ކޮލަމް

މަލަސް ކޮލަމް: ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅީގެ މުސްލިމް ދޮރުވާނުން

އަލް އުސްތާޛް އަޙްމަދު މާޖިދު

ކްރިސްޓިޔަނުން ނުވަތަ ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅީގެ ތަޅުދަނޑި ބެލެހެއްޓުމާއި، އެ ތަން ހުޅުވައި ލެއްޕުމުގެ ވަޒީފާ އަދާ ކުރަނީ މުސްލިމް ދެ ޢާއިލާއަކުންކަން އެނގޭ ހެއްޔެވެ؟

ފަލަސްޠީނުގެ ޤުދުސްގައި ހުންނަ ޤިޔާމާ ފައްޅި ނުވަތަ މުޤައްދަސް މަޤުބަރާގެ ފައްޅި (Church of the Resurrection / Church of the Holy Sepulchre) އަކީ ނަޞާރާއިންގެ އެންމެ މުގައްދަސް ބިނާއެވެ. އެއުރެންގެ ގާތުގައި އެންމެ ހުރުމަތްތެރި ތަނެވެ. ނަޞާރާއިން ޤަބޫލު ކުރާ ގޮތުގައި، ޤިޔާމާ ފައްޅި ހުންނަ ތަނަކީ ޢީސާ ޢަލައިހިއްސަލާމް ޞަލީބަށް އެރުވުނު މަކާނާއި، އެކަލޭގެފާނުގެ ހަށިކޮޅު އެ މަޤުބަރާއެއްގައި ބޭއްވުނު މަޤުބަރާ ހޮހަޅަ ހުރި ތަނެވެ. އެމީހުންގެ ޢަޤީދާގައި އެކަލޭގެފާނު އަލުން ދިރުއްވެވުނީ އެ މަޤުބަރާ ހޮހަޅައިގައެވެ. ފަހުގެ ދައުރެއްގައި ޤިޔާމާ ފައްޅި ބިނާ ކުރެވުނު އިރު، ދެ ތަން ވެސް ފައްޅީގެ ޢިމާރާތުގެ ތެރޭގައި ހުންނަ ގޮތަށް ފައްޅި ފަރުމާ ކުރެވުނީއެވެ. ޤިޔާމާގެ ފައްޅި ހުންނަ ތަނުގައި ކުރީން ހުރީ މުސްކުޅި ރޯމަން ވަޘަނީ ދީނުގެ ފައްޅިއެކެވެ. ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގައި އުޅުއްވި ދުވަސްވަރުގެ 330 ވަރަކަށް އަހަރު ފަހުން އެ ވަޘަނީ ފައްޅި ތަޅައިލުމަށް ފަހު އެތަނުގައި ނަޞާރާ ދީނުގެ ފައްޅިއެއް ބިނާ ކުރެވުނީ ރޯމަން އަންބަރާޠޫރު ޤުސްޠަންޠީން އައުޒަމް (Constantine the Great) އާއި އޭނާގެ މަންމާފުޅު ހެލީނާ (Helena) ގެ އިސް ނެންގެވުމުގެ މަތީންނެވެ. އެއީ އެ ދެމައިކަނބަލުން ވަޘަނީ ދީން ދޫކޮށްލައްވައި ނަޞާރާ ދީނަށް ވަދެވަޑައިގެން، ރޯމަން ރަސްކަމުގެ އަމުރަށް މުޅި އަންބަރާޠޫރިއްޔާގެ ދީނަކީ ނަޞާރާ ދީން ކަމުގައި ވުމަށް ފަހުގައެވެ.

ޤިޔާމާ ފައްޅީގެ ތަޅުދަނޑި ބެލެހެއްޓުމާއި، ފައްޅި ހުޅުވައިލެއްޕުމުގެ މަސައްކަތް މުސްލިމް ދެ ޢާއިލާއަކުން ކުރާތާ އެތައް ޤަރުނެއް މިހާރު ވަނީ ވެފައެވެ. އެ ދެ ޢާއިލާއަކީ ޤުދުސްގެ އެންމެ މަޝްހޫރު އަދި ޤަދަރުވެރި ޢަރަބި ޢާއިލާތަކުގެ ތެރޭގައި ހިމެނޭ އައްނުސައިބާ ޢާއިލާ އާއި، އަލްޣުދައްޔާ ޢާއިލާއެވެ.

އައްނުސައިބާ ޢާއިލާ އާއި އަލްޣުދައްޔާ ޢާއިލާ

އައްނުސައިބާ ޢާއިލާ ނިސްބަތް ވަނީ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ޞަޙާބީ ބެއިކަނބަލެއް ކަމުގައި ވާ ނުސައިބާ އަލްމާޒިނިއްޔާ ރަޟިޔަﷲ ޢަންހާއަށެވެ. އެކަމަނާގެ ވަންހައަކީ، މަދީނާގެ އެންމެ މުހިއްމު އެއް ޤަބީލާ ކަމުގައިވާ އަލްޚަޒްރަޖް ޤަބީލާގެ ބަނީ ނައްޖާރެވެ. ކީރިތި ނަބިއްޔާ މަދީނާއަށް ހިޖުރަ ކުރެއްވުމާ ގުޅިގެން އިސްލާމް ވެވަޑައިގެން އެކަލޭގެފާނަށް ނަޞްރު ދެއްވެވި އަންޞާރީންގެ އަންހެން ބެއިފުޅުންގެ ތެރޭގައި އެކަމަނާ އަކީ ކުރީ ސަފުގައި ހުންނެވި ބެއިކަނބަލެކެވެ. އުޙުދު ހަނގުރާމައިގެ ދުވަހު މުސްލިމުންގެ ސަފުތައް ހާވިޔާ ވެ، މުޝްރިކުން ކީރިތި ނަބިއްޔާ ޝަހީދު ކޮށްލުމަށް ޓަކައި ހަ ފަރާތުން އެކަލޭގެފާނާ ދިމާ ކުރި ވަގުތު، އެކަލޭގެފާނުގެ ޙިމާޔަތުގައި ޤުރުބާން ވެވަޑައިގަތުމަށް ޓަކައި އިންސާނީ ފައުރެއްގެ ގޮތުގައި އެކަލޭގެފާނުގެ ވަށައިގެން ފައިތިލަ ސާބިތު ކުރެއްވި ބެއިފުޅުންގެ ތެރޭގައި އެކަމަނާ ހިމެނިވަޑައިގަތެވެ. އެ މަޢުރިކާގައި މައްކާގެ ހަނގުރާމަވެރީންގެ ޙަމަލަތަކުން އެކަމަނާ ނުހަނު ބޮޑަށް ޒަޚަމު ވެވަޑައިގަތެވެ. ނަމަވެސް އެ ޒަޚަމުތަކަށް ޝިފާ ލިބިވަޑައިގެން، ފުރިހަމަ ޞިއްޙަތަށް އެކަމަނާ ރުޖޫޢަ ވެވަޑައިގަތެވެ. އެކަމަނާއަށް ލިބިވަޑައިގަތީ ދެ ފިރިހެން ބެއިފުޅުންނެވެ. އޭގެ ތެރެއިން އެއް ބެއިފުޅަކު، އިސްލާމީ ދައުލަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ދުވަސްވަރު ނަބީކަމަށް ދަޢުވާ ކުރި މުސައިލަމަތުލް ކައްޛާބާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި ޝަހީދު ވެވަޑައިގަތީއެވެ. އަނެއް ދަރިކަލުން ޢަބްދުﷲ ރަޟިޔަﷲ ޢަންހު، ދެވަނަ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ދުވަސްވަރު ޤުދުސްގައި ވަޒަންވެރި ވެވަޑައިގަތެވެ. ނުސައިބާ ޢާއިލާގެ އެއް އަޞްލަކީ މި ޢަބްދުﷲ ރަޟިޔަﷲ ޢަންހެވެ. އެ ޢާއިލާގެ އަނެއް އަޞްލަކީ އަންޞާރީންގެ ތެރޭގައި ނަންހުރި ބެއިކަލެއް ކަމުގައިވާ ޢުބާދަތު ބިން އައްޞާމިތު ރަޟިޔަﷲ ޢަންހެވެ. އެކަލޭގެފާނަކީ ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިޔަހުގައި ދީނަށާއި އުއްމަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވުމަށް ފަހު، ޚަލީފާއިންގެ ދައުރުގައި އިސްލާމީ ލަޝްކަރުތަކުގެ ކޮމާންޑަރުކަމާއި، ފަލަސްޠީނުގެ ގަވަރުނަރުކަމާއި، ފަނޑިޔާރުކަން ވެސް ކުރެއްވި ބެއިކަލެކެވެ.

