ކޮލަމް

މަލަސް ކޮލަމް: ބޮރޭލްގެ ތަގުރީރަކާއި ގޯޑްމޭނިއާ އަދި ވޯމްޓެއިލް ކޮމްޕްލެކްސް

އަލް އުސްތާޛް އަޙްމަދު މާޖިދު

2

ޖޮސެޕް ބޮރޭލް ފޮންޓެޔެސް އަކީ ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ގުޅުންތަކާ ބެހޭ އެންމެ އިސް އޮފިޝަލެވެ. އެ ޔޫނިއަނުގެ ހައި ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީއެވެ. އޭނާ އެ މަޤާމާ ޙަވާލު ވެވަޑައިގަތީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ގައެވެ. ސްޕޭނަށް ނިސްބަތް ވެވަޑައިގަންނަވާ ބޮރޭލަކީ 2004 އިން 2007 އަށް ޔޫރަޕިއަން ޕާލަމެންޓުގެ ރައީސެވެ. 2018 އިން 2019 އަށް ސްޕޭނުގެ ޚާރިޖީ ވަޒީރެވެ. ޢިލްމީ ސަނަދަށް ބަލާ އިރު، އޭނާ އަކީ ހިސާބު ޢިލްމާއި އިޤްތިޞާދީ ޢިލްމާއި އޭރޮނޯޓިކަލް އިންޖިނޭރުކަމުގެ ތަޖުރިބާކާރެކެވެ.

ބެލްޖިޔަމުގެ ބްރޫޜްގައި 13 އޮކްޓޯބަރު 2022 ގައި އޮތް ރަސްމިއްޔާތެއްގައި ބޮރޭލް ވަރަށް މުހިއްމު ތަޤުރީރެއް ދެއްވިއެވެ. އެ ތަޤުރީރު މުހިއްމު ވަނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ ތަޤުރީރު ދެވުނު މުނާސަބަތު ނުވަތަ ރަސްމިއްޔާތުގެ މުހިއްމުކަމެވެ. އެ ރަސްމިއްޔާތަކީ ޔޫރަޕިއަން ޔޫނިއަނުގެ ޚާރިޖީ ގުޅުންތަކާއި ޑިޕްލޮމެޓިކް ޚިދުމަތާއި ދިފާޢީ ކަންކަމާ ބެހޭ އިދާރާ ކަމުގައި ވާ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ބެލެނިވެރިކަމުގެ ދަށުން، ކޮލެޖް އޮފް ޔޫރަޕުގެ ފަންނީ ބައިވެރިވުމާ އެކު، "ޔޫރަޕިއަން ޑިޕްލޮމެޓިކް އެކަޑަމީ" ގެ ނަމުގައި ޑިޕްލޮމެޓިކް ޚިދުމަތުގެ އެކަޑަމީއެއް ޤާއިމު ކުރުމަށް ޓަކައި ބޭއްވި އިފްތިތާޙީ ޕްރޮގްރާމެއްގެ ފެށުމުގެ ރަސްމިއްޔާތެވެ. ބޮރޭލްގެ ތަޤުރީރު މުހިއްމު ވާ ދެވަނަ ސަބަބަކީ، އެ ތަޤުރީރުގައި އޭނާ ފައުޅު ކުރެއްވި ބައެއް ޝުޢޫރުތަކާއި ވިސްނުންތަކެވެ.

ބޮރޭލްގެ ބަސްފުޅުތައް

އެންމެ ފުރަތަމަ، ބޮރޭލްގެ ބަސްފުޅުތަކަށް ބަލައިލަމާ ހިންގަވާށެވެ! ތިރީގައި މި ލިޔެލަނީ އެ ބަސްފުޅުތަކުގެ ތަރުޖަމާއެވެ. އޭނާގެ ތަޤުރީރުގެ ވީޑިއޯ ރިކޯޑިން ބައްލަވައިލައްވާން ބޭނުންފުޅިއްޔާ މި ލިންކުގައި ވާ ޞަފުޙާ ބައްލަވާށެވެ! ތަޤުރީރުގެ ޓްރާންސްކްރިޕްޓެއް މި ލިންކުގައި ވާ ޞަފުޙާއިން ފެނިވަޑައިގަންނަވާނެއެވެ.

"... އާދޭހެވެ! ޔޫރަޕަކީ ބަގީޗާއެކެވެ. އަޅުގަނޑުމެން ބިނާ ކޮށްފައި މިއޮތީ ބަގީޗާއެކެވެ. ހުރިހައި ކަމެއް ވެސް މިތަނުގައި ރަނގަޅެވެ. ޔޫރަޕުން މި ފެންނަނީ ސިޔާސީ މިނިވަންކަމާއި، އިޤްތިޞާދީ ފާގަތިކަމާއި، އިޖުތިމާޢީ ވަޙްދަތާއި އެކަތިގަނޑެއްވަންތަކަމާ މި ތިން ކަންތައްތައް ގުޅި ލާމެހިގެންދާ ގޮތުގެ މަތީން އިންސާނީ ތާރީޚުގައި ވެސް ބިނާ ކުރެވުނު އެންމެ ފުރިހަމަ މުޖުތަމަޢެވެ. މި ތިން ކަންތައް އެއްފަހަރާ ޙާޞިލު ކުރެވުމެވެ. މިތަނުގައި، ބްރޫޜްގައި، އަޅުގަނޑުމެންނަށް މި ފެންނަނީ ރިވެތި އެންމެހައި ކަންކަމުގެ ވަރަށް ރަނގަޅު ނަމޫނާއެކެވެ. ޢިލްމީ ޙަޔާތެވެ. ފާގަތިކަމާއި ބާއްޖަވެރިކަމެވެ.... ދުނިޔޭގެ ދެން އޮތް ތަންތަނަކީ – ފެޑްރީކާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ފަދައިން – ޙަޤީޤަތުގައި ބަގީޗާއެއް ނޫނެވެ. ދުނިޔޭގެ ދެން އޮތް ސަރަޙައްދުތަކުގެ ބޮޑު ބަޔަކީ ޖަންގައްޔެވެ. ޖަންގަލި ބަގީޗާގެ ތެރެޔަށް ވަދެގެންފާނެއެވެ. އަރައިގެންފާނެއެވެ. އެހެންކަމުން، ބަގީޗާގެ މައްޗަށް ފަރުވާތެރިވެ ރައްކައުތެރި ވުމަކީ ބަގީޗާގެ އަހުލުވެރީންގެ ވާޖިބެކެވެ. ނަމަވެސް ބަގީޗާ ރައްކައުތެރި ކުރެވޭނީ ޖަންގައްޔާއި ބަގީޗާ ވަކި ކުރުމަށް ޓަކައި ފައުރުތަކެއް ރާނައިގެނެއް ނޫނެވެ. ވަށައިގެން ފަރާތްފަރާތަށް ފެތުރިގެން ވާ ބިޔަ ޖަންގައްޔެއްގެ މެދުގައި ވާ ކުޑަކުޑަ އަދި ނަލަ ބަގީޗާއެއްގެ ވަށައިގެން އުސް ފައުރުތައް ރޭނުމަކީ، ބަގީޗާގެ ތެރެޔަށް ޖަންގަލި އަރައިގަނެ ފެތުރިގަތުމުގެ މައްސަލައަށް އޮތް ޙައްލެއް ނޫނެވެ. ސަބަބަކީ، ޖަންގައްޔަކީ ވަރަށް ވަރުގަދަ ބާރަކާ އެކު ހެދި ފެތުރޭ އެއްޗަކަށް ވުމެވެ. ޖަންގަލީގެ ފެތުރުން ހުއްޓުވޭހައި އުސް ފައުރުތަކެއް ބިނާ ކުރުމަކީ މުސްތަޙީލު ކަމަކަށް ވުމެވެ."

