފަސާދަ އާއި ފާސިދުކަން ފެތުރުމެވެ. ފާސިގުކަމާއި ފާޖިރުކަން ފެތުރުމެވެ. ނުބައިހައި ގޮތްގޮތަށް ޤާނޫނުތައް ހެދުމެވެ. ވަކި ބައެއްގެ ސިޔާސީ މަޞްލަޙަތުތަކަށް ޓަކައި ޤައުމުގެ ލެއިނާރުތަކުން އަބަދު ލެއި އޮހޮރުވުމެވެ. މުއްސަނދީންގެ އަތްމައްޗަށް ޤައުމުގެ ޚައިރާތުތަކާއި މުއްސަނދިކަން ޖަމާ ކުރެވި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޢަދާލަތު ނެތިދާނޭހައި ކަންކަން ކުރުމެވެ. މި ކަންކަމާ އެކު، ހުތުރު އުޅުމާއި ހުތުރު ބަހުރުވައިގެ ނަމޫނާތަކެއް އަބަދުމެ ޤައުމަށް ދެއްކުމެވެ. އެ މަޖިލިހުގެ ކަންކަން ހުރި ގޮތުން، މުއައްސަސާއެއްގެ ގޮތުގައި އެތަނުގެ ޤަދަރެއް މިއަދަކު ނެތެވެ. އެތަނަށް އިތުބާރު ކުރުން އެއްކިބައިގައި އޮއްވައި، އެއީ އެއްވެސް ތާކުންތާކު ޖެހޭ ތަނެއް ކަމަށް ދެކޭ ބަޔަކު ވެސް މިއަދު ދިވެހި ޤައުމަކު ނެތެވެ.
ދިވެހި ޤައުމުގައި މުއައްސަސާތައް ބިނާ ކުރުމާ މެދު ދައުލަތުގެ އިސް ފަރާތްތަކުގެ ރަވައްޔާ ހުންނަ ގޮތާއި، މުއައްސަސާތައް ބިނާ ކުރުމާ މެދު ގެންގުޅޭ ފަރުވާކުޑަކަން އަޅުގަނޑަށް ވަނީ ޝަޚްސީ ގޮތެއްގައި ތަޖުރިބާ ކުރެވިފައެވެ. އެއީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމަޔަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފުރަތަމަ ޗާންސެލަރގެ މަޤާމުގައި އަޅުގަނޑު ހުރި ދުވަސްވަރުއެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އަކީ، މުއައްސަސާ ބިނާ ކުރުމުގެ ނަޒަރުން ބަލާ އިރު، ރާއްޖެއަށް އެންމެ މުހިއްމު އެއް މުއައްސަސާއެވެ. އެ ތަނުގެ މައިގަނޑު ދައުރަކީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ކިޔަވައި ދަސްވެނިގެން ޔުނިވަރުސިޓީތަކުން ނުކުންނަ ދަރިވަރުންގެ ތެރެއިން ފަނޑިޔާރުކަމުގެ މަސައްކަތް އިޚްތިޔާރު ކުރާ މީހުންނަށް، ފަނޑިޔާރުކަމަށް ބޭނުންވާ އެކިއެކި ޢަމަލީ ތަމްރީނުތައް ދީގެން، ރަނގަޅު އަދި ޤާބިލު ފަނޑިޔާރުން އުފެއްދުމުގެ މަސައްކަތް ކުރުމެވެ. ފަނޑިޔާރުކަމުގައި ތިބޭ މީހުންނަށް މެދުނުކެނޑޭނޭ ގޮތެއްގައި އިތުރު ޢިލްމާއި ހުނަރުތައް ދަސް ކޮށްދީ، ފަނޑިޔާރުކަމުގައި އެމީހުންގެ ޤާބިލިއްޔަތު އިތުރު ކުރުމެވެ. ފަނޑިޔާރުންގެ މެދުގައި ޢިލްމާއި މަޢުލޫމާތު ޙިއްޞާ ކުރެވޭނޭ މަންސައެއް ފޯރުކޮށްދިނުމެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމުގެ މަތިވެރި ފަލްސަފާގެ ދަށުން، ފަނޑިޔާރުންނަކީ އަބަދުވެސް އެމީހުންގެ ދާއިރާއާ ގުޅޭ އިތުރު އަދި އައު ޢިލްމުތަކާ އެކު ތާޒާ ވަމުން ޒަމާނީ ވަމުން ދާ ބައެއްކަން ކަށަވަރު ކުރުމެވެ. މި ކަންކަމަށް ބަލައިލުމުން، ދައުލަތުގެ އެއް ގުނަން ކަމުގައި ވާ ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރު ހެޔޮ ގޮތުގައި ބިނާ ކޮށް ދެމެހެއްޓުމަށް ޓަކައި ޖުޑީޝަލް އެކަޑަމީއެއްގެ މުހިއްމުކަން ކޮންމެ މީހަކަށް ވެސް ވަޒަން ކޮށްލެވޭނެއެވެ. ދިވެހި ޤައުމުގައި ޢަދުލުއިންޞާފު ނެތުމުގެ އެއް ސަބަބަކީ – އެތައް ސަބަބުތަކެއްގެ ތެރެއިން – ހަރުދަނާ ތަމްރީނުގެ ނިޒާމެއްގެ ތެރެއިން ޤާބިލު ފަނޑިޔާރުން ނުއުފެއްދުމާއި، ތިބޭ ފަނޑިޔާރުންގެ ޤާބިލިއްޔަތު އަހަރުން އަހަރަށް މަތި ނުކުރެވުމެވެ.