އަލްޣުދައްޔާ ޢާއިލާ ނިސްބަތް ވަނީ ޤުދުސްގެ ޢަރަބި މުސްލިމް އެންމެ ބޮޑު އެއް ވަންހަ ކަމުގައިވާ އަލްޙުސައިނީއަށެވެ. އަލްޙުސައިނީންނަކީ، ޢާއްމުކޮށް ޤަބޫލު ކުރެވިފައިވާ ގޮތުގައި، ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަރަކާތްތެރި މާފަ ދަރިކަލުން ޙުސައިން ބިން ޢަލީ ރަޟިޔަﷲ ޢަންހުގެ ދަރިފަސްކޮޅުން އައިސްފައިވާ ވަންހައެކެވެ. އެ ވަންހައިގެ ފެށުމާ ބެހޭގޮތުން ތާރީޚީ ގޮތުން އިތުބާރު ހުރި ގޮތެއްގައި ރިކޯޑު ކުރެވިފައި ވާ މާކަ ގިނަ މަޢުލޫމާތުތަކެއް ނެތެވެ.

އައްނުސައިބާ ޢާއިލާ އާއި އަލްޣުދައްޔާ ޢާއިލާ މިހާރު ވަނީ ފަލަސްޠީނުން ބޭރަށް ވެސް ފެތުރިފައެވެ. އޭގެ މައިގަނޑު ސަބަބަކީ ފަލަސްޠީނުގެ ބިމުގައި ގަދަބާރުން އަދި ޣައިރުޤާނޫނީ ގޮތުން އުފައްދައިފައިވާ އިސްރާއީލޭ ކިޔުނު އިސްތިޢުމާރީ އަދި ސަހުޔޫނީ ކިޔާނުގެ އަނިޔާވެރިކަމެވެ. ޤުދުސްގައި ދެމިތިބި އެ ދެ ޢާއިލާގެ އިސް ބެއިފުޅުންނަށް ބަލާ އިރު، އަލްޣުދައްޔާ ޢާއިލާގެ އެންމެ އިސް މެންބަރެއްގެ ގޮތުގައި މި ވަގުތު ޤިޔާމާ ފައްޅީގެ ތަޅުދަނޑި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބެއިފުޅަކީ އަދީބް ޖަވާދު ޖައުދާ އަލްޙުސައިނީއެވެ. އޭނާ އުފަން ވެވަޑައިގަތީ ޤުދުސްގައެވެ. ޢުމުރުން 60 އަހަރުގެ އަދީބް ޖަވާދަކީ ޢަރަބި ބަހާއި ޢިބްރީ ބަހާއި އިނގިރޭސި ބަހަށް ވަރަށް މޮޅު، ޢިލްމުވެރި ބެއިފުޅެކެވެ. އައްނުސައިބާ ޢާއިލާގެ އިސް ބެއިފުޅުންގެ ތެރެއިން، ޤިޔާމާ ފައްޅި ހުޅުވައިލެއްޕުމުގެ މަސައްކަތުގެ އިސް ބެއިފުޅަކަށް މި ވަގުތު ހުންނެވީ ވަޖީހު ނުސައިބާއެވެ.

ކިހިނެއް ފެށުނު ކަމެއް؟

ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅީގެ ތަޅުދަނޑި ބެލެހެއްޓުމާއި އެތަން ކޮންމެ ދުވަހަކު ހުޅުވައިލެއްޕުމުގެ މަސައްކަތް މުސްލިމް ދެ ޢާއިލާއަކާ ޙަވާލު ވީ ކިހިނެއް ކޮން ގޮތަކުން ހެއްޔެވެ؟

ނުސައިބާ ޢާއިލާގެ ޢާއިލީ ތާރީޚު އެ ޢާއިލާއިން ކިޔައިދޭ ގޮތުން ވިއްޔާ، މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހުގެ ދުވަސްވަރު، މީލާދީން 637 ހައިތަނުގައި، އެކަލޭގެފާނު ޤުދުސް ފަތަޙަ ކުރެއްވުމަށް ފަހު ޤިޔާމާ ފައްޅީގެ ތަޅުދަނޑި ޙަވާލު ކުރެއްވީ އެ ޢާއިލާއާއެވެ. އެއިރު ތަޅުދަނޑިއާ އެކު، ފައްޅި ހުޅުވައި ލެއްޕުމުގެ މަސްއޫލިއްޔަތު ވެސް އޮތީ އެ ޢާއިލާއަށެވެ.

