އަލް އުސްތާޛް އަޙްމަދު މާޖިދު
އޮޅުވައިލުންތަކާއި ޕްރޮޕެގެންޑާތަކަށް ފުރަގަސް ދީފައި ޙަޤީޤަތާ ކުރިމަތިލަމާ ހިންގަވާށެވެ!
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ – ދަ ޑިމޮކްރެޓްސް ވެސް ހިމެނޭ ގޮތުން – 2008 އިން 2012 އާ ހަމަޔަށް ރާއްޖޭގައި ވެރިކަން ކުރި އިރު "މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް" ގެ ނަމުގައި ވުޒާރާއެއް އުފެއްދުމާއި، މިހާރު އެ މިނިސްޓްރީގައި ވަޒީރެއްގެ ގޮތުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ދިމާ ކޮށްގެން އުޅޭ އުޅުމަކީ ހަމަ އެއް ސިޔާސަތެއްގެ ދަށުން، އެއް ފިކުރެއްގެ ދަށުން، މައިގަނޑު ގޮތެއްގައި އެއް މަޤްޞަދަކަށް ޓަކައި ކުރި އަދި ކުރާ ކަންތައްތަކެވެ. އެ ސިޔާސަތަކީ، އެ ފިކުރަކީ، އަދި އެ މަޤްޞަދަކީ ދިވެހިރާއްޖޭގައި އިސްލާމް ދީން ބަލިކަށި ކުރުމެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކަތިލުމެވެ. ދިވެހިރާއްޖެއާއި އިސްލާމީ ދުނިޔެއާ ގުޅުން ކެނޑުމެވެ.
އެންމެ ފުރަތަމަ، "މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް" ގެ ވާހަކަ ދައްކަމާ ހިންގަވާށެވެ!
ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަން ނިމުމާ ހަމަޔަށް އައި އިރު، ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ތަންޒީމު ކުރާ ދައުލަތުގެ މައި އިދާރާއެއްގެ ގޮތުގައި ހުރީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހޭ ކިޔާ އިދާރާއެކެވެ. އެ ތަނެއްގެ ގިޔާދަތުގައި ރާއްޖޭގައި ތިއްބެވި ހަރުދަނާ އަދި ރަނގަޅު އެތައް ޢިލްމުވެރީންނެއް ތިއްބެވި އިދާރާއެކެވެ. ސޫރީ ގޮތުން އެކަނި ނަމަވެސް، ދައުލަތުގެ ވުޒާރާތަކަށް ވުރެ މަތީ ދަރަޖައެއްގައި – ސުޕްރާ-މިނިސްޓީރިއަލް އިދާރާއެއްގެ ގޮތުގައި – ހުރި އިދާރާއެކެވެ. އެތަނުގެ ރައީސަކީ، ދައުލަތުގެ އިސް ވެރީންގެ ސަފުގައި ވަޒީރުންނަށް ވުރެ ޚާއްޞަ، ވަޒީރުންނަށް ވުރެ ޤަދަރުވެރި ބެއިފުޅެކެވެ. ރަސްމީ ނަމުގައި ވެސް "ވަޒީރު" އަށް ވުރެ ދަރަޖައިން މަތީ ނަމެއް – "ރައީސް" – ދެވިފައި އޮތް ބެއިފުޅެކެވެ. އަޅުގަނޑު ވެސް އެއްބަހެވެ. އެ މަޖިލިސް އޮތީ އިތުރަށް ހަރުދަނާ ކުރާން ޖެހިފައެވެ. އެތަނަށް ކޮންމެވެސް ކަހަލަ ތަންފީޒީ ބާރުތަކެއް ދޭން އޮތީ ޖެހިފައެވެ. ތަނުގެ ދަށުން ފިޤްހުގެ ޢިލްމާއި އިސްލާމީ އެހެނިހެން ޢިލްމުތައް ދިރާސާ ކުރާ އެކަޑަމީއެއް ނުވަތަ ދިރާސާ މަރުކަޒެއް ޤާއިމު ކުރުމުގެ ބޭނުންތެރިކަން އޮތެވެ. އިސްލާމީ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ޟަރޫރަތްތެރިކަން އޮތެވެ. ނަމަވެސް، މި ބާވަތުގެ ބައެއް އުނިކަންކަމާ އެކުގައިމެ، އެއިރު އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް އޮތީ ވުޒާރާތަކަށް ވުރެ ޚާއްޞަ، ވުޒާރާތަކަށް ވުރެ މުހިއްމު އިދާރާއެއްގެ ގޮތުގައެވެ. ވުޒާރާތަކާ އެކު ހަމަހަމަ ތަނެއްގެ ގޮތުގައި ހުއްޓޭން ނުޖެހޭ ތަނެއްގެ ގޮތުގައެވެ. އެހެން ހުރިހައި ވުޒާރާތަކަށް، އިސްލާމް ދީނުގެ ކަންކަމުގައި އިރުޝާދުތައް ދިނުމުގެ ހައިސިއްޔަތެއް އޮތް އިދާރާއެއްގެ ގޮތުގައެވެ.
