ސްރީލަންކާ

ސްރީލަންކާގެ ޗެކްޕޮއިންޓަކުން ހައްޔަރުކުރި ތިން ދިވެހިން ދޫކޮށްލައިފި

އިބްރާހިމް ޒަކީ

ސްރީލަންކާގެ ޗެކްޕޮއިންޓަކުން ހައްޔަރުކުރި ތިން ދިވެހިން ދޫކޮށްލައިފިއެވެ.

ވަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ ފުލުހުން މިހާރު އެމީހުން ވަނީ ދޫކޮށްލައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސައިކަލެއް ގަތުމަށް ގޮސް އުޅެނިކޮށް ކޮލޮމްބޯއާ 100 ވަރަކަށް ކިލޯ މީޓަރު ދުރުން މި ތިންމީހުން ހައްޔަރުކުރީ، ލަންކާގެ ޗެކްޕޮއިންޓަކުން ފާސްކުރުމަށް ފަހުގައެވެ.

''ވަން އޮންލައިން''އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު އިއްޔެ ވިދާޅުވީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެއްވެސް ދިވެއްސަކާ އެކަމާ ގުޅިގެން ސުވާލު ނުކުރާކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން ލަންކާގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރާ އެކި މަސައްކަތުގެ ތެރޭގައި ބައެއް ދިވެހީންގެ ވިސާގައި އެކި މައްސަލަ ހުރިކަން ފާހަގަވާ ކަމަށާއި، އެކަމާ ބައެއް ދިވެހިންނާ ސުވާލުކޮށްފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

އެހެންކަމުން ލަންކާގައި އުޅޭ ދިވެހިންގެ ވިސާގެ އެއްވެސް މައްސަލައެއް އުޅޭ ނަމަ އެކަން ވީހާވެސް އަވަހަށް ހައްލު ކުރުމަށް މިއުވާން އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ލަންކާގައި ގާއިމްކޮށްފައިވާ ޗެކްޕޮއިންޓުތަކުގައި، ރީތިކޮށް ހަމަޖެހިގެން ފުލުހުންނާ މުހާތަބު ކުރުމަށް މިއުވާން އެދިވަޑައިގެންނެވިއެވެ. އަދި ލަންކާގެ ގާނޫނުތަކާއި ގަވައިދުތަކަށް ދިވެހިން އިހްތިރާމްކުރުމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ލަންކާ ބޮމުގެ ހަމަލާއާ ގުޅިގެން އެއްވެސް ދިވެއްސަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް، އެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން، މީގެ ކުރިންވެސް ހަ ދިވެއްސަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ދެ މީހުންގެ ބަންދަށް ވަނީ 13 ދުވަސް ޖަހައިފަ އެވެ.

އެ ދެ މީހުން ހައްޔަރު ކުރީ އެ މީހުން ދިރިއުޅޭ ގެއިން އައިއެސް ޖަމާއަތާ ގުޅޭ ފޮތެއް ފެނުމުންނެވެ. ލަންކާއަށް ދިން ހަމަލާގެ ޒިންމާ ވަނީ އައިއެސް ޖަމާއަތުން އުފުލައި އެވެ.