ޢުމަރުގެފާނު ޤުދުސް ފަތަޙަ ކުރެއްވި ހާދިސާ އަކީ އިސްލާމީ ތާރީޚުގެ ވަރަށް ޚާއްސަ ހާދިސާއެކެވެ. ފުރަތަމަ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ދައުރުގައި މުސްލިމުން ޝާމުކަރަ ފަތަޙަ ކުރުމުގެ ހަނގުރާމަ ފެށިއެވެ. އެ ހަނގުރާމައިގައި މުސްލިމުންނަށް ޤުދުސާ ހަމަޔަށް ދެވުނު އިރު، އަބޫބަކުރު ރަޟިޔަﷲ ޢަންހު އަވަހާރަ ވެ، ޚަލީފާކަމުގައި ހުންނެވީ ޢުމަރުގެފާނެވެ. މުސްލިމުން ޤުދުސް ހިސާރު ކުރުމުން، އެ ޝަހަރުގައި ރޯމަން ދައުލަތުގެ ފަރާތުން ހުންނެވި ވެރިޔާ އަދި ޝަހަރުގެ ނަޞާރާ އިސް ޕެޓްރިއާރކް ސޮފްރޯނިއަސް އެންގެވީ، ޚަލީފާ ޢުމަރުގެފާނު ޤުދުސަށް ވަޑައިގެންފިއްޔާ ހަނގުރާމައަކާ ނުލައި ޞުލްޙަވެރިކަމާ އެކު މުސްލިމުންނާ ޝަހަރު ޙަވާލު ކުރައްވާނޭ ކަމުގައެވެ. މި މުތާލަބާއަށް އިޖާބަ ދެއްވައި، ޚަލީފާ ޤުދުސަށް ވަޑައިގަތެވެ. ޕެޓްރިއާރކް ސޮފްރޯނިއަސް ވެސް އޭނާގެ ވަޢުދުފުޅާ އެއްގޮތަށް، ޚަލީފާއަށް މަރުޙަބާ ދަންނަވައި، ޤުދުސްގެ ދޮރޯށި ހުޅުވައިލައްވައި، ޝަހަރުގެ ތަޅުދަނޑިތައް އެކަލޭގެފާނާ ޙަވާލު ކުރެއްވިއެވެ. އެޔަށްފަހު، ޚަލީފާ ޢުމަރުގެފާނު ނަޞާރާއިންގެ ޤިޔާމާ ފައްޅިއަށް ޒިޔާރަތް ކުރެއްވުމަށް ސޮފްރޯނިއަސް ދަޢުވަތު ދެއްވިއެވެ. އެ ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ޚަލީފާ އެ ފައްޅިއަށް ވަޑައިގަތީ އިސްލާމީ ލަޝްކަރުގެ ވެރީންގެ ގޮތުގައި ތިއްބެވި ޞަޙާބީންގެ ޖަމާޢަތަކާ އެކުގައެވެ. އެ ބެއިފުޅުން ސޮފްރޯނިއަސްގެ އަރިޔަހުގައި ފައްޅި ބައްލަވައިލައްވާން ތިއްބަވަނިކޮށް އެ ދުވަހުގެ މެންދުރު ނުވަތަ ޢަޞުރު ނަމާދުގެ ވަގުތު ވަނެވެ. ނަމާދު ކުރެއްވުމަށް ޓަކައި، އަރިޔަހުގައި ތިއްބެވި މުސްލިމުންނާއިގެން ފައްޅީން ނުކުމެވަޑައިގަތުމަށް ޚަލީފާ ގަސްތުފުޅު ކުރެއްވުމުން، ފައްޅީގެ ތެރޭގައި ނަމާދު ކުރައްވާން ސޮފްރޯނިއަސް އެދިވަޑައިގަތެވެ. ނަމަވެސް ޢުމަރުގެފާނު އެކަމަށް އިންކާރު ކުރައްވައި ވިދާޅުވީ، އެކަލޭގެފާނު އެ ފައްޅީގައި ނަމާދުފުޅު ކުރައްވައިފިއްޔާ ފަހުގެ ދައުރެއްގައި މުސްލިމުން އެތަނަކީ މިސްކިތަކަށް ހެދުމަށް މަސައްކަތް ކޮށްފާނޭ ކަމުގައެވެ. އެހެން ވިދާޅުވެ، އެކަލޭގެފާނު ފައްޅީން ނުކުމެވަޑައިގެން، ނަމާދުފުޅު ކުރެއްވީ ސުލައިމާން ނަބީ ކަލޭގެފާނުގެ މިސްކިތްކޮޅު ހުރި މަޤާމުގައެވެ. މަސްޖިދުލް އަޤްޞާގެ ސަރަޙައްދުގައެވެ. މި ދެންނެވީ، ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅިއާ މެދު މުސްލިމުންގެ ޚަލީފާ ޢަމަލުފުޅު ކުރެއްވެވި އިޙްސާންތެރި، ޢަދުލުވެރި، އިންސާނީވަންތަ ގޮތުގެ ވާހަކައެވެ. އެކަލޭގެފާނު ޕެޓްރިއާރކް ސޮފްރޯނިއަސްއަށް ދެއްވެވި ފަތްކޮޅަކުން ވެސް ޤިޔާމާ ފައްޅި އާއި، ޤުދުސްގައި އުޅޭ ނަޞާރާއިންނާއި އެމީހުންގެ އެންމެހައި މުޤައްދަސް ތަންތަނަށް ރައްކައުތެރިކަން ކަށަވަރު ކޮށްދެއްވިއެވެ.

ޤިޔާމާ ފައްޅީގެ ތަޅުދަނޑި އާއި އެތަން ހުޅުވައިލެއްޕުމުގެ މަސްއޫލިއްޔަތު ޚަލީފާ ޢުމަރުގެފާނު ނުސައިބާ ޢާއިލާއާ ޙަވާލު ކުރެއްވެވި ކަމުގައި ބުނެވޭ ބުނުމަކަށް ތާރީޚީ ހެއްކެއް ނެތެވެ. އެ ޢާއިލާގެ ޖީލުން ޖީލަށް ވާރުތަ ކުރެވެމުން އަންނަ ވަޞިއްޔަތްތަކާއި ޚަބަރުތައް ފިޔަވައެވެ. އެހެންކަމުން، ބައެއް މުއައްރިޚުން އެކަން ޤަބޫލެއް ނުކުރައްވައެވެ. މިހާރު ތަޅުދަނޑި ބަލަހައްޓާ އަލްޣުދައްޔާ ޢާއިލާގެ ބެއިފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ފައްޅީގެ ތަޅުދަނޑިއާއި ދޮރުވާނުކަން ނުސައިބާ ޢާއިލާއާ ޙަވާލު ކުރެވުނު ކަމަށް އެ ޢާއިލާއިން ބުނާ ބުނުމަކީ ތާރީޚީ ޙަޤީޤަތެއް ނޫނެވެ. އަލްޣުދައްޔާ ޢާއިލާގެ ބަހުގައި، ނުސައިބާ ޢާއިލާއާ ފައްޅީގެ ދޮރު ހުޅުވައި ލެއްޕުމުގެ މަސްއޫލިއްޔަތު ޙަވާލު ކުރެވުނީ، ފައްޅީގެ ތަޅުދަނޑި އަލްޣުދައްޔާ ޢާއިލާއާ ޙަވާލު ކުރެވުނު ފަހުންނެވެ. އަލްޣުދައްޔާ ޢާއިލާގެ ބެއިފުޅުން ވިދާޅުވާ ގޮތުން އޭގެ ސަބަބަކީ، އެ ޢާއިލާ އަކީ ދީނީ ޢިލްމުވެރީންގެ ޢާއިލާއަކަށް ވެފައި، ފައްޅީގެ ދޮރު ހުޅުވާ އިރު މަތީ ތަޅު ހުޅުވުމަށް ޓަކައި ހަރުގަނޑަކަށް އަރާން ޖެހޭތީ، އެއީ މުސްލިމުންގެ ދީނީ ޢިލްމުވެރިޔަކާ އެކަށީގެންވާ ކަމަކަށް ނުވުމެވެ. އެހެންކަމުން، އަލްޣުދައްޔާ ޢާއިލާގެ ބެލުމުގެ ދަށުގައި ތަޅުދަނޑި ބާއްވައި، ދޮރު ހުޅުވުމާއި ލެއްޕުން ނުސައިބާ ޢާއިލާއާ ޙަވާލު ކުރެވުނީއެވެ. މި މައްސަލައިގައި ދެ ޢާއިލާގެ ދެމެދުގައި މިހައި ބޮޑު ދެބަސްވުމެއް އޮތް ކަމުގައި ވިޔަސް، ދެ ޢާއިލާގެ ގުޅުން ވަރަށް ވަރުގަދައެވެ. މި އިޚްތިލާފުގެ ވާހަކަ ފެންމަތި ވެއްޖެ ޙާލަތެއްގައި، ދެ ޢާއިލާގެ ބެއިފުޅުން ވެސް އެ ވާހަކަ ދައްކަވަނީ ސަމާސާ ގޮތެއްގައެވެ. އެކަމާ ގުޅިގެން ދެ ޢާއިލާގެ ދެމެދުގައި އެއްވެސް ކަހަލަ ކިލަނބުކަމެއް އުފެދުނަކަ ނުދެއްވައެވެ.