"ބަގީޗާގެ އަހުލުވެރީންނަށް އޮތް ގޮތަކީ ޖަންގައްޔަށް ދިޔުމެވެ. ޔޫރަޕުގެ އަހުލުވެރީން ޖެހެނީ ދުނިޔޭގެ އެހެނިހެން ތަންތަނަށް ދާށެވެ. އެ ތަންތަނާ މުޢާމަލާތު ކުރާށެވެ. އެތަންތަނާ މެދު ކުރާން ހުރި ކަންކަން ކުރާށެވެ. އެހެން ނޫނިއްޔާ، ދުނިޔޭގެ ބާކީ ތިބި މީހުން ޔޫރަޕަށް އަރައިގެންފާނެއެވެ. ތަފާތު ގޮތްތަކާއި ވަސީލަތްތަކުގެ ބޭނުން ކޮށްގެނެވެ. ... އާދޭހެވެ! މިއީ އަޅުގަނޑުގެ އެންމެ މުހިއްމު މެސެޖެވެ. އަޅުގަނޑުމެން ދުނިޔޭގެ ދެން ތިބި މީހުންނާ މިހާރަށް ވުރެ ބޮޑަށް މުޢާމަލާތު ކޮށް، އެމީހުންނާ އެކު ކުރާން ޖެހޭ ކަންކަން ކުރުން ވަރަށް މުހިއްމެވެ.... އަޅުގަނޑު ދެންނެވީތީ ޤަބޫލު ކުރައްވާށެވެ! ޔޫރަޕަކީ ގިނަ ކަންތައްތަކެއްގައި، އެންމެހައި މީސްތަކުންނަށް ހުރި ރިވެތި މިސާލެކެވެ. ދުނިޔެއަށް ޔޫރަޕު ބޭނުން ވެއެވެ. އަޅުގަނޑު ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށް ކުރި ދަތުރުތަކުން އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާއިން އެނގެނީ، ދުނިޔޭގެ ކަންކޮޅުތަކުގެ މީސްތަކުން އަޅުގަނޑުމެން ޔޫރަޕިއަނުންނަކީ އަލިކަން ފަތުރައިދޭ ބައްތިއެއްގެ ގޮތުގައި ބަލައިގަންނަކަމެވެ."

ބޮރޭލްގެ މެސެޖުގެ މާނަ

ޔޫރަޕިއަން ޔޫނިއަނުގެ ޚާރިޖީ ގުޅުންތަކާއި ދިފާޢީ ކަންކަމުގެ އިސް ވެރިޔާ ޖޮސެޕް ބޮރޭލްގެ މި ދެންނެވި ބަސްފުޅުތަކުގެ މުރާދަކީ ކޮބައި ބާވައެވެ! އެ ބަސްފުޅުތަކުން ހާމަ ކުރެވޭ ޝުޢޫރުތަކަކީ އަދި ވިސްނުންތަކަކީ ކޮބައިބާވައެވެ!

ފުރަތަމަ ކަމަކަށް، ބޮރޭލްގެ ވާހަކަފުޅުން އެނގެނީ ޔޫރަޕަކީ އިންސާނީ ނައުޢުގެ ތާރީޚު ދެކެފައި ވާ އެންމެ ފުރިހަމަ ޙަޟާރަތުކަމަށް، އަދި ޔޫރަޕުގެ މުޖުތަމަޢުތަކަކީ އިންސާނީ ތާރީޚުގައި އުފެދުނު އެންމެ ފުރިހަމަ މުޖުތަމަޢުތައް ކަމަށް އޭނާ ދެކެވަޑައިގަންނަވާކަމެވެ. އެހެން އިންސާނުންނަށް އެއްވެސް ޒަމާނެއްގައި އެ ދަރަޖައަކަށް ވާޞިލު ވެވިފައި ނުވާ މާ މަތީ ދަރަޖައަކަށް ޔޫރަޕު ގޮސްފައިވާ ކަމަށް އޭނާ ދެކެވަޑައިގަންނަވާކަމެވެ. ތަހުޒީބާއި ތަމައްދުނުގައި ޔޫރަޕު ވަރުގެ ތަނެއް މާޒީގައި ވެސް އަދި ހާޒިރުގައި ވެސް ނުވާކަމަށް އޭނާ ޤަބޫލުފުޅު ކުރައްވާކަމެވެ. އެހެންކަމުން، އޭނާއަށް ޔޫރަޕަކީ ބަގީޗާ ކަމުގައި، އަދި ދުނިޔޭގެ އެހެން ތަންތަނަކީ ޖަންގަލިތަކެއް ކަމަށް ފެނިވަޑައިގަންނަވަނީއެވެ. ޔޫރަޕުން ބޭރުގައި ވެސް، "ބަގީޗާ ހައިސިއްޔަތު" ލިބިގެންވާ މަދު ބައެއް ތަންތަން ހުރި ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އެ ތަންތަނަކީ ކޮބައިކަން ސާފެވެ. އެ ވިދާޅުވަނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، އަދި ނިއު ޒިލޭންޑް ފަދަ، ޔޫރަޕުގެ ދޮން މީހުން ދުނިޔޭގެ އެކިއެކި ތަންތަނުގައި، އެކިއެކި ޤައުމުތަކުގެ ބިންތައް ފޭރިގަނެގެން އުފައްދައިފައި ހުރި ދައުލަތްތަކުގެ ވާހަކައެވެ. އިތުރަށް "ބަގީޗާ ލިސްޓަށް" ލެވޭނީ ހުޅަނގުގެ މާއްދިއްޔަތުގެ ފަލްސަފާތަކާ އެއްގޮތަށް ބައްޓަން ކުރެވިފައިވާ، މުއްސަނދި، މާއްދީ ތަރައްޤީގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ، ހުޅަނގާ ގާތް ގުޅުންތަކެއް އޮންނަ ޖަޕާނާއި ދެކުނު ކޮރެއާ ފަދަ ޤައުމުތައް ކަމުގައި ވެސް ބުނެވިދާނެއެވެ. ކޮންމެއަކަސް، ބޮރޭލްގެ ބަގީޗާ އަކީ ޖުމުލަ ގޮތެއްގައި ޔޫރަޕެވެ. ސާފު ޔޫރަޕިއަނުންގެ ޤައުމުތަކެވެ.