ކޮންމެއަކަސް، މިފަދަ މުހިއްމު މުއައްސަސާއެއް 2016 ވަނަ އަހަރު ޤާއިމު ކުރެވި، އެ މުއައްސަސާ ބިނާ ކުރުމުގެ މަސްއޫލިއްޔަތު އަޅުގަނޑާ ޙަވާލު ކުރެވުމުން، އަޅުގަނޑު އިޚްލާޞްތެރިކަމާ އެކު އެ މަސައްކަތް ކުރެވޭތޯ ބެލީމެވެ. ލިބޭން ހުރި ހުރިހައި ވަސީލަތްތަކެއްގެ ބޭނުން ކޮށްގެން، މުއައްސަސާ ބިނާ ކުރުމަށް ބޭނުންވާ ތަފާތު އެކިއެކި ޕްލޭންތައް ހެދީމެވެ. މަޝްރޫޢު ހުށައެޅުންތައް ތައްޔާރު ކުރީމެވެ. ނަމަވެސް މި މަސައްކަތްތަކުން އަޅުގަނޑަށް ފެނުނު ޙަޤީޤަތަކީ، ޖުޑީޝަލް އެކަޑަމީ ފަދަ މުއައްސަސާތައް ބިނާ ކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ޝައުޤުވެރިކަން ކުޑަކަމެވެ. އެންމެ ކުޑަ މިނުން ތަނަށް ބޭނުންވާ ވަރަށް މުއައްޒަފުން ދޭން ވެސް ކަމާ ބެހޭ އިދާރާތަކުން ކުރީ އިންކާރެވެ. އިދާރާ ބިނާ ކުރުމުގެ ގޮތުން، އޮފީސް ނަންބަރަކާއި ބިޒްނަސް އޭރިޔާ ނަންބަރެއް ހޯދާން ތަކުރާރުކޮށް މިނިސްޓްރީ އޮފް ފިނޭންސާއި ރައީސް އޮފީހާ މުޢާމަލާތު ކޮށްގެން ވެސް، ލިބުނީ ނޫން ޖަވާބެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަޑަމީއަށް ލިބުނީ ވަރަށް ވެސް ފޯރިއެއް ނެތް ތަރުޙީބެކެވެ. ތަނުގެ މުއައްސަސާ ބިނާ ކުރުމުގެ މަސައްކަތުގެ ޕްލޭނެއްގެ ދަށުން ތައްޔާރު ކުރި މަޝްރޫޢު ހުށައެޅުންތައް ރައީސް އޮފީހަށް 2019 ވަނަ އަހަރު ފޮނުވުމުން، އެ ހުރިހައި އެއްޗެއް ވެސް އެޅުނީ ކުނި ވަށިގަނޑަށެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ މުއައްސަސާއެއްގެ ގޮތުގައި ބިނާ ކޮށް ތަރައްޤީ ކުރުމަށް އަޅުގަނޑާއި އަޅުގަނޑާ އެކު ތިއްބެވި ބެއިފުޅުން ރެޔާއިދުވާ އެއް ކޮށްގެން މަސައްކަތް ކޮށްކޮށް ތިއްބައި، 2019 ވަނަ އަހަރުގެ ފަހުކޮޅު ކުއްލިޔަކަށް ފެނިގެން ދިޔައީ އެ މުއައްސަސާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ސެކްޝަނެއް ކަހަލަ ތަނަކަށް ބަދަލު ކޮށްލިތަނެވެ. މި ގޮތުގެ މަތީން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ މުއައްސަސާ ހަލާކު ކޮށްލުމުގެ ހަމައެކަނި ބޭނުމަކީ، އެއިރު ވެރިކަމުގައި ތިބި ބާރުގަދަ ބައެއް ފަރާތްތަކުގެ ކަޅު ލިސްޓެއްގައި އަޅުގަނޑުގެ ނަން އޮތުމެވެ. އެހެންކަމުން، އަޅުގަނޑު ވަޒީފާއިން ވަކި ކޮށް މަގުމަތި