ކޮންމެއަކަސް، އެންމެންނަށް އެއްބަސް ވެވޭ ހިސާބަކީ އަދި ތާރީޚީ ގޮތުން ކަށަވަރު ކަމަކީ، މީލާދީން 1187 ގައި މުސްލިމުންގެ މަތިވެރި ބަޠަލް ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީގެ ރަސްކަމުގެ ދަށަށް ޤުދުސް އައުމަށް ފަހު، ޤިޔާމާ ފައްޅީގެ ތަޅުދަނޑި ބަލަހައްޓަމުން އަންނަނީ އަލްޣުދައްޔާ ޢާއިލާއިން ކަމާއި، ފައްޅި ހުޅުވައި ލެއްޕުމުގެ ވަޒީފާ އަދާ ކުރަމުން އަންނަނީ ނުސައިބާ ޢާއިލާއިން ކަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ޞަލާޙުއްދީނުލް އައްޔޫބީގެ އަމުރުފުޅުގެ ދަށަށް ޤުދުސް އައީ، ނުވަދިހަ ވަރަކަށް އަހަރު ވާންދެން ޔޫރަޕުގެ ނަޞާރާ ޞަލީބީން އެ ޝަހަރާއި ފަލަސްޠީނުގެ މައްޗަށް ކުރި އަނިޔާވެރި ވެރިކަމަށް ފަހު އެމަނިކުފާނު އެ ޝަހަރު ފަތަޙަ ކުރެއްވުމުންނެވެ. ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު މުސްލިމުންގެ ވެރިކަމުގެ ދަށަށް ފަލަސްޠީނާ އެކު ޤުދުސް ގެންނެވިތާ ފަސް ޤަރުނު ފާއިތު ވެގެން ދިޔަ ފަހުން، ޔޫރަޕުގެ ނަޞާރާ ޞަލީބީން އެ ޝަހަރު އަތުލައިގަތީ މީލާދީން 1099 ވަނަ އަހަރު، ލެއިން ފެންކުޅި ކުޅުނު ވަޙުޝީ ހަނގުރާމައެއްގައި ޝަހަރުގެ މުސްލިމް ރައްޔިތުންގެ ހަތްދިހަ ހާސް މީހުން ކަތިލުމަށް ފަހުގައެވެ. އެޔަށްފަހު ޤިޔާމާ ފައްޅީގެ ކަންކަން ވެސް ބެލެހެއްޓީ އެމީހުންނެވެ. ސުލްޠާން ޞަލާޙުއްދީން 1187 ވަނަ އަހަރު ޤުދުސް ފަތަޙަ ކުރެއްވުމަށް ފަހު، ފައްޅީގެ ތަޅުދަނޑި ބެލެހެއްޓުމާއި ދޮރު ހުޅުވައިލެއްޕުމުގެ ކަންކަން މުސްލިމުންގެ އަތްމަތީގައި އޮންނަ ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވީއެވެ.

ޞަލާޙުއްދީން ހަމަޖެއްސެވި އިންތިޒާމުތަކުގެ މަޢުލޫމާތު ތާރީޚީ ގޮތުން އެކިއެކި މަޞްދަރުތަކުގެ އެހީގައި ކަށަވަރު ގޮތެއްގައި ލިބިފައި ވިޔަސް، އެކަމާ ގުޅިގެން އެމަނިކުފާނު ދެއްވެވި ރަސްމީ ލިޔެކިޔުމެއް މިހާރަކު ފެންނާކަށް ނެތެވެ. ކަމާބެހޭ ރަސްމީ ލިޔެކިޔުމަކަށް، މިހާރު އޮތް އެންމެ މުސްކުޅި ލިޔުމަކީ މީލާދީން 1517 ވަނަ އަހަރު، ޢުޘްމާނީ ސުލްޠާން ސާލިމް އެއްވަނަ ދެއްވައިފައިވާ ރަސްމީ ލިޔުމެކެވެ. ޝާހީ ސިއްކަ ޖެހިފައިވާ އެ ލިޔުމަކީ ސުލްޠާން ސާލިމް ފަލަސްޠީނާ އެކު ޤުދުސް ފަތަޙަ ކުރައްވައި، މުޅި އެ ސަރަޙައްދު ޢުޘްމާނީ ރަސްކަމުގެ ދަށަށް ގެންނެވުމަށް ފަހު ދޫ ކުރެއްވި ލިޔުމެކެވެ.