ކަން މިހެން އޮއްވައި، 2008 ވަނަ އަހަރު އެމްޑީޕީ ރާއްޖޭގެ ވެރިކަމަށް އައުމާ އެކު، ރާއްޖޭގައި އިސްލާމް ދީން "އިންސްޓިޓިޔުޝަނަލައިޒް" ވެފައި އޮތް ކޮންމެ ދިމާއަކަށް ޙަމަލާ ދިނެވެ. މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ ނެއްތައިލައި، އެ މަރުކަޒުގެ ޤާބިލު މުދީރު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ – ކީރިތިވަންތަ ﷲ އެމަނިކުފާނު ހެޔޮ ޞިއްޙަތުގައި ލައްވަވައި، އެމަނިކުފާނު ދިވެހި ޤައުމަށް ކުރެއްވި ގިނަގުނަ ޚިދުމަތްތަކަށް ގިނަގުނަ ދަރުމަ ދެއްވަވާށިއެވެ – ނަގައި ހޫރައިލީ އެގޮތުންނެވެ. އެފަދަ އަނެއް ޙަމަލަ އަކީ ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ދައުލަތުގެ ނިޒާމުން ބޭރު ކުރުމާ އެކު، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް އުވައިލުމެވެ. އާދެ، އިސްލާމް ދީނުގެ އަޑު އުފުލައި، ދީން ޙިމާޔަތް ކޮށް، ދީނުގެ ޝިޢާރުތައް ފަތުރައި، ދީނުގެ ކަންކަން ހަރުދަނާ ގޮތެއްގައި ހިންގާނޭ، ވުޒާރާތަކަށް ވުރެ ޚާއްޞަ އަދި ހުރިހައި ވުޒާރާއަކަށް އިރުޝާދުތައް ދޭނޭ ދައުލީ މުއައްސަސާއެއް ބަހައްޓާން އެމްޑީޕީގެ އިސް މީހުންނާއި ވެރީން ބޭނުން ނުވީއެވެ.