ކުރުމަށް ޓަކައި އެޅި ފިޔަވަޅެއްގެ ގޮތުގައި، އެކަޑަމީ ވެސް މަރައިލީއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ސެކްޝަނަކަށް އެކަޑަމީ ހެދުމާ އެކު، އެ މުއައްސަސާ ބިނާ ކުރުމަށް ކުރެވެމުން އައި ހުރިހައި މަސައްކަތެއް ހުއްޓުނީއެވެ. ކުރެވިފައި ހުރި ހުރިހައި ޕްލޭންތަކެއް އުކައިލެވުނީއެވެ. އެޔަށްފަހު، ފާއިތު ވެދިޔަ ފަސް އަހަރު މައިގަނޑު ގޮތެއްގައި ފެނިގެން ދިޔައީ، ޔޫއެންޑީޕީ މޯލްޑިވްސްއިން ވަރަށް އިހުއްސުރެ ރާއްޖޭގައި ގެންގުޅޭ "ވެސްޓަރނައިޒޭޝަން" ޕްރޮގްރާމަކާއި، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ކޮންމެވެސް އެޖެންޑާތަކެއްގެ ދަށުން، އެ ދެ ފަރާތުން ދޭން ބޭނުންވާ "ތަމްރީނުތަކެއް" ފަނޑިޔާރުންނަށް ދިނުމުގެ ޕްރޮގްރާމްތަކެއްގެ ތަންފީޒީ ވަޘީޤާއަކަށް އެ އެކަޑަމީ ބޭނުން ކުރެވުނު ތަނެވެ. ވަރަށް ފަރުވާތެރިކަމާ އެކު ކުރެވުނު އެއް ކަމަކީ، އިސްލާމީ ޝަރީޢަތުގެ ދާއިރާގައި ފަނޑިޔާރުންގެ ޤާބިލުކަން އިތުރު ވާނޭ ތަމްރީނުތައް ނުދިނުމެވެ. އަޅުގަނޑު އެކަޑަމީގައި ހުރެގެން އިސްލާމީ ޤައުމުތަކާ އެކު ޤާއިމު ކުރި ގުޅުންތައް މުޅީން ކަނޑައިލުމެވެ.
އަޅުގަނޑުމެންގެ ދިވެހި ޤައުމަށް އަދި ދިވެހި ދައުލަތަށް ކުރިއެރުމާއި ތަރައްޤީ ޙާޞިލު ކުރުމަށް ކުރާން ހުރި އެއްވެސް މަސައްކަތެއް، އަޅުގަނޑުމެންގެ މުއައްސަސާތައް ހަރުދަނާ ނުކޮށް ކާމިޔާބެއް ނުވާނެއެވެ. އަޅުގަނޑުމެން ކުރާން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، އަޅުގަނޑުމެންގެ މުއައްސަސާތައް ފޭލި ވެގެން ދިޔަ ގޮތް އިޚްލާޞްތެރިކަމާ އެކު ބަލައި ދިރާސާ ކުރުމެވެ. ހަރުދަނާ އަދި ރަނގަޅު މުއައްސަސާތަކެއް ބިނާ ކުރުމުގެ ޤައުމީ ޕްލޭނެއް އެކުލަވައިލުމެވެ. އެ ޕްލޭނުގެ ދަށުން، ޙަޤީޤަތުގައި ވެސް ޤައުމަށާއި ދައުލަތަށް ބޭނުންވާ މުއައްސަސާތައް ހެޔޮ ގޮތުގައި ބިނާ ކުރުމެވެ. އެ މަސައްކަތް ކުރެވިއްޖެއްޔާ، ޖޮސެޕް ބޮރޭލް އެ ވިދާޅުވާ ފަދަ ބަގީޗާއަކަށް އަޅުގަނޑުމެންގެ ޤައުމު ބަދަލު ކޮށްލުމަށް ޓަކައި އަޅާން ޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅު އެ އެޅުނީއެވެ. މިއީ ކުރެވިދާނެ ކަމެކެވެ. ބޭނުން ވަނީ ހަމައެކަނި އިޚްލާޞްތެރިކަމާ އެކު ހެޔޮ ގޮތުގައި ޢަމަލު ކުރުމެވެ.