ކީއްވެގެން؟

އިސްވެދެންނެވުނު ފަދައިން، ޤިޔާމާގެ ފައްޅީގެ ތަޅުދަނޑި އާއި ފައްޅި ހުޅުވައިލެއްޕުމުގެ އިންތިޒާމު މިހާރު މި އޮތް ގޮތަށް، އަލްޣުދައްޔާ ޢާއިލާ އާއި އައްނުސައިބާ ޢާއިލާގެ މެދުގައި ޙިއްސާ ވެވިގެން ހިނގާ ކަމެއްގެ ގޮތުގައި، ހަމަޖެއްސެވީ މީލާދީން 1187 ގައި ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީއެވެ. ޞަލީބީންގެ އަތުން ޤުދުސް މިނިވަން ކުރެއްވުމަށް ފަހު، ސުލްޠާން ޞަލާޙުއްދީން ޝަހަރުގެ ނަޞާރާއިންނާ މެދު ކަންތައްތައް ކުރެއްވެވީ ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ފަދައިން، މުޅި ދުނިޔެ އަބަދުގެ އަބަދަށް އެމަނިކުފާނަށް ތަޢުރީފު ކުރާހައި އިޙްސާންތެރި ގޮތުގައި، އޯގާވެރިކަމާއި ޢަދުލުވެރިކަމާ އެކުގައެވެ. އެމަނިކުފާނު ނަޞާރާއިންނަށް ޤިޔާމާ ފައްޅި މިނިވަންކަމާއި ފަސޭހަކަމާ އެކު ބޭނުން ކުރެވޭނޭ ހުރިހައި އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވިއެވެ. ޔޫރަޕާއި އެހެނިހެން ސަރަޙައްދުތަކުގެ އެންމެހައި ނަޞާރާއިންނަށް އެ ފައްޅިއަށް ޒިޔާރަތް ކުރުމަށް ޓަކައި ޤުދުސަށް ގޮސްއައިސް އުޅުމުގެ ފުރިހަމަ މިނިވަންކަން ދެއްވިއެވެ. ފައްޅީގެ ރައްކައުތެރިކަމާއި ޙިމާޔަތުގެ ކަންކަން އިސްލާމީ ވެރިކަމުގެ ފަރާތުން ނުހަނު ފުރިހަމަކޮށް އިންތިޒާމު ކޮށްދެއްވިއެވެ. ފައްޅީގެ ހުރިހައި ކަމެއް ނަޞާރާއިން ކަނޑައަޅާ ގޮތަކަށް އެމީހުން އަމިއްލަޔަށް ކުރުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވިއެވެ.

މި ކަންކަމާ އެކުގައިމެ، ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅީގެ ތަޅުދަނޑި އާއި އެ ފައްޅި ހުޅުވައިލެއްޕުމުގެ ޒިންމާ ސުލްޠާން ޞަލާޙުއްދީން މުސްލިމް ދެ ޢާއިލާއަކާ ޙަވާލު ކުރެއްވީ ކީއްވެގެންތޯ މިއީ މުހިއްމު ސުވާލެކެވެ. މި ސުވާލާ މެދު އެކި މީހުންގެ ޖަވާބު ވެސް ތަފާތެވެ. ބައެއް މީހުން މިކަމުގައި މުސްލިމުން ގޯސް ކުރާން މަސައްކަތް ކޮށްފައި ވެސް ވެއެވެ. އެއީ ފައްޅިއަށް ޒިޔާރަތް ކުރާ ނަޞާރާއިންގެ އަތުން މައުމޫލެއް ނެންގެވުމާއި، ޝަހަރުގެ ސާހިބުންނަކީ މުސްލިމުންކަން އެންމެންނަށް ވެސް ދެއްކެވުމުގެ ގޮތުން ޞަލާޙުއްދީން ކުރެއްވި ކަމެއް ކަމަށް ބުނާ ބަޔަކު ވެސް އުޅެއެވެ. ނަމަވެސް މިފަދަ ދަޢުވާތަކަކީ "އިސްލާމޮފޯބިއާ" ގެ އަޞްލުން އުފެދިފައި ވާ ދޮގު ތުހުމަތުތަކެއްކަމަށް ބުނާން މަޖުބޫރު ވަނީ، ކަން ހިނގި ގޮތާ މެދު ތާރީޚީ ގޮތުން އައިސްފައި ހުރި އެއްވެސް ރިވާޔަތަކުން، ސުލްޠާން ޞަލާޙުއްދީންގެ ނިޔަތްޕުޅާއި މަޤްޞަދުގެ ސާފުކަމާއި މުޙުތަރަމްކަމާ މެދު ޝައްކު އުފައްދާނޭ އެއްވެސް ސަބަބެއް ފެންނާން ނެތަތީއެވެ.

ނަޞާރާ ދީނާއި އެ ދީނުގެ އަހުލުވެރީންގެ ތާރީޚުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޔިސްކާ ހަރާނީ ވިދާޅުވާ ގޮތުގައި، މުސްލިމް ޢާއިލާތަކަކަށް ޤިޔާމާ ފައްޅީގެ "ދޮރުވާނުކަން" ޙަވާލު ކުރެވުމުގެ ޙަޤީޤީ ސަބަބަކީ، ފައްޅީގެ ތަޅުދަނޑީގެ މިލްކުވެރިކަމާ މެދު ނަޞާރާއިންގެ މަޒުހަބުތަކުގެ މެދުގައި އުފެދުނު ހިތިކަން ގަދަ އަރައިރުމާއި ޢަދާވާތްތެރިކަމެވެ. ސުލްޠާން ޞަލާޙުއްދީނުގެ ޙަޔާތްޕުޅުގައި މި އަރައިރުމާއި ދެކޮޅުވެރިކަން އޮތީ މައިގަނޑު ގޮތެއްގައި މެދުތެރޭ އަދި ހުޅަނގު ޔޫރަޕުގެ ރޯމަން ކެތަލިކް މަޒުހަބާއި، ބައިޒެންޓައިން ރޯމަން ދައުލަތާއި އިރުމަތީ ޔޫރަޕުގެ ގްރީކު އޮތޮޑޮކްސް މަޒުހަބާ ދެމެދުގައެވެ. އަރުމީނިއާގެ އޮތޮޑޮކްސް ފައްޅި އާއި، ފްރާންސިސްކަން މަޒުހަބަކީ ވެސް ފައްޅީގެ ބަލަދުވެރިކަމާ މެދު ހޫނުކޮށް ދަޢުވާ ކުރި ދެ މަޒުހަބެވެ. މި އަރައިރުން ބޮޑު ވެގެން ގޮސް، ފައްޅި އެއްގޮތަކަށް ވެސް ނުހުޅުވައި ބަހައްޓާ ހިސާބަށް ވެސް ކަންތައްތައް ގޯސް ވިއެވެ. ސުލްޠާން ޞަލާޙުއްދީން މައްސަލައިގެ ތެރެޔަށް ވަދެވަޑައިގަތީ މި ދެކޮޅުވެރިކަން އެއްފަރާތް ކުރައްވައި، ދެމެހެއްޓެނިވި ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ. ފައްޅީގެ ތަޅުދަނޑި ބެލެހެއްޓުމާއި ފައްޅި ހުޅުވައި ލެއްޕުން މިނިވަން ފަރާތަކާ ޙަވާލު ކުރެއްވުމަކީ އެ ވަގުތު އޮތް ހަމައެކަނި ޙައްލު ކަމަށް އެންމެނަށް އެއްބަސް ވެވުނީތީއެވެ. ހަމަ އެހެންމެ، ވާދަވެރި ނަޞާރާ މަޒުހަބުތަކުގެ ތެރެއިން ވަކި ބަޔަކާ ތަޅުދަނޑި ޙަވާލު ކުރައްވައިފިއްޔާ، ދެން ތިބި މީހުން ޢަދާވާތްތެރި ގޮތުގައި ހިންގާ ކަމެއްގެ ސަބަބުން ޤުދުސްގެ ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަމަށް ނުރައްކާ ވެދާނޭ ކަން ވެސް ސުލްޠާން ޞަލާޙުއްދީނަށް ޤަބޫލުފުޅު ކުރެއްވެވުނެވެ. މި ސަބަބުތަކާ ހުރެ، ނަޞާރާއިންގެ އިސް ވެރީންނާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު، އެމީހުން ވެސް އެއްބަސް ވެ އެދުނު ގޮތުގެ މަތީން ފައްޅީގެ ތަޅުދަނޑި އާއި ހުޅުވައިލެއްޕުމުގެ މަސްއޫލިއްޔަތު މުސްލިމް ދެ ޢާއިލާއަކާ ޙަވާލު ކުރެއްވީއެވެ. ކަން ހިނގި ގޮތް ކަމަށް އަލްޙުސައިނީ ޢާއިލާ އާއި އަލްޣުދައްޔާ ޢާއިލާގެ އިސް ބެއިފުޅުން ވިދާޅުވާ ގޮތަކީ މިއީއެވެ. ފެންނާން ހުރި ތާރީޚީ ލިޔުންތަކުން އެނގޭ ގޮތަކީ ވެސް، އަދި ޚުދު ޤިޔާމާ ފައްޅީގެ އިސް ބެއިފުޅުން ވިދާޅުވާ ގޮތަކީ ވެސް މިއީއެވެ.