ދެވަނަ ކަމަކަށް، ބޮރޭލްގެ ނަޒަރުގައި ދުނިޔޭގެ އެހެން ބިންތަކަކީ ޖަންގައްޔެވެ. އެ ބިންތަކުގެ އަހުލުވެރީންނަކީ ޖަންގަލީ މީހުންނެވެ. ވަޙުޝީންނެވެ. އެ ވިދާޅުވަނީ މައިގަނޑު ގޮތެއްގައި އެފްރިކާ އާއި އޭޝިޔާގެ ޤައުމުތަކުގެ ވާހަކަކަމާ މެދަކު ވެސް ބަހުސް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ފެނެއެވެ. ޖަންގަލީ ލިސްޓަށް ދެން ލެވޭނީ، ދެކުނު އެމެރިކާ ފަދަ ސަރަޙައްދުތަކުގައި ޔޫރަޕު މީހުން އުފައްދައިފައި ހުރި ދައުލަތްތަކުގެ ތެރެއިން، ސާފު ޔޫރަޕިއަން ސަގާފަތާއި ޔޫރަޕުގެ ޚާލިސް ޝަޚްޞިއްޔަތު ފުރިހަމަ ގޮތުގައި ނެތް ޤައުމުތަކެވެ. މި އެންމެންނަކީ ޖަންގަލި ކަމުގައި ވާއިރު، ޖަންގައްޔަކީ ކޮބައިކަން އަޅުގަނޑުމެންގެ ތެރޭގައި އެކަކަށް ވެސް އޮޅިފައެއް ނޯންނާނެއެވެ. އެއީ އެގޮތްމިގޮތަށް ގަސްގަހާގެހި ހެދިފައި އޮންނަ، މަގެއް ގޯޅިއެއް ދޮރެއް ދޮރޯށްޓެއް ބިނާއެއް އިމާރާތެއް ނުހުންނަ ތަނެކެވެ. ހަމައެއް ނަމައެއް ނެތުމުގެ ތަނެކެވެ. ޖަންގަލީގެ ޤާނޫނަކީ ވެސް ނަހަމަކަމާއި ގޮތެއްފޮތެއް ނެތުމުގެ ނަމެކެވެ. ޖަންގައްޔަކީ އަނދިރިކަމާއި ބިރުވެރިކަމުގެ ތަނެކެވެ. ކޮންމެ ދިމާއެއްގައި ވެސް މިނިކާ އަދި ވަހުޝީ ޖަނަވާރުތައް ފިލައިގެން ބޮނދައިގެން ޝިކާރައެއްގެ އިންތިޒާރުގައި ތިބެދާނޭ ތަނެކެވެ. ޖަންގައްޔަކު ތަހުޒީބެއް ނޯންނާނެއެވެ. ޢިލްމެއް ނޯންނާނެއެވެ. ތަމައްދުނެއް ނޯންނާނެއެވެ. އުޞޫލެއް ހަމައެއް ނޯންނާނެއެވެ. އާދޭހެވެ! ޖަންގައްޔަކީ ޖަންގައްޔެވެ! ޖަންގަލީގައި ތިބޭނީ ޖަންގަލީގެ މީހުންނެވެ. ވަހުޝީންނެވެ. އިލްމެއް، ތަހުޒީބެއް، ތަމައްދުނެއް ނެތް، ވަހުޝީންނެވެ. ވީމާ، ބޮރޭލްގެ ވިސްނުންފުޅުގައި އޭޝިއާ އާއި އެފްރިކާ އާއި ދެކުނު އެމެރިކާގެ މީހުންނަކީ ޖަންގަލީގެ ވަހުޝީންނެވެ!

ތިންވަނަ ކަމަކަށް، ބޮރޭލް އެންމެ ބިރުފުޅު ގެންވަޑައިގަންނަވާ އެއް ކަމަކީ، ޖަންގަލީގެ މީހުން ޔޫރަޕުގެ ބަގީޗާއަށް އަރައިގަނެ، ބަގީޗާގެ މައުމެލާމެއްޔާއި ގަސްގަހާގެއްސާއި ބޯކުތަކާއި ފައްވާރާތަކާއި ބިނާތައް ތަޅައި މުގުރައި ސުންނާފަތި ކޮށްފާނޭކަމުގެ އިޙުތިމާލެވެ. އޭނާ ވިދާޅުވާ ގޮތުގައި، ޖަންގައްޔާއި ޖަންގަލީގެ ވަޙުޝީ މީހުން މައިތިރި ކޮށް ބާރުގެ ދަށުގައި ބެއިތިއްބޭނޭ ގޮތެއް ޔޫރަޕުގެ ބަގީޗާ މީހުން ނުހަދައިފިއްޔާ، އިސާހިތަކު ޖަންގަލީގެ މީހުން ޔޫރަޕަށް އަރައިގަނެ ޔޫރަޕު ފުރައިލައިފާނެއެވެ. ޔޫރަޕު ފަސާދަ ކޮށް، ހުތުރު ކޮށް، ދަށު ދަރަޖައަކަށް ވައްޓައިލައި، މުޑުދާރު ކޮށްފާނެއެވެ.

ހަތަރުވަނަ ކަމަކަށް، ބޮރޭލް ވާހަކަފުޅުގައި ދެއްވާ އިރުޝާދަކީ ޔޫރަޕުގެ ބަގީޗާ ޙިމާޔަތް ކޮށް ބެލެހެއްޓުމުގެ ގޮތުން، ޖަންގައްޔާއި ޖަންގަލީގެ ވަޙުޝީން ބަގީޗާއާ ހަމަޔަށް ވާޞިލު ވިޔަނުދިނުމަށް ޓަކައި ގެންގުޅޭންވީ އިސްތިރާޖަކީ ކޮބައިކަމުގެ އިރުޝާދެވެ. އެ އިރުޝާދު އޭނާ ދެއްވަނީ ވަރަށް ކުރުކޮށް، ސާފު ނޫން ޢިބާރާތަކުންނެވެ. ނަމަވެސް އޭނާގެ ބަސްފުޅުތަކަށް ވިސްނުންތެރިކަމާ އެކު ބަލައިލުމުން، އޭނާގެ މުރާދަކީ ކޮބައިކަން ރީތިކޮށް އެނގެއެވެ. އޭނާގެ ނަޒަރުގައި، ޖަންގަލީ މީހުންގެ ފަރާތުން ޔޫރަޕުގެ ބަގީޗާ ޙިމާޔަތް ކުރެވޭނެ ގޮތަކީ، ޔޫރަޕުގެ މީހުން ދުނިޔޭގެ އެހެން މީހުންނާ "އެންގޭޖު" ވުމެވެ. ބަގީޗާގެ ވަށައިގެން އުސް ފައުރެއް ޢިމާރާތް ކޮށް، އެ ފައުރު ފަހަނައަޅައި ދުނިޔޭގެ ޖަންގަލީ މީހުންގެ ގޮތްތައް ޔޫރަޕަށް އަޔަނުދޭން މަސައްކަތް ކުރުމުގެ ބަދަލުގައި، ޔޫރަޕުގެ މީހުން އެހެން ޤައުމުތަކަށް ގޮސް، އެ ޤައުމުތަކުގެ މީހުންނާ "އެންގޭޖު" ވުމެވެ. ބޮރޭލް މި ވިދާޅުވާ "އެންގޭޖު" ވުމަކީ ކޮބައިބާވައެވެ! ޝައްކެއް ނެތް ގޮތުގައި، އެ "އެންގޭޖު" ވުމަކީ ޔޫރަޕުގެ ސިޔާސީ، އިޤްތިޞާދީ، ސަގާފީ، ފިކުރީ، ޢިލްމީ، އަދި ނަޒަރިއްޔާތީ ނުފޫޒާއި މަނަހުގެ ދަށުގައި އެހެން ޤައުމުތައް ބެއިތިއްބުމަށް ޓަކައި އެ ޤައުމުތަކާ މުޢާމަލާތު ކޮށްގެން ކުރެވިދާނޭ ކަންކަން ކުރުމެވެ. ބޮރޭލްގެ ވިސްނުންފުޅުގައި، ޔޫރަޕު މީހުން ދުނިޔޭގެ ޖަންގަލީ މީހުންނާ "އެންގޭޖު" ވެ، "ތަހުޒީބާއި، ތަމައްދުނާއި، ރިވެތި ސަގާފަތާއި، ޢިލްމާއި، އަޚްލާޤީ މަތިވެރި އަގުތަކާއި، ހެޔޮ އިންސާނިއްޔަތު" ދަސް ކޮށްދޭނީއެވެ. ދުނިޔޭގެ "ޖަންގަލީ މީހުންގެ އަނދިރި ބިންތަކަށް، ޔޫރަޕުގެ ބައްތީގެ އަލިކަން" ފޯރު ކޮށްދޭނީއެވެ. އަޅުގަނޑުމެންގެ ޤައުމުތަކުގެ ޖާހިލުކަމާއި ނާތަހުޒީބުކަމާއި ބަރުބަރިއްޔަތުގެ އަނދިރިކަމުގެ މައްޗަށް، ޔޫރަޕުގެ ޢިލްމާއި ތަހުޒީބާއި އިންސާނީވަންތަކަމާއި ޙަޟާރަތްތެރިކަމުގެ ދަންމަރުގެ އަލިކަން ފޯރު ކޮށްދޭނީއެވެ. ޔޫރަޕުގެ ފަލްސަފާތަކާއި ވިސްނުންތަކާއި އަގީދާތަކާއި އަގުތަކަށް އެހެން އިންސާނުން ހާނުވައި ތަރުބިއްޔަތު ކުރާނީއެވެ. ޔޫރަޕުގެ "ބަގީޗާވަންތަކަން" ދެކެ، އޭގެ ކުރިމަތީގައި އާޝޯޚު ވެ، އޭގެ ކުރިމަތީގައި ބޯ ގުދުކޮށް، އޭގެ ކުރިމަތީގައި ބިމުގައި ކަކޫ ޖައްސައި ކަނދުރާ ތިރި ކުރާ ބަޔަކަށް އަޅުގަނޑުމެން ވުމުން، އަޅުގަނޑުމެންގެ ފަރާތުން ޔޫރަޕުގެ ބަގީޗާއަށް ނުރައްކަލެއް ނޯންނާނެތާއެވެ!