މިހެން ކަން ކުރުމަށް ފަހު، އެމްޑީޕީން ދެން އުފެއްދީ މި ކިޔާ "މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް" އެވެ. އާދެ، ދަތުރުފަތުރާ ބެހޭ ވުޒާރާއެކޭ، މަސްވެރިކަމާ ބެހޭ ވުޒާރާއެކޭ، ފަތުރުވެރިކަމާ ބެހޭ ވުޒާރާއެކޭ، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާއެކޭ، ނުވަތަ އެހެން ވެސް ވުޒާރާއެކޭ އެއްފަދަ ވުޒާރާއެކެވެ. އެހެން ވުޒާރާތަކާ ހަމަހަމަ ވުޒާރާއެކެވެ. އިސްލާމިކް މިނިސްޓަރަކީ – ދިވެހި ޤައުމުގައި އިސްލާމީ ކަންތައްތަކުގެ އެންމެ އިސް ބެއިފުޅެއްގެ ގޮތުގައި ހުންނަވާ ބެއިފުޅަކީ – ދިވެހިރާއްޖޭގައި ތިއްބަވާ އެހެން ވަޒީރުންނާ އެއްފަދަ، ހަމަހަމަ ވަޒީރެކެވެ. ދަތުރުފަތުރާ ބެހޭ ވަޒީރެކޭ، މަސްވެރިކަމާ ބެހޭ ވަޒީރެކޭ، ފަތުރުވެރިކަމާ ބެހޭ ވަޒީރެކޭ ތަފާތެއް ނެތް ވަޒީރެކެވެ. ޢަމަލީ މާނައަށް ބަލާ އިރު، މި ބުނެވެނީ އިސްލާމީ ކަންތައްތަކަކީ، ދުނިޔަވީ އެހެނިހެން ދާއިރާތަކެކޭ އެއްފަދަ ގޮތެއްގައި ތަންޒީމު ކުރެވޭ ކަމެއް ކަމުގައެވެ. ދަތުރުފަތުރާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ޤާނޫނު ތަންފީޛު ކުރާ އިދާރާތައް ހިންގުމާއި، ދެންވެސް މިފަދަ ކޮންމެ އެހެން ކަމެކޭ އެއްފަދަ ގޮތެއްގައި ތަންޒީމު ކުރެވޭ ކަމެއް ކަމުގައެވެ.
މިއީ ކަން އޮންނާން ޖެހޭ ގޮތް ބާވައެވެ! އިސްލާމް ދީނަށް ރާއްޖޭގައި އޮންނާން ޖެހޭ ހައިސިއްޔަތަކީ އަދި މަގާމަކީ މިއީ ބާވައެވެ! ނޫނެކެވެ! އިސްލާމީ ކަންތައްތަކާ ބެހޭ ޤައުމީ އިދާރާ ވާން ޖެހޭނީ، މާތް ވެގެންވާ އިސްލާމް ދީނަކީ ދިވެހި ޤައުމުގެ އަސާސީ ޝަޚްޞިއްޔަތުގެ ބިންގާކަން، ދިވެހި ޤައުމިއްޔަތުގެ ބުޑުގަނޑު ކަން، އަދި ދިވެހި ޤައުމުގެ ޤައުމީ ޙަޔާތުގެ މިޞްރާބު ކަނޑައަޅާ އެންމެ މުހިއްމު ދަންމަރުކަން ދައްކައިދޭ ފަދަ ގޮތެއްގައި އުފެއްދި ހިނގަމުންދާ އިދާރާއަކަށެވެ. އެތަން ވާން ޖެހޭނީ ވުޒާރާތަކަށް ވުރެ މަތީ ހައިސިއްޔަތެއްގައި ހުންނަ ތަނަކަށެވެ. އެތަނުގެ އިސް ވެރިޔާ ވާން ޖެހޭނީ ވަޒީރުންނަށް ވުރެ ދަރަޖައިން މަތިވެރި، ހުރިހައި ވަޒީރުންނަށް ވެސް އިރުޝާދު ދެވޭ ވަރުގެ މަޤާމަކާއި ހައިސިއްޔަތެއްގައި ހުންނަވާ ބެއިފުޅަކަށެވެ. ޤާނޫނުއަސާސީގައި މި ނިޒާމު އެކަށައެޅިފައި އޮތުމަކީ ރަނގަޅު ގޮތެވެ. ނަމަވެސް، އެންމެ ކުޑަ މިނުން، ކުރީއްސުރެ ހުރި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް އެ އޮތް ގޮތުގައި ބޭއްވި ނަމަ، އެއީ ދުސްތޫރީ ޢުރުފުގެ ތެރެއިން އުފެދިފައި ވާ ނިޒާމެއްގެ ގޮތުގައި އޮތީހެވެ. އަދި އެތަނުގެ ރައީސަށް ވަޒީރުންނަށް ވުރެ ޚާއްޞަ މަޤާމަކާއި ހައިސިއްޔަތެއް ދުސްތޫރީ ޢުރުފުގެ ތެރެއިން ލިބިދެވިފައި އޮތް އޮތުން ދެމެހެއްޓުނީހެވެ.
އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު، އިސްލާމް ދީނާއި ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް ކުޑަވެސް ލޯތްބެއް ޢިނާޔަތެއް ހުރި ނަމަ، ކުރާނޭ ކަމަކީ އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލިސް ހަރުދަނާ ކުރުމެވެ. އެތަނުގައި ހުރިއްޔާ ހުރި އުނިކަމެއް ފިލުވައި، އިތުރަށް ތަރައްޤީ ކުރުމެވެ. އިތުރު ޢިލްމުވެރީން އެތަނަށް ލައި، އިތުރު މުއައްޒަފުން ލައި، ބަޖެޓު ބޮޑު ކޮށްދީ، ވަސީލަތްތައް ޤާއިމު ކޮށްދީ، ބައެއް ކަހަލަ ތަންފީޒީ ބާރުތައް އެތަނަށް ދިނުމެވެ. ޢިލްމީ ދިރާސާތައް ކުރުމާއި ދީނީ ފަތުވާ ދިނުމުގެ ނިޒާމު އެ މަޖިލިހުގެ ތެރެއިން ހަރުދަނާ ކުރުމެވެ. ނަމަވެސް މިއިން ކަމެއް ނުކޮށް، އެ މުއައްސަސާ އުވައިލައި، އެތަނުގައި ތިއްބެވި ދީނީ ޢިލްމުވެރީންނާއި ޚިދުމަތްތެރީންގެ އިސް ބެއިފުޅުން "ޕާރޖް" އެއްގައި އެތަންމިތަނަށް އުކައިލައި ނިކަމެތި ކޮށް، އެތަނުން ކުރާ މަސައްކަތްތައް އާދައިގެ ވުޒާރާއަކުން ކުރާ މަސައްކަތްތަކަށް ހެދީމާ، ދީނަށް އެކުރީ ޚިދުމަތެއް ނޫނެވެ. އެއީ ދިން ވަރަށް ބޮޑު ދެރައެކެވެ. އެ ދެރަ ދިނުމަށް ފަހު، އެއީ އެމްޑީޕީން އިސްލާމް ދީނަށް ކުރި ވަރަށް ބޮޑު ޚިދުމަތެއްގެ ގޮތުގައި ދައްކަމުން ދިޔުމަކީ ޙަޤީޤަތުގައި ޕްރޮޕެގެންޑާގެ އާދަޔާ ޚިލާފަށް މޮޅު އަދި އާދަޔާ ޚިލާފަށް ކާމިޔާބު އުކުޅެކެވެ. ޙަޤީޤަތުގައި ކުރި ކަންތަކުގެ މަޤްޞަދާއި އަޞްލާއި ނަތީޖާ މުޅީން ފޮރުވައި، މުޅީން އެހެން މަންޒަރެއް ޕްރޮޕެގެންޑާގެ ތެރެއިން އެތައް ހާސް ބައެއްގެ ބޮލަށް ވައްދައިދިނުމުގެ މިއީ ލާމަސީލު މިސާލެކެވެ. މި ޕްރޮޕެގެންޑާ ހިންގައިފައި ވަނީ، ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، އެމްޑީޕީން ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ނެއްތައިލައި، ހުޅަނގުގެ މޮޑެލަށް ބައްޓަން ކޮށްފައި ވާ "ސެކިޔުލަރ، ލިބަރަލް، ހިޔުމަނިސްޓް، ކެޕިޓަލިސްޓް ޑިމޮކްރަސީއަކަށް" ރާއްޖެ ބަދަލު ކުރުމަށް ކުރާ މަކުރޫހަ މަސައްކަތާ މެދު ދިވެހި ރައްޔިތުން ކަނު ކޮށްފައި ބެއިތިއްބުމުގެ ގޮތުންނެވެ.