ނަޞާރާއިންގެ މަޒުހަބުތަކުގެ މެދުގައި އަރައިރުންތަކާއި ކޯޅުންތައް އުފެދުނު ހަމައެކަނި ސަބަބަކީ ނުވަތަ ކަމަކީ ޤިޔާމާ ފައްޅީގެ ތަޅުދަނޑި އާއި ފައްޅި ހުޅުވައިލެއްޕުމުގެ މައްސަލައެއް ނޫނެވެ. ނަޞާރާއިންގެ ތާރީޚުގެ ޞަފުޙާތައް ކަޅި ވެފައި ވަނީ، މަޒްހަބީ ޢަދާވާތްތެރިކަމުގައި ހިނގި ބޮޑެތި ބޮޑެތި މައްސަލަތަކާއި ބިރުވެރި ހަނގުރާމަތަކުގެ ވާހަކަތަކުންނެވެ. ޤިޔާމާގެ ފައްޅިއާ މެދު އުފެދުނު އަރައިރުން ވެސް ނަވާރަވަނަ ޤަރުނާ ހަމަޔަށް ވެސް ދެމިގެން އައެވެ. އެގޮތުން، ޢުޘްމާނީ ޚިލާފަތުގެ ވެރިކަން ފަލަސްޠީނުގެ މައްޗަށް އޮތް ދުވަސްވަރު، މީލާދީން 1853 ވަނަ އަހަރު، ޢުޘްމާނީންނާއި ފަރަންސޭސީންނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި، ޤިޔާމާ ފައްޅީގައި ގްރީކް އޮތޮޑޮކްސް ފައްޅީގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ސަރަޙައްދުން ބައެއް ރޯމަން ކެތަލިކް ފައްޅިއަށް ދިނުމަށް ޢުޘްމާނީން އެއްބަސް ވިއެވެ. އެކަމާ ގުޅިގެން، ގްރީކް އޮތޮޑޮކްސް މަޒުހަބުގެ ބޮޑުބާރު ކަމުގައި ވާ ރޫސީ ރަސްކަމުގެ ފަރާތުން، އެކަން އެގޮތަށް ކޮށްފިއްޔާ ޢުޘްމާނީ ތުރުކީއަށް ލަޝްކަރު ފޮނުވައި ހަނގުރާމަ ފަށާނޭކަމުގެ އިންޒާރު ރަސްމީކޮށް ދިނެވެ. އަދި ފަރަންސޭސީންނަށް ދިން ތަނެއް އަތުލުމަށް ޓަކައި ފަރަންސޭސީންނާ ދެކޮޅަށް ވެސް ހަނގުރާމަ ކުރާނޭކަމުގެ އިންޒާރު ފޮނުވިއެވެ. މައްސަލަ ޙައްލު ވީ، ފަރަންސޭސީންނާ އެކު ކުރެވުނު މަޝްވަރާތަކުގެ ނިންމުންތަކަށް ޢަމަލީ ސިފަ ނުގެންނެވުމަށް ޢުޘްމާނީ ޚަލީފާ ސުލްޠާން ޢަބްދުލްމަޖީދު އައްވަލް ނިންމަވައި، ފައްޅީގެ އެއްވެސް ސަރަޙައްދެއް ނުވަތަ ބައެއްގެ މިލްކުވެރިކަން އޮތް ގޮތް ބަދަލު ނުކުރެވޭނެ ކަމުގެ ޝާހީ ޤަރާރެއް ނެރުއްވުމުންނެވެ.

ޚާއްސަ ރަސްމިއްޔާތެއް

އަލްޣުދައްޔާ ޢާއިލާ އާއި ނުސައިބާ ޢާއިލާގެ ފަރާތުން ކޮންމެ ދުވަހެއްގެ ފަތިސްދަން ފެށޭ ގަޑީގައި ޤިޔާމާ ފައްޅި ހުޅުވައި، ރެއިގަނޑަށް ފައްޅި ލައްޕައި ތަޅުލާތަން ދެކޭން އެތައް ބަޔަކު ފައްޅީގެ ދޮރުމައްޗަށް ޖަމާ ވެއެވެ. އެކަން ކުރެވެނީ ޙުރުމަތްތެރިކަން ލިބިގެންވާ އަދި ނުހަނު މުހިއްމު ރަސްމިއްޔާތެއްގެ ގޮތުގައެވެ.