ކިހިނެއް ކޮން ތަނަކުން އަންނަ ވިސްނުމެއް؟

ބޮރޭލްގެ ވާހަކަފުޅުން ފެންނަ ވިސްނުންތަކާއި ޝުޢޫރުތަކަކީ އެއްވެސް ޙާލެއްގައި އިސްތިސްނާއެއް ނޫނެވެ. ބޮރޭލް ފަދަ މަދު ބެއިފުޅެއްގެ ފަރާތްޕުޅުން، އާދަޔާ ޚިލާފު ގޮތެއްގައި ފެންނަ ކަމެއް ނޫނެވެ. އެ ވިސްނުންތަކާއި ޝުޢޫރުތަކަކީ ގްރީކުންނާއި ރޯމަނުންގެ ޒަމާނުން ފެށިގެން މިއަދާ ހަމަޔަށް، ޔޫރަޕުގެ ޢިލްމީ، ޒިހުނީ، ފިކުރީ، އަދި އިޖުތިމާޢީ ގިޔާދަތުގެ ފިކުރީ ރުކުނަކަށް ވެފައި ވާ ވިސްނުންތަކެއް އަދި ޝުޢޫރުތަކެކެވެ. ޔޫރަޕުގެ މުޖުތަމަޢުގައި މޫ ލައިފައި ވާ ވިސްނުންތަކެއް އަދި ޝުޢޫރުތަކެކެވެ. މި ޙަޤީޤަތް އިންޞާފަށާއި ތެދަށް ލޯބި ކުރާ ޚުދު ޔޫރަޕުގެ ޢިލްމުވެރީންނާއި ޢާއްމުން ވެސް ޤަބޫލު ކުރެއެވެ. ޔޫރަޕާއި އިސްލާމީ ދުނިޔޭގައި އިތުބާރު ލިބިވަޑައިގެން ތިއްބެވި ޢިލްމީ އެތައް ބެއިފުޅުންނެއް މި ޙަޤީޤަތުގެ ވާހަކަ ލިޔުއްވައި ބަޔާން ކުރައްވައިފައި ވެއެވެ. އެފަދަ އެއް ބެއިފުޅަކީ، އޮސްޓްރިޔާގެ ޔޫރަޕިއަން ޔަހޫދީ ޢާއިލާއަކަށް ނިސްބަތް ވެވަޑައިގަންނަވާ ލިއޮޕޯލްޑް ވެއިސެވެ. ފަހުން އިސްލާމް ވެވަޑައިގެން، އިސްލާމީ ބޮޑު ޢިލްމުވެރިއަކަށް ވެވަޑައިގަތް ވެއިސްގެ އިސްލާމީ ނަންފުޅަކީ މުޙައްމަދު އަސަދެވެ. އޭނާ ލިޔުއްވި "ދަ ރޯޑް ޓު މައްކާ" ގެ ތަޢާރުފީ ބާބުގައި މި ވާހަކަ ދައްކަވައިފައި ވެއެވެ.

އަސަދު ވިދާޅުވާ ގޮތުގައި، ގްރީކުންނާއި ރޯމަނުންގެ ރަން ޒަމާނުގައި އެމީހުންގެ މުފައްކިރުންނާއި މުއައްރިޚުން ދެކެނީ އެމީހުންނަކީ ތަހުޒީބާއި ތަމައްދުންގެ އަހުލުވެރީން ކަމުގައި، އަދި އެހެން މީހުންނަކީ ނާތަހުޒީބު ބަރުބަރީން ކަމުގައެވެ. އެއިރުއްސުރެ، ހުޅަނގުގެ ވިސްނުމާއި ފިކުރުގައި ވަނީ އެ ނަޒަރިއްޔާ އެކުލަވައި ހަރުލައިފައެވެ. މި ޒަމާނާ ހަމަޔަށް އައި އިރު، ޔޫރަޕާއި އެމެރިކާގެ ޢާއްމު ވިސްނުމަކީ، ޢައްލާމާ އަސަދު ވިދާޅުވާ ގޮތުން، ހުޅަނގުގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިކިޔާ އިރު މާ މަތިވެރި ދަރަޖައެއްގެ ކަންކަން ކަމުގައި ދުށުމެވެ. ހުޅަނގުގެ ޢިލްމީ މަފްހޫމުތަކާއި، އިޖުތިމާޢީ މުއައްސަސާތަކާއި، އަޚްލާޤީ ފަލްސަފާތަކާއި ޤިޔަމުތަކާ ޚިލާފު ވާ ކޮންމެ ކަމަކީ އޭގެ ޒާތުގައި މާ ދަށު ދަރަޖައެއްގެ، އެއްވެސް ޙާލެއްގައި ޤަބޫލު ނުކުރެވޭނެ ކަންކަމެވެ. މި މޭރުމުން ޢައްލާމާ އަސަދު ދައްކަވައިފައި ވާ ވާހަކަތައް، "ދަ ރޯޑް ޓު މައްކާ" ގެ ފަސްވަނަ ޞަފުޙާއިން ފެށިގެން ދިހަވަނަ ޞަފުޙާއާ ހަމަޔަށް ހުރި ޞަފުޙާތަކުން ފެނިވަޑައިގަންނަވާނެއެވެ. އާދޭހެވެ! 2022 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަނުގެ ޚާރިޖީ އެންމެ އިސް އޮފިޝަލްގެ ދޫފުޅުން އަޅުގަނޑުމެންނަށް އިވުނު ވާހަކަތަކުން ފެނިގެން ދަނީ، ޔޫރަޕުގެ ގިޔާދަތާއި ޢާއްމު އެތައް ބައެއްގެ ވިސްނުން ހުންނަ ގޮތް ކަމަށް 1954 ވަނަ އަހަރު ޢައްލާމާ އަސަދު ވިދާޅުވި ވި ބަސްފުޅުތަކުގެ ތެދުކަމެވެ.