މި ވަރުގެ ޕްރޮޕެގެންޑާ އުކުޅެއް ކާމިޔާބުކަމާ އެކު އެމްޑީޕީއަށް ހިންގުނީ، ދިވެހިރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރުމުގެ ނަމުގައި އުފައްދައިފައިވާ ޢަދާލަތު ޕާޓީގެ ވަރަށް ބޮޑު ސަޕޯޓާ އެކުގައެވެ. 2008 ގައި އެމްޑީޕީ ވެރިކަމަށް ގެނައުމުގައި، ވިސްނާ ބަޔަކު ޢަޖާއިބު ވާން ޖެހޭ ފަދަ ގޮތެއްގައި، ޢަދާލަތު ޕާޓީ ބައިވެރި ވިއެވެ. އެއަށްފަހު، އެމްޑީޕީން ދިވެހިރާއްޖޭގައި ހުރި އިސްލާމީ ޝަޚްޞިއްޔަތުގެ އެންމެ ވަރުގަދަ އެއް މުއައްސަސާ ކަތިލައި ސުންނާފަތި ކުރި އިރު، މައިތިރިއަށް ކިޔަވާން އޮތީ ޢަދާލަތު ޕާޓީއެވެ. އެއީ މައްސަލައެއް ނޫން ކަމަށް މީހުންނަށް ވިސްނައިދީ، ދިވެހިރާއްޖޭގައި "މުޅީން އަލަށް އެމްޑީޕީން އިސްލާމިކް މިނިސްޓްރީއެއް އުފެއްދި" ކަމަށް ބުނެ ދޮގުވެރި އަދި މަކަރުވެރި ޕްރޮޕެގެންޑާ ވިއްކުމުގައި ޢަދާލަތުގެ ދައުރު ވެސް ކުޑައެއް ނޫނެވެ. ޙަޤީޤަތުގައި، ކުރީގެ ރިޔާސީ ދައުރުތަކުގައި ވެސް ރާއްޖޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތައް ހުއްޓެވެ. އެކިއެކި ނަންނަމުގައެވެ. އަޅުގަނޑުމެންގެ ހަނދާނަށް އައި އިރު ވެސް، ރައީސް މައުމޫނުގެ ސަރުކާރުގައި "މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒް" ގެ ނަމުގައި ވުޒާރާއެއް ހުއްޓެވެ. ފަހުން، އެ ވުޒާރާ އުވައިލައްވައި، އެޔަށްވުރެ މަތީ ހައިސިއްޔަތަކާއި މަގާމެއްގައި "އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލިސް" އުފެއްދެވީއެވެ. އެމްޑީޕީން ކުރި ކަމަކީ އެ މަޖިލިސް ނެއްތައިލައި، އެޔަށްވުރެ އާދައިގެ ދަރަޖައަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ދައުލަތުގެ ނިޒާމު ދަށް ކުރުމެވެ.
މި ޙަޤީޤަތް އޮޅުވައިލާން، އެމްޑީޕީގެ ބައެއް މެންބަރުންނާއި، އެމްޑީޕީން އިސްލާމް ދީނާ ދެކޮޅަށް ގެންގުޅޭ ފިކުރާއި ސިޔާސަތާއި ޢަމަލުތައް ދިފާޢު ކޮށް އެ ކަންތައްތައް ފޮރުވައިދޭ "އެޕޮލޮޖިސްޓުން" ތަކުރާރުކޮށް ވާހަކަ ދައްކައެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީގެ ފަރާތުން ކެންޕޭނު ކުރި އެތައް ބަޔަކު ވެސް، އެމްޑީޕީން ރާއްޖޭގައި އަލަށް އިސްލާމީ ވުޒާރާއެއް އުފެއްދި ކަމަށް ބުނެ ދޮގު ޕްރޮޕެގެންޑާ ފެތުރިއެވެ. ކޮންމެއަކަސް، ކަމުގެ ޙަޤީޤަތް މަތީގައި މި ބަޔާން ކުރެވުނީއެވެ.