ފަތިސްދަމުގެ ކުރީކޮޅު، ގަޑީން ހަތަރެއް ޖަހާ އިރަށް، އަލްޣުދައްޔާ ޢާއިލާގެ ފަރާތުން ކޮންމެވެސް ބެއިފުޅަކު ތަޅުދަނޑި ހިއްޕަވައިގެން ފައްޅިއަށް ވަޑައިގަންނަވައެވެ. ބައެއް ފަހަރު އެކަން ކުރައްވަނީ އެ ޢާއިލާގެ ފަރާތުން އެކަމަށް ޚާއްޞަ ކޮށްފައި ހުންނަ މުއައްޒަފެކެވެ. ހަމަ އެ ގަޑިއަށް، ފައްޅީގެ މައިދޮރު ހުޅުވުމުގެ ވަޒީފާ އަދާ ކުރެއްވުމަށް ޓަކައި ނުސައިބާ ޢާއިލާގެ ކަމާބެހޭ ބެއިފުޅެއް ނުވަތަ އެ ޢާއިލާއިން އެކަމަށް ކަނޑައަޅާ މުއައްޒަފަކު ވެސް ހާޒިރު ވެވަޑައިގަންނަވައެވެ. ގަޑީން ހަތަރެއް ޖެހުމާ އެކު، ޣުދައްޔާ ޢާއިލާގެ ފަރާތުން އެ ދުވަހަކު ވަޑައިގެން ހުންނެވި ބެއިފުޅަކު، ނުސައިބާ ޢާއިލާގެ ފަރާތުން އެ ދުވަހަކު ވަޑައިގެން ހުންނެވި ބެއިފުޅަކާ ތަޅުދަނޑި ޙަވާލު ކުރައްވާނެއެވެ. ދެ ފަޅިއަށް ހަދައިފައި ހުންނަ ލަކުޑި ދޮރު ހުޅުވުމަށް ޓަކައި، އެ ބެއިފުޅަކު ލަކުޑި ހަރުގަނޑަކަށް އަރައިވަޑައިގެން ފުރަތަމަ ހުޅުއްވަވާނީ ބިމުގައި ހުރެގެން އަތް ފޯރާ ވަރަށް ވުރެ މަތީގައި ހުންނަ ތަޅެވެ. އެޔަށްފަހު ހަރުގަނޑުން ފައިބައިވަޑައިގެން، ތިރީގައި ހުންނަ ތަޅު ހުޅުއްވަވަނީއެވެ. އަދި މަޑުމަޑުން ދޮރުގެ އެއްފަޅި އެތެރެޔަށް ކޮއްޕަވައި ހުޅުއްވަވަނީއެވެ. އެއިރު، ދޮރުގެ އެތެރޭގައި ފައްޅީގެ އިސް ފާދިރީންގެ ތެރެއިން ބައެއް ބެއިފުޅުން ތިއްބަވާނެއެވެ. ދޮރުގެ ދެވަނަ ފަޅި އެތެރެޔަށް ހުޅުއްވަވާނީ އޭގެ ތެރެއިން ބެއިފުޅެކެވެ. އެކަން އޮންނަނީ ފައްޅީގެ ބެލެނިވެރިކަން ޙަވާލު ކުރެވިފައި ވާ ނަޞާރާ ތިން މަޒުހަބުގެ މެދުގައި ހަމަހަމަ ވާ ގޮތެއްގައި ބަހައިލައިފައެވެ. އެ ތިން މަޒުހަބަކީ ރޯމަން ކެތަލިކް، ގްރީކް އޮތޮޑޮކްސް، އަދި އަރުމީނިއާގެ އޮތޮޑޮކްސް މަޒުހަބެވެ.

ހަމަ އެއްކަހަލަ ރަސްމިއްޔާތެއްގައި، ފައްޅީގެ ދޮރު ލައްޕައި ތަޅުލަނީ ރެއިގަނޑު އަށެއް ޖަހާ ވަގުތުއެވެ.

ބުނެވޭ ގޮތުގައި، ޤިޔާމާ ފައްޅީގެ މައި ދޮރަކީ މީލާދީން 330 ހައިތަނުގައި ފައްޅި ބިނާ ކުރެވުނު އިރު އެންމެ ފުރަތަމަ ބެހެއްޓުނު ލަކުޑި ދޮރެވެ. މިއީ ޙަޤީޤަތް ކަމުގައި ވަންޏާ، އެ ދޮރަށް މިހާރު ވާނީ 1690 ވަރަކަށް އަހަރު ވެފައެވެ. ދޮރުގެ ދެ ތަޅު ހުޅުވާ ތަޅުދަނޑި ހަދައިފައި އޮންނަނީ ސާފު ދަގަނޑުންނެވެ. ދިގުމިނަކީ 30 ސެންޓިމީޓަރު ނުވަތަ 12 އިންޗިއެވެ. އެއީ ފޫޓުން ކިޔަންޏާ އެއް ފޫޓެވެ. ބަރުދަނަކީ 250 ގުރާމެވެ. މިހާރު ގެންގުޅޭ ތަޅުދަނޑި އަކީ މީގެ 500 އަހަރު ކުރީން، ޢުޘްމާނީ ރަސްކަމުގެ ދުވަސްވަރު ހެދުނު ތަޅުދަނޑިއެކެވެ. އަލްޣުދައްޔާ ޢާއިލާއިން ބުނާ ގޮތުގައި އެއީ 1187 ވަނަ އަހަރު ސުލްޠާން ޞަލާޙުއްދީން އެ ޢާއިލާއާ ޙަވާލު ކުރެއްވި ތަޅުދަނޑި ގިނަ ދުވަސް ވެގެން ބައު ވުމުގެ ސަބަބުން ހެދުނު ތަޅުދަނޑިއެކެވެ. ކުރީގެ ތަޅުދަނޑި ވެސް އެ ޢާއިލާގެ ބެލުމުގެ ދަށުގައި، އާސާރެއްގެ ގޮތުގައި ރައްކައު ކުރެވިފައި އެބައޮތެވެ.

ތަހުޒީބުގެ ރިވެތި ނަމޫނާއެއް

ދުނިޔޭގެ ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅީގެ ތަޅުދަނޑި ބެލެހެއްޓުމާއި ފައްޅި ހުޅުވައިލެއްޕުމުގެ ވަޒީފާ އެތައް ޤަރުނެއް ވާންދެން އަމާނާތްތެރިކަމާއި ޒިންމާދާރުކަމާ އެކު މުސްލިމް ދެ ޢާއިލާއަކުން އަދާ ކޮށްފައި ވާ ގޮތަށް ބެލުމުން، ފެނިގެން ދަނީ މުސްލިމުންގެ ތަހުޒީބުކަމާއި އިޙްސާންތެރިކަމެވެ. އެހެން ދީންތަކުގެ މީހުންނާއި އެމީހުންގެ އަޅުކަން ކުރާ ތަންތަނަށް އިޙުތިރާމު ކުރުމުގެ އެންމެ ރިވެތި އެއް ނަމޫނާއެވެ. އިސްލާމް ދީނަކީ ސުންނާފަތި ކުރުމާއި ހަލާކު ކުރުމާއި ނަފްރަތާއި ޢަދާވާތްތެރިކަމުގެ ދީނެއް ނޫންކަމާއި، ހުރިހައި މާނައެއްގައި ވެސް ޢާލަމުތަކަށް ރަޙުމަތެއް ކަމުގެ ޙަޤީޤަތެވެ.

އެހެން ދީންތަކަށާއި އެ ދީންތަކުގެ މުޤައްދަސް ތަންތަނަށް މި ދެންނެވި ފަދައިން ޤަދަރު ކުރުމަކީ މުސްލިމުން ފިޔަވައި އެހެން ބައެއްގެ ފަރާތުން ފެންނަ ކަމެއް ނޫނެވެ. މިސާލެއްގެ ގޮތުން، އަވަށްޓެރި އިންޑިއާގައި މަސްޖިދު ބަބްރީ ތަޅައި ސުންނާފަތި ކޮށްފައި އެ މިސްކިތް ހުރި ތަނުގައި ހިންދޫ ފައްޅިއެއް ޢިމާރާތް ކުރި ގޮތާއި، އިތުރު އެތައް ސަތޭކަ މިސްކިތަކަށް މިހާރުވެސް ކޮންމެ ދުވަހަކު ދެމުންދާ ވަހުޝީ ހަމަލަތައް ބައްލަވާށެވެ! އިސްރާއީލުން ފަލަސްޠީނުގެ މިސްކިތްތަކާ މެދު، ޚާއްޞަކޮށް މަސްޖިދުލް އަޤްޞާއާ މެދު، ޢަމަލު ކުރަމުންދާ ބަރުބަރީ ގޮތް ބައްލަވާށެވެ!