ޔޫރަޕިއަނުންގެ މި ވިސްނުމާއި ޤަބޫލުކުރުންތައް، މީލާދީން ފަނަރަވަނަ ޤަރުނަށް ފަހު ޔޫރަޕުގައި އުފެދި ފައްކާ ވެގެން އައި އިސްތިޢުމާރީ ސިޔާސަތުތަކާއި، އެ ސިޔާސަތުތަކުގެ ތެރެއިން އެމީހުން ދުނިޔޭގެ އެހެން ޤައުމުތަކާ މެދު ޢަމަލު ކޮށްފައިވާ ގޮތަށް ބެލުމުން ވެސް ރީތިކޮށް ފެނެއެވެ.

އެއް މިސާލަކީ މީލާދީން 1494 ވަނަ އަހަރު ސްޕޭނުގެ އަންބަރާތޫރިއްޔާ އާއި ޕޯޗުގީޒު އަންބަރާތޫރިއްޔާއާ ދެމެދުގައި ސޮއި ކުރެވުނު ޓޯޑެސިޔާސް މުޢާހަދާއެވެ. ކްރިސްޓޮފަރ ކޮލަމްބަސް ސްޕޭނުގެ ރަސްކަމުގައި ތިއްބެވި ފާރޑިނާންޑާއި އިޒަބެލާގެ ނަންފުޅުގައި ދެކުނު އެމެރިކާގެ ބިންތަކާ ހަމަޔަށް ކުރި މަޝްހޫރު ދަތުރަށް ފަހު، ފާރޑިނާންޑާއި އިޒަބެލާގެ ފަރާތްޕުޅުން، ރޯމުގައި ހުންނަ ނަޞާރާ ކެތަލިކުންގެ ބޮޑު ފައްޅިއަށް ހުށައެޅި ހުށައެޅުމަކީ، އެމީހުން ދުނިޔޭގެ އެހެން ހިސާބުހިސާބުގެ ބިންތަކަށް އަރައި އެ ބިންތައް އަމިއްލަ ކުރުމަށް ކުރާ މަސައްކަތަށް ލެޖިޓިމެސީ ދޭން އެދި ހުށައެޅިހުށައެޅުމެވެ. އެއިރު، ޔޫރަޕުން ބޭރުގެ ބިންތައް އިސްތިޢުމާރު ކުރުމުގެ ޝައުގުވެރިކަމާއި ޤާބިލިއްޔަތާ އެކު ތެދު ވެއޮތް އަނެއް ބާރަކީ ޕޯޗުގީޒު ދައުލަތެވެ. މައްސަލައަކީ މި ދެ ދައުލަތުގެ ދެމެދުގައި އޮތް އަރައިރުމަކަށް ވުމުން، ކެތަލިކް ޕޯޕް އެލެގްޒޭންޑަރ ހަވަނަ، "ޑުޑޫމް ސިކުއިޑެމް' ގެ ނަމުން މަޝްހޫރު ވެފައިވާ "ޕޭޕަލް ބުލް" ނެރުއްވައި، ކެތަލިކް ފައްޅި އާއި ސްޕޭނާއި ޕޯޗުގީޒު ވިލާތް އެއްބަސް ވާ ރޮނގަކުން ދުނިޔެ ދެ ބަޔަށް ބަހައިލައި، އޭގެ ތެރެއިން އެއް ބައިގައި ހިމެނޭ ހުރިހައި ބިންތަކެއް – ނަޞާރާ ދައުލަތެއްގެ ސަރަޙައްދު ކަމުގައި ނުވާ – އިސްތިޢުމާރު ކޮށް އެ ބިންތަކުގެ މައްޗަށް ސިޔާދަތީ ބާރު ހިންގުމުގެ ޙައްޤު ސްޕޭނަށް، އަދި އަނެއް ބަޔާ ގުޅޭ ހަމަ މި ދެންނެވި ޙައްޤުތައް ޕޯޗުގީޒުންނަށް ދިނެވެ. މި އިންތިޒާމުގެ މައްޗަށް ސްޕޭނާއި ޕޯޗުގީޒް ވިލާތް ސޮއި ކުރި މުޢާހަދާ އަކީ ޓޯޑެސިޔާސް މުޢާހަދާއެވެ. މި ކަމުގެ ބިންގަލަކަށް ވި އެއް ވިސްނުމަކީ، ޔޫރަޕުގެ ބާރުތަކަކީ ދީނީ ގޮތުންނާއި ޙަޟާރަތްތެރިކަމާއި ތަހުޒީބުގެ ގޮތުން ދުނިޔޭގެ އެހެން އެންމެންނަށް ވުރެ މަތީ ދަރަޖައެއްގެ ބަޔަކަށް ވާތީ، އެމީހުން ހިތުހުރި ގޮތަކަށް އެހެން ޤައުމުތަކަށް އަރައި، އެހެން މީހުންގެ ވަޒަންބިންތައް ފޭރި، އެތަންތަނުގައި ޔޫރަޕުގެ ވެރިކަމާއި ބާރު ހިންގުމުގެ ޙައްޤެއް އޮންނާނޭކަމުގެ ވިސްނުމެވެ. ސްޕޭނާއި ޕޯޗުގީޒު ވިލާތަށް ފަހު، ޔޫރަޕުގެ އެހެނިހެން ބާރުތައް ކަމުގައިވާ އިނގިރޭސީން، ފަރަންސޭސީން، ޖަރުމަނުން، އިޓަލީން އަދި ލަންދޭސީން ފަދަ ޤައުމުތައް ވެސް ދުނިޔޭގެ ކަންކޮޅުތަކަށް ނުކުމެ އޭޝިއާ އާއި އެފްރިކާގެ އެތައް ޤައުމުތަކެއް އިސްތިޢުމާރު ކޮށް، އެ ތަންތަނުގެ ވަޒަންވެރީން އަޅުވެތި ކޮށް، ވަލުޖަނަވާރު ކަތިލާހެން އެތައް ސަތޭކަ މިލިއަން އިންސާނުން ކަތިލައި ހެދިހެދުމުގެ ފަހަތުގައި އޮތް އެއް ވިސްނުމަކީ އަދި އެއް ފިކުރަކީ ވެސް މިއެވެ.

