ސްރީލަންކާ

ލަންކާ ސްކޫލުތަކުގެ ސެކަންޑަރީ ގްރޭޑްތަކުގެ ކިޔެވުން އަންނަ ހޯމަ ދުވަހު ފަށަނީ

ސްރީލަންކާގެ ސަރުކާރު ސްކޫލުތަކުގެ ސެކަންޑަރީ ގްރޭޑްތަކުގެ ކިޔެވުން އަންނަ ހޯމަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

ގްރޭޑް 6 އިން 13ގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، ގްރޭޑް 1 އިން 5ގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެކަން އިއުލާންކޮށްފައިވަނީ ލަންކާގެ ޑިޕާޓްމަންޓް އޮފް ގޮވަމަންޓް އިންފޮމޭޝަނުންނެވެ.

މިމަހުގެ ހަވަނަ ދުވަހު ސްކޫލުތައް އަލުން ހުޅުވުމަށް ލަންކާގެ ސެކިއުރިޓީ ކައުންސިލުން ނިންމާފައިވަނީ މިދިޔަ ހަފްތާގައެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު އަކިލާ ވިރާޖް ކަރިޔަވަސަމް ވިދާޅުވީ ސްކޫލުތައް ހުޅުވި ނަމަވެސް، ސެކިއުރިޓީ ވަރުގަދަވާނެ ކަމަށާއި ކޮންމެ ސްކޫލެއްގައި މަދުވެގެން ޕޮލިސް އޮފިސަރެއް ހަރަކާތްތެރިވާނެ ކަމަށެވެ.

ފުރަތަމަ ޓާމުގެ ބަންދަށް ފަހު މިދިޔަ މަހުގެ 22 ވަނަ ދުވަހު ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ކުރިން ތާވަލު ކުރި ނަމަވެސް، ލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސްކޫލުތައް ހުޅުވުން ވަނީ ފަސްކޮށްފައެވެ. ސްކޫލުތައް ހުޅުވުން މިދިޔަ މަހުގެ 28 ވަނަ ދުވަހަށް ފަސްކުރި ނަމަވެސް، ހަމަލާތަކެއްގެ ބިރު އޮތުމުން ސްކޫލުތައް ހުޅުވުން މިމަހުގެ 6 އަށް އަލުން ފަސްކުރިއެވެ.