ނަޞާރާއިންގެ ތާރީޚަށް ބަލައިލާ އިރު، ހަމައެކަނި ޤުދުސްގެ ތާރީޚުން ވެސް އެމީހުން އެހެން ދީންތަކުގެ މުޤައްދަސް ތަންތަނާ މެދު ޢަމަލު ކުރާ ގޮތް ރީތިކޮށް ފެނެއެވެ. އިސްވެ ދެންނެވިފައި ވާނޭ ފަދައިން، ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު ޤުދުސް ފަތަޙަ ކުރެއްވިތާ ފަސް ޤަރުނު ފާއިތު ވެގެން ދިޔަ ފަހުން، ޔޫރަޕުގެ ނަޞާރާ ޞަލީބީންގެ ބިޔަ ލަޝްކަރެއް މުސްލިމުންގެ ބިންތަކަށް އަރައި، ޝަހަރަކަށް ފަހު ޝަހަރެއް ހިފަމުން އެ ޝަހަރުތަކުގެ މުސްލިމުންގެ ލެއިން ފެންކުޅި ކުޅެމުން އައިސް، 1099 ވަނަ އަހަރު ޤުދުސް ފަތަޙަ ކުރިއެވެ. އެ ލަޝްކަރު ފޮނުވީ، އަދި އެ ލަޝްކަރުގައި އިސްކޮށް ތިބީ ރޯމަން ކެތަލިކް ފައްޅީގެ ބޮޑެތި ފާދިރީންނެވެ. އެ ލަޝްކަރު ޤުދުސް ހިފުމަށް ފަހު، ތިން ދުވަސް ވާންދެން ކުރި ކަމަކީ ޤުދުސްގެ ކޮންމެ މުސްލިމް ގެއަކަށް ވަދެ، އެ ގެއެއްގައި ކަތިލައި ލެއި އޮހޮރުވުމާއި ރޭޕް ކުރުމާއި އަންދައި ފަނާ ކުރުމާއި ފޭރުމުގެ ބިރުވެރި ސިލްސިލާއެއް ހިންގުމެވެ. މި މިނިކަތިލުމުގެ ތެރޭގައި ހަތްދިހަ ހާސް މުސްލިމުން ފަނާ ކޮށްލިއެވެ. ތުއްތު ކުއްޖެއް މުސްކުޅިއެއް އަންހެނެއް ފިރިހެނެއް ތަފާތު ކުރުމެއް ނެތިއެވެ. ޤުދުސްގައި ހުރި ޔަހޫދީ ދީނުގެ އެންމެ ބޮޑު ފައްޅިއާ މެދު ޞަލީބީން ކަން ކުރި ގޮތަކީ، ވަށައިގެން ދަރު ބަހައްޓައިފައި އަލިފާން ރޯކޮށް މުޅި ޢިމާރާތް އަންދައި ދަވައިލުމެވެ. ޝަހަރުގެ ޔަހޫދީންގެ އެންމެން ސަލާމަތަށް އެދި އެ ފައްޅީގެ ތެރެއަށް ވަދެ ރޮއިރޮއި ތިއްބައި، އެ އެންމެނާ އެކުގައެވެ. އެޔަށްފަހު އެމީހުން ދިމާ ކުރީ ޝަހަރުގައި ހުރި މުސްލިމުންގެ އެންމެ މުޤައްދަސް ތަނާއެވެ. އާދެ، މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމުގައި ވާ މަސްޖިދުލް އަޤްޞާއާއެވެ. މިސްކިތުގެ ޢިމާރާތްތަކުގައި ހުރި ރަންރިހީގެ ޒީނަތްތަކާއި ފަރުނީޗަރު ފަދަ އަގު ހުރި ހުރިހައި އެއްޗެއްސެއް ފޭރިގަނެ، ޢިމާރާތަށް ބޮޑެތި ގެއްލުންތައް ދިނުމަށް ފަހު، މުޅި ތަން ބަދަލު ކުރީ އަސްތަބީލާއަކަށެވެ. އެތައް ދަހަރެއް ވާންދެން މަސްޖިދުލް އަޤްޞާ ހުރީ އަސްތަބީލާއެއްގެ ގޮތުގައެވެ. މިސްކިތުގެ ޢިމާރާތްތަކާއި ގޯތިތެރޭގައި އޮންނަނީ އަސްތަކާއި އަހުގެ ނަޖިހާއި އަހަށް ކާން ދޭ ތަކެތީގެ ނަޖިހާއި އޭގެ ވަސްގަނޑެވެ. އަހަރުތަކަކަށް ފަހު، ތަން މަރާމާތު ކޮށްގެން ދެން ބޭނުން ކުރާން ފެށީ ނަޞާރާ ފައްޅިއެއްގެ ގޮތުގައެވެ. ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ ޤުދުސް ފަތަޙަ ކުރެއްވެވި އިރު މަސްޖިދުލް އަޤްޞާ ބޭނުން ކުރެވެމުން ދިޔައީ ފައްޅިއެއްގެ ގޮތުގައެވެ. ޞަލާޙުއްދީން މަސްޖިދުލް އަޤްޞާ ސާފު ކުރައްވައި، މަރާމާތު ކުރައްވައި، އަނެއްކާވެސް މިސްކިތެއްގެ ގޮތުގައި ބޭނުން ކުރައްވާން ފެއްޓެވީއެވެ. ނަމަވެސް އެމަނިކުފާނު ޞަލީބީ ނަޞާރާއިންގެ ކިބައިން ބަދަލު ހިއްޕަވައި، އެމީހުން ކަން ކުރި ގޮތަށް ކަން ކުރައްވައި، ޤިޔާމާ ފައްޅިއާ މެދު އިހާނާތްތެރި ކަމެއް ނުކުރައްވައެވެ. ތަން ޙިމާޔަތް ކުރައްވައި، އަރައިރުންތަކާއި ކޯޅުންތަކަށް ފުރުޞަތު ނުލިބޭނޭ މަގުން ފައްޅި ބެލެހެއްޓޭނޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސެވީއެވެ. އެ އިންތިޒާމުތައް މިއަދާ ހަމަޔަށް ދެމިގެން އައިސްފައި ވަނީ، އެހެން ދީންތަކަށާއި އެ ދީންތަކުގެ މުޤައްދަސް ތަންތަނަށް އިޙުތިރާމު ކުރުމުގައި މުސްލިމުން 1400 އަހަރުގެ ދިގު ތާރީޚެއްގައި ދެއްކި ރިވެތި އަދި ތަހުޒީބީ ނަމޫނާގެ އެންމެ ފުރިހަމަ އެއް މިސާލުގެ ގޮތުގައެވެ.