އިތުރު އެހެން މިސާލެއް، ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، އެމެރިކާ އާއި ޔޫރަޕުގެ ބޮޑެތި ބާރުތައް ގުޅިގެން އުފެއްދި ލީގް އޮފް ނޭޝަންސްގެ ކޮވެނެންޓު ނުވަތަ މުޢާހަދާގެ 22 ވަނަ މާއްދާއިން ފެނެއެވެ. މި މާއްދާގެ ދަށުން، އޭޝިއާ އާއި އެފްރިކާގެ އެތައް ޤައުމެއް ޔޫރަޕުގެ ބޮޑެތި ބާރުތަކުގެ ޙުކުމާއި ވެރިކަމުގެ ދަށަށް ގެންދިޔައެވެ. އެ ޤައުމުތަކުގެ ރައްޔިތުން ކުރެން ހޭވެސް އަހައިނުލައެވެ. އެކަން ކޮށްފައި ވަނީ، އޭޝިއާ އާއި އެފްރިކާގެ މި ދަންނަވާ ޤައުމުތަކަކީ ޢިލްމީ، ޒިހުނީ، ފިކުރީ، ސިޔާސީ، އަދި އިޖުތިމާޢީ އެކިއެކި ރޮނގުރޮނގުން އެކަށޭނަ މިންވަރަށް ތަހުޒީބު ވެފައި ނުވާ، އަމިއްލަ ޤައުމާއި އަމިއްލަ ދައުލަތުގެ ކަންކަން އަމިއްލަޔަށް ކުރެވޭ ވަރަށް ތަސައްރަފު ފުދިފައި ނުވާ، އެވަރަށް ތަހުޒީބު ނުވާ، އެފަދަ ޤާބިލުކަން ނެތް ޤައުމުތަކެއް ކަމުގައި ބަލައި، މުޢާހަދާގައި އެ ވާހަކަ ސަރީހަ އިބާރާތުން ލިޔެގެންނެވެ. ލީގް އޮފް ނޭޝަންސް މުޢާހަދާގެ 22 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައި ބުނެފައި އޮންނަނީ، މި ދަންނަވާ ޤައުމުތައް އަމިއްލަ ވެރިކަމާއި އަމިއްލަ ދައުލަތަށް ކުފޫ ހަމަ ވާ ވަރަށް ތަސައްރަފު ފުދޭންދެން، އެ ޤައުމުތަކުގެ ކަންކަން ބަލަހައްޓައިދިނުމަކީ "ތަހުޒީބު ދުނިޔޭގެ މުޤައްދަސް ވާޖިބެއް" ކަމުގައެވެ. އިނގިރޭސި ޢިބާރާތުގައި އޮންނަނީ (sacred trust of civilization) މި ގޮތަށެވެ. އާދެ، ޔޫރަޕުގެ ބޮޑެތި ބާރުތައް ދުށް ގޮތުގައި، އެމީހުންނަކީ ތަހުޒީބާއި އިންސާނީވަންތަކަމާއި ތަމައްދުނުގައި މާ މަތީ ދަރަޖައެއްގެ ބަޔަކަށް ވުމުން، ދުނިޔޭގެ އެތައް ޤައުމެއްގެ މައްޗަށް ބާރު ފޯރުވައި، އެ ޤައުމުތަކުގެ މީސްތަކުން "ތަރުބިއްޔަތު ކޮށް، ތަހުޒީބުގެ މަގަށް ގެނައުމަކީ" އެމީހުންގެ މައްޗަށް އޮތް މުޤައްދަސް އަމާނާތެކެވެ. އެމީހުންގެ މައްޗަށް އޮތް ބޮޑު ވާޖިބެކެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، އޭޝިއާ އާއި އެފްރިކާ އާއި އެހެނިހެން ސަރަޙައްދުތަކުގެ އެތައް ޤައުމެއް، އިނގިރޭސީންނާއި ފަރަންސޭސީން ފަދަ ޔޫރަޕުގެ ބާރުތަކުގެ ބާރުގެ ދަށަށް ގެންދެވުނީ މި ދެންނެވި "އަމާނާތާއި ވާޖިބު" އަދާ ކުރުމަށް ޓަކައެވެ! ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ ވަޒަންބިމުގައި، ބައިނަލްއަޤްވާމީ ޤާނޫނާއި، ޢަދުލުއިންޞާފުގެ އެންމެހައި އުޞޫލުތަކާއި، ޚުދު ލީގް އޮފް ނޭޝަންސްގެ މުޢާހަދާގެ މާއްދާތަކާ ވެސް ޚިލާފަށް އިސްތިޢުމާރީ ޒައިނިސްޓުން ވަޒަންވެރި ކުރުވުމުގެ މަސައްކަތް އިނގިރޭސީން ކުރީ ވެސް، މި ދަންނަވާ "ސޭކްރެޑް ޓްރަސްޓް އޮފް ސިވިލިޒޭޝަން" ގެ އަމާނާތް އަދާ ކުރުމުގެ ބައެއްގެ ގޮތުންނެވެ!

