ރޭޕް ކުރި ކަމުގެ ކުށުގައި ބްރެޒިލްގެ ކުރީގެ ތަރި ރޮބީނިއޯ، ނުވަ އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
މެންޗެސްޓާ ސިޓީއާއި ރެއާލް މެޑްރިޑަށްވެސް ކުރިން ކުޅުނު ރޮބީނިއޯއަށް ރޭޕްގެ ތުހުމުގައި އިއްޔެ ހުކުމް ކުރީ ބްރެޒިލްގެ ކޯޓަކުންނެވެ. އުމުރުން 40 އަހަރުގެ ރޮބީނިއޯ 2013 ވަނަ އަހަރު ގޭންގަކާއެކު އަލްބޭނިއާގެ އަންހެނަކު ރޭޕް ކުރިކަމަށް 2017 ވަނަ އަހަރު އިޓަލީގެ ކޯޓަކުންވެސް ހުކުމް ކޮށްފައިވާ އިރު، އޭގެ ފަހުން އޭނާ ހުކުމުން ސަލާމަތްވާން އުޅެމުން ދަނީ ބްރެޒިލްގައެވެ.
އެ މައްސަލައިގައި އިޓަލީ ކޯޓުން ބްރެޒިލް ކޯޓަށް މައްސަލަ ބަލަން ހުށަހަޅާފައިވާ އިރު، އިއްޔެ ބްރެޒިލް ކޯޓުން ހުކުމް ކުރީ ރޮބީނިއޯގެ މައްޗަށް މައްސަލަ ސާބުތުވާ ކަމަށެވެ. އަދި ނުވަ އަހަރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ބްރެޒިލް ކޯޓުން ވަނީ ފުރުސަތު ދީފައެވެ. އަދި އިސްތިއުނާފު ނިމެންދެން މިނިވަނެއްގެ ގޮތުގައި އުޅުމަށް ރޮބީނިއޯއަށް ވަނީ ފުރުސަތުވެސް ދީފައެވެ.
ބްރެޒިލް ގައުމީ ޓީމަށް 100 މެޗު ކުޅެފައިވާ ރޮބީނިއޯ ގޭންގް ރޭޕްގައި ބައިވެރިވެފައި ވަނީ އޭސީ މިލާނަށް ކުޅުނު ދުވަސްވަރުއެވެ. އޭނާގެ މައްސަލައިގައި 2017 ވަނަ އަހަރު އިޓަލީ ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރި ނަމަވެސް، 2020 ވަނަ އަހަރު އިސްތިއުނާފު ނިމުނީ ރޮބީނިއޯއާ ދެކޮޅަށެވެ.