މިހާރު އަނެއްކާވެސް މި ފެންނަނީ، އެމްޑީޕީން އިސްލާމް ދީނާ މެދު ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރުމުގެ އައު އެޕިސޯޑެއް ކަމަށް ބެލެވެއެވެ. ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ އިސްލާމީ ވުޒާރާގެ ވަޒީރުކަމަށް ރާއްޖެއިން ފެންނަ އެންމެ ޤާބިލު ބޭފުޅާ ކަމަށް ދިވެހި އެތައް ހާސް ރައްޔިތުން އެ ގެންދަނީ ބުނަމުންނެވެ. ސަބަބަކީ އެމަނިކުފާނަކީ ރަނގަޅު ވިސްނުންފުޅުތަކެއް ނެރުއްވައި، އެ ވިސްނުންފުޅުތަކުގައި ޢަމަލީ ކުލަ ޖެއްސެވުމުގައި ޤާބިލިއްޔަތު ސާބިތު ކޮށްދެއްވައިފައި ހުންނެވި ދީނީ ޢިލްމުވެރިޔަކަށް ވުމެވެ. އިދާރީ ހިންގުމުގައި ޤާބިލު ބެއިފުޅަކަށް ވުމެވެ. އިސްލާމީ ޤައުމުތަކުގައި ވެސް އެ ބެއިފުޅެއްގެ ޚިދުމަތް ބަލައިގަނެވޭ، އިސްލާމީ ޤައުމުތަކާ ގުޅުން ބޮޑު ބެއިފުޅަކަށް ވުމެވެ. އެމްޑީޕީއަށް ޑރ. ޝަހީމް ކަމުނުދަނީ އެހެން އެއްވެސް ކަމެއް ނެތި، ސީދާ މި ދެންނެވި ސަބަބުތަކަށް ޓަކައި ކަމަށް މެނުވީ ބަލާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އާދެ، ޑރ. ޝަހީމަކީ ރާއްޖޭގައި އިސްލާމީ ކަންތައްތައް ހަރުދަނާ ކުރެއްވުމުގެ ޤާބިލުކަން ހުރި، ދީނަށް ޚިދުމަތް ކުރައްވާނޭ، އިސްލާމީ ދުނިޔޭގެ ޤައުމުތަކާއި ރާއްޖެއާ ދެމެދުގެ ގުޅުން ހަރުދަނާ ކޮށް ވަރުގަދަ ކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރެއްވެވޭނޭ ބެއިފުޅަކަށް ވާތީ، އެމަނިކުފާނު ކެބިނެޓުގައި ހުންނެވިޔަނުދޭން އެމްޑީޕީ ބޭނުން ވަނީއެވެ. އެމަނިކުފާނު ބޭރު ކޮށްގެން، ދީނީ ކަންތައްތައް ވަޅު ޖައްސައިލާން ބޭނުން ވަނީއެވެ. އެމަނިކުފާނު ކެބިނެޓުން ބޭރު ކޮށްގެން، އިސްލާމީ ޤައުމުތަކާއި ރާއްޖެއާ ދެމެދުގެ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާން ހުންނެވި އެންމެ ރަނގަޅު އެއް ޝަޚްޞިއްޔަތު އެއްފަރާތް ކޮށް އެކަން ވިޔަނުދޭން ބޭނުން ވަނީއެވެ.
ފެށުނީއްސުރެ މިއަދާ ހަމަޔަށް ވެސް އެމްޑީޕީ – ދަ ޑިމޮކްރެޓްސް ހިމެނޭ ގޮތުން – މަސައްކަތް ކުރަނީ އިސްލާމް ދީނާ ދެކޮޅަށް ކަމުގެ މިއީ އަނެއްކާވެސް އައު ހެއްކެކެވެ. ދެކޭން ބޭނުން ނުވާ ލޯތަކަށް ނުފެނުނަސް ވެހެވެ.