ބުނާނީ ފަހެ ކީކޭތޯއެވެ؟

ޔޫރަޕިއަނުންގެ ބާރުވެރި ފަރާތްތަކުގެ މި ދެންނެވި ވިސްނުމާއި ފިކުރު ސިފަ ކުރުމުގެ ގޮތުން ބޭނުން ކުރާން ރަނގަޅު ލަފުޒެއް އަޅުގަނޑުގެ ހިތަށް އާދެއެވެ. އެ ލަފުޒަކީ "ގޯޑްމޭނިއާ" (godmania) އެވެ. މި ލަފުޒު ރަދީފުގައި ހިމަނާން ވީ، ނަފްސާނީ ބައްޔަކަށް ކިޔާ ނަމެއްގެ ގޮތުގައެވެ. އެ ބައްޔަކީ، ޤައުމެއް ނުވަތަ ޤަބީލާއެއް ފަދަ ޖަމާޢަތެއްގެ މީހުންގެ ކިބައިގައި، ތިމާމެންނަކީ އެހެން އިންސާނުންނަށް ވުރެ މަތިވެރި ދަރަޖައެއްގެ، އެހެން އިންސާނުންނަށް މަގު ދައްކައި އެހެން އިންސާނުން އުޅޭންވާ ގޮތް ބުނެދީ، އެހެން އިންސާނުންގެ މައްޗަށް އަމުރުވެރިކަމާއި ބާރު ހިންގުމުގެ ޙައްޤެއް ލިބިގެންވާ ބަޔަކު ކަމަށް ޤަބޫލު ކުރުމުގެ ނަފްސާނީ މައްސަލަ ހުންނަހުރުމެވެ. މި މައްސަލަ ހުންނަ ބަޔަކު ވިއްޔާ، އެ ބައެއްގެ ނަސްލީ މަތިވެރިކަމުގެ ޢަޤީދާއެއް ގެންގުޅޭނެއެވެ. ޖިސްމާނީ ސޫރައިގެ ފުރިހަމަކަމާއި، ވިސްނުމުގެ ފުރިހަމަކަމާއި، ޟަމީރުގެ ތަރައްޤީ އާއި، ހުނަރުވެރިކަމާއި ޤާބިލިއްޔަތު ފަދަ ހުރިހައި ގޮތަކުން ތިމާމެންނަކީ އެހެން އިންސާނުންނަށް ވުރެ މަތިވެރި ބަޔަކު ކަމުގައި ދެކޭނެއެވެ. އެހެން އިންސާނުންނަކީ ޢިލްމީ ތަރައްޤީ އާއި އަޚްލާޤީ ތަންވީރާއި ތަހުޒީބާއި ތަމައްދުނުގައި ތިމާމެންނަށް ވުރެ ދަށު ދަރަޖައިގެ ބައެއް ކަމަށް ދެކޭނެއެވެ. މި "މަތިވެރިކަމުގެ" ސަބަބުން، ދުނިޔޭގެ އެހެން ޤައުމުތަކުގެ ބިންތަކަށް އަރައި އެ ބިންތައް އިސްތިޢުމާރު ކުރުމާއި، އެހެން މީހުންގެ ދީންތަކާއި ސަގާފަތާއި އަގީދާތަކާއި އާދަކާދަތަކަށް ޙަމަލަ ދީ، އެއީ ބަރުބަރީ ކަންތައްތަކެއް ކަމުގައި ބުނެ، އެ ކަންކަން ދޫކުރުމަށް އެމީހުންނަށް މަޖުބޫރު ކުރުމުގެ ޙައްޤެއް ނުވަތަ ބާރެއް ނުވަތަ ވާޖިބެއް ތިމާމެންނަށް އޮންނަ ކަމަށް ދެކެ، އެ ކަން ޢަމަލީ ގޮތުން ކުރާނެއެވެ. އެހެން މީހުންގެ އިންސާނީވަންތަކަން ފުރިހަމަ ވާނީ، އަދި އެހެން މީހުންނަށް ކުރިއެރުމާއި ތަރައްޤީ އޮތީ ތިމާމެންގެ އިޖުތިމާޢީ، ސިޔާސީ، އަދި އިޤްތިޞާދީ ފަލްސަފާތަކާއި ވިސްނުންތަކާއި ނިޒާމުތަކާއި ސިޔާސަތުތަކާއި ހަމަތައް ކޮޕީ ކޮށްގެން ކަމަށް ވެސް ދެކެ، އެކަން ކުރުމަށް އެހެން މީސްތަކުންނަށް އެކި ގޮތްގޮތުން މަޖުބޫރު ކުރާނެއެވެ. ދުނިޔޭގެ ކަންކަން މިއަދު ހިނގާ ގޮތް ފަރުވާތެރިކަމާ އެކު ބައްލަވައިލައްވާށެވެ! ޔޫއެންޑީޕީ ފަދަ ބައިނަލްއަޤްވާމީ އިދާރާތައް ބޭނުން ކޮށްގެން، ހުޅަނގުގެ އެކިއެކި ފަލްސަފާތަކާއި ވިސްނުންތައް މުޅި ދުނިޔެއަށް ފެތުރުމަށް ކުރާ "ވައިޓް ކޮލަރ" އިސްތިޢުމާރީ މަސައްކަތްތަކުން ފެށިގެން ގޮސް، އެމެރިކާ އާއި ޔޫރަޕުގެ "ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތައް" ޤާއިމު ކުރުމަށް ޓަކައި ޢިރާޤު ފަދަ ޤައުމުތަކަށް ބޮން އަޅައި އެ ޤައުމުތައް ފަނާ ކޮށް، އެ ޤައުމުތަކުގެ އެތައް މިލިއަން އިންސާނުން މަރައި، ޢާއިލާތައް ސުންނާފަތި ކޮށް، ގެދޮރުތައް މުގުރައި، ޝަހަރުތަކާއި އަވަށްތަކާއި ދަނޑުބިންތަކަށް ދާންދެން ނާސަނާ އަރުވައި ހަދަމުން އެ ގެންދާ ގެންދިޔުމުގެ ފަހަތުގައި ފޮރުވިފައިވާ އެންމެ މުހިއްމު އެއް ސަބަބަކީ "ގޯޑްމޭނިއާ" ގެ ބައްޔެވެ!

ވޯމްޓެއިލް ކޮމްޕްލެކްސް

ދެން އޮތީ، މި ލިޔުމުގައި އެ އިޞްޠިލާޙަކާ މެދު ވާހަކަ ދައްކައިލާން އަޅުގަނޑު ގަސްތު ކުރާ ދެވަނަ އިޞްޠިލާޙެވެ. އެއީ "ވޯމްޓެއިލް ކޮމްޕްލެކްސް" މި ދެ ލަފުޒުން އުފައްދައިފައިވާ އިޞްޠިލާޙެކެވެ.

"ވޯމްޓެއިލް" އަކީ އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ޖޭ ކޭ ރައުލިން ލިޔެފައިވާ މަޝްހޫރު ވާހަކަ ސިލްސިލާ "ހެރީ ޕޮޓާ" ގައި އުޅޭ ޝަޚްސެކެވެ. އޭނާގެ އަސްލު ނަމަކީ ޕީޓަރ ޕެޓިގްރޫވއެވެ. މީހަކީ ދޮގުވެރި، މަކަރުވެރި، އަމިއްލަ ޝަޚްޞިއްޔަތަށް ޤަދަރު ނުކުރާ، އަޚްލާޤީ އެއްވެސް ސިފައެއް ގައިގައި ނެތް، ހެޔޮ ގޮތުގައި ބުއްދި ބޭނުން ކުރާން ނޭނގޭ މީހެކެވެ. ޟަމީރު މަރު ވެފައި ހުރި، އިންސާނީ ކަރާމާތާއި ޙުރުމަތުގެ ކަންފުޅެއް ވެސް ބަހާއި ޢަމަލުތަކުގައި ނެތް މީހެކެވެ. ހެރީ ޕޮޓަރގެ މައިންބަފައިންގެ ވަރަށް ގާތް ރައްޓެއްސެއްގެ ގޮތުގައި އެތައް އަހަރަކު އުޅުމަށް ފަހު، އެ ދެމަފިރީންގެ އެންމެ ބޮޑު ދުޝްމަން އަދި ވާހަކައިގެ އެންމެ ނުބައި ޝަޚްސު ކަމުގައިވާ ވޯލްޑެމޯޓަށް އެ ދެމައިން ފިލައި ތިބި ތަނުގެ މަޢުލޫމާތު ފޯރު ކޮށްދީ، އަނިޔާވެރި ގޮތުގައި އެ ދެމަފިރީން މެރުމަށް ވޯލްޑެމޯޓަށް މަގުފަހި ކޮށްދެނީ އޭނާއެވެ. އޭނާގެ ޙަޔާތުގެ ބާކީ ބައި ހޭދަ ކުރަނީ ވޯލްޑެމޯޓުގެ އަޅެއްގެ ގޮތުގައެވެ. ވޯލްޑެމޯޓު އެންގި ކޮންމެ ކަމެއް ކުރާ، ޢިއްޒަތުއްނަފުސެއް ނެތް އަޅެއްގެ ގޮތުގައެވެ.

"ވޯރމްޓެއިލް ކޮމްޕްލެކްސް" މި އިޞްޠިލާހުން އަޅުގަނޑު ކުރާ މާނައަކީ، ހެޔޮ ބުއްދި އާއި ހެޔޮ ޟަމީރާއި ޙައްޤު ގޮތް ފިޔަވައި، ބާޠިލު ގޮތްތަކެއްގައި ހުންނަ އަދި މީސްތަކުންގެ މައްޗަށް އަނިޔާވެރިކަމާއި ޖައްބާރުކަން ދައްކާ އަނިޔާވެރިއެއްގެ އަޅަކަށް އަމިއްލަ ރުހުމުގައި ވެގެން، އެ އަނިޔާވެރިޔާ ރުއްސައި، އޭނާ އަންގާހައި ކަމެއް ކޮށްގެން އޭނާގެ އަޢުވާނެއްގެ ގޮތުގައި އުޅޭއުޅުމެވެ. މި ލިޔުމުގައި ދައްކަމުން މި ގެންދާ ވާހަކަތަކުގެ ސިޔާގުގައި، "ވޯރމްޓެއިލް ކޮމްޕްލެކްސް" ގެ ބަލި ޖެހިފައި ތިބޭ މީހުންނަކީ، މުސްލިމް މުޖުތަމަޢުތަކަށް މުސްލިމުންގެ ގޮތުގައި އުފަން ވެ، އިސްލާމް ދީނުގެ ކަންކަން ހިސާބަކަށް ނަމަވެސް ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި މުޖުތަމަޢުގެ ތެރެއިން އެނގުމަށް ފަހު، ހުޅަނގުގެ ބާޠިލު ފިކުރުތަކަށް ހެއްލިގެން، އެ ފިކުރުތައް މުސްލިމުންގެ މެދުގައި ފަތުރައި، ހުޅަނގުގެ އިސްތިޢުމާރީ އެކިއެކި ފަރާތްތަކުގެ އެޖެންޑާއަށް މުސްލިމުންގެ ތެރޭގައި މަސައްކަތް ކުރަމުންދާ މީހުންނެވެ. އަޅުގަނޑުމެންގެ ރާއްޖެއިން ނެގޭނެ ބައެއް މިސާލުތަކަކީ، އެމްޑީއެން ޖަމްޢިއްޔާ އާއި އުތެމަ ޖަމްޢިއްޔާގެ ލީޑަރުންނާއި މުހައްރިކުން، އަދި އެމީހުންނަށް އެހީތެރިކަމާއި ރައްކައުތެރިކަން ދީގެން، ދިވެހި ދައުލަތުގެ ބޮޑެތި މަޤާމުތަކަށް އެމީހުން ޢައްޔަން ކޮށްގެން އުޅުނު ސިޔާސީ "ލީޑަރުން" ނެވެ. މި މީސްމީހުންގެ ބަހުރުވައިން ވެސް، އެމީހުންނަށް ޖެހިފައި ވާ "ވޯރމްޓެއިލް ކޮމްޕްލެކްސް" ބަލީގެ ޢަލާމާތްތައް ފެންނާނެއެވެ. މިސާލަކަށް، "ކާމިޔާބީ އާއި ކުރިއެރުން ލިބޭނީ ދޮން މީހުން އުޅޭ ގޮތަށް އުޅެގެނޭ" މިފަދަ ބަސްބަސް އެމީހުންގެ ދުލުން ބޭރު ވާނެއެވެ. ޖޮސެޕް ބޮރޭލް ފޮންޓެޔެސް ވިދާޅުވާ ފަދައިން، ޔޫރަޕަކީ ޙަޤީޤަތުގައި ވެސް އިންސާނިއްޔަތާއި ތަހުޒީބާއި ޢިލްމީ ތަންވީރުގެ ބަގީޗާއެއް ކަމަށް "ވޯރމްޓެއިލް ކޮމްޕްލެކްސް" ޖެހިފައި ތިބޭ މީހުން ޤަބޫލު ކުރާނެއެވެ. އަޅުގަނޑުމެންގެ ދީނާއި، ސަގާފަތާއި، އަމިއްލަވަންތަކަމަކީ "ޖަންގަލީގެ ގޮތްތައް" ކަމަށް ދެކޭނެއެވެ. އެހެންވެ، ޔޫރަޕުން ސިޔާސީ ތާއީދާއި، ފައިސާ އާއި، އެހެނިހެން ވެސް އެހީތައް ހޯދައިގެން، ޔޫރަޕުގެ ފަލްސަފާތަކާއި ގޮތްތައް އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމަށް އެމީހުން ކެނޑިނޭޅި މަސައްކަތް ކުރާނެއެވެ. އެމީހުންގެ ދަރީންނަށް ޔޫރަޕުގެ ނަންތައް ކިޔާނެއެވެ. އެމީހުން ލޯބި ކުރާނީ ޔޫރަޕުގެ އަދަބިއްޔާތަށާއި ފަންނަށެވެ. ހެދުން އަޅާނީ ޔޫރަޕުގެ ގޮތަށެވެ. ޔޫރަޕުގެ މުޤައްރަރުތަކަށް، ޔޫރަޕުގެ ޔުނިވަރުސިޓީތަކުން ކިޔެވުމުން ނޫނީ، ތަޢުލީމެއް ލިބުނު ކަމަކަށް ވެސް އެމީހުންނަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. އަމިއްލަ ޤައުމުގެ ދުސްތޫރީ ނިޒާމާއި، ޤާނޫނީ ނިޒާމާއި، ތަޢުލީމީ ނިޒާމާއި، އިޤްތިޞާދީ ނިޒާމާއި، އެހެނިހެން ކަންކަން ވެސް ޔޫރަޕުގެ ގޮތްތަކަށް ބައްޓަން ނުކުރެވެންޏާ، ތަރައްޤީއެއް ލިބޭ ކަމަކަށް އެމީހުން ނުދެކޭނެއެވެ.

ކޮންމެއަކަސް، މި ދުވަސްކޮޅަކީ ގޯޑްމޭނިއާގެ އަހުލުވެރީންނާއި ވޯރމްޓެއިލް ކޮމްޕްލެކްސްގެ އަހުލުވެރީންނަށް ދަތި ދުވަސްކޮޅެކެވެ. އެއީ، ޔޫރަޕުގެ ބަގީޗާގެ މައުތައް ކުއްލިޔަކަށް ބޮމާއި މިސައިލާއި އުންޑަތަކަށް ވެ، އެއިން ފަލަސްޠީނުގެ ޣައްޒާގައި މަޢުޞޫމު ތުއްތު ކުދީންނާއި ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީންނާއި ބަލި މީހުން މަރައި ސުންނާފަތި ކުރެވެމުންދާ ދިޔުމާ ގުޅިގެންނެވެ. މި ފެންނަ މަންޒަރުތަކުގެ ސަބަބުން، ބަގީޗާ އަކީ ކޮބައިކަމާއި ޖަންގައްޔަކީ ކޮބައިކަމާ މެދު ދުނިޔެ ހެއިލާން ފަށައިފި ކަމުގެ ޚަބަރުތައް ވެސް ލިބެއެވެ. އެންމެ ބޮޑު ހެއިލުންތެރިކަމެއް އައި ކަމަށް ވަނީ، ޔޫރަޕުގެ ރައްޔިތުންގެ ތެރެއިން ގޯޑްމޭނިއާގެ ބަލި ނުޖެހި ތިބި ޢާއްމުން ކަމަށް ވެސް ވެއެވެ. އޭގެ އެތައް މިލިއަން ބަޔަކު ގެންދަނީ ކޮންމެ ދުވަހަކު މަގުތަކަށް ނުކުމެ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑު ވެސް އުފުލަމުންނެވެ.

އާދޭހެވެ! ދުނިޔޭގެ އެއްވެސް ކަމެއް ހިނގަނީ "ތަދުބީރު ކުރާ މީހުންގެ ތަދުބީރުތަކާ އެއްގޮތަކަށެއް ނޫނެވެ. ތަޤުދީރުގެ ގަލަމުން ލިޔެވި ކުރެހޭ ޕްލޭނާ އެއްގޮތަށެވެ!

ލިންކުތައް:

  • https://www.eeas.europa.eu/eeas/european-diplomatic-academy-opening-remarks-high-representative-josep-borrell-inauguration_en
  • https://audiovisual.ec.europa.eu/en/video/I-231375
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