ބްރެޒިލް

ބްރެޒިލާ ހަވާލުވަނީ އެންޗެލޮޓީއެއް ނޫން، ސައު ޕައުލޯގައި ހުރި ޑޯރިވަލް!

ބްރެޒިލްގެ ކޯޗުކަމާ ހަވާލުވުމަށް، އެ ގައުމުގެ ކްލަބު ސައު ޕައުލޯއަށް ކޯޗުކަން ކޮށްދެމުން ދިޔަ ޑޯރިވަލް ޖޫނިއާ ކްލަބުގެ މަގާމުން ދުރަށް ޖެހިލައިފިއެވެ.

ސައު ޕައުލޯގެ ކޯޗުކަމުގައި ހުރި ޑޯރިވަލް އެމަގާމުން ދުރަށް ޖެހިލިކަން އެ ކްލަބުން ވަނީ ޔަގީންކޮށްދީފައެވެ. އޭނާ ކްލަބުގެ ކޯޗުކަން ދޫކޮށްލި ނަމަވެސް، ގައުމީ ޓީމާ ހަވާލުވިކަން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، ކޯޗު ޑޯރިވަލް ވަނީ ގައުމީ ޓީމާ ހަވާލުވާކަން ޔަގީންކޮށްދީފައެވެ.

އުމުރުން 61 އަހަރުގެ ޑޯރިވަލް ބުނީ ބްރެޒިލާ ހަވާލުވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށާއި، މަސައްކަތުގައި އިހުލާސްތެރިވާނެ ކަމަށެވެ.

ބްރެޒިލްގެ ކޯޗުކަމުގައި ކުރިން ހުރި ޓީޓޭ މަގާމު ދޫކޮށްލީ 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ފަހުއެވެ. އެ މެޗުގައި ބްރެޒިލް ކްރޮއޭޝިއާ އަތުން ބަލިވި އިރު، އޭގެ ފަހުން ބްރެޒިލުން އަދި ދާއިމީ ކޯޗެއް ހަމަޖައްސާފައެއް ނުވެއެވެ.

އޭގެ ފަހުން ގައުމީ ޓީމާ ހަވާލުވެ ހުރީ ފެނާންޑޯ ޑިނީޒް އެވެ. އޭނާ ހުކުރު ދުވަހު މަގާމުން ދުރަށް ޖެހިލިއިރު، އޭގެ ފަހުން ބޮޑަށް ބެލެވުނީ ގައުމީ ޓީމާ ހަވާލުވާނީ މިހާރު ރެއާލް މެޑްރިޑްގައި ހުރި ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޮޓީ ކަމަށެވެ.

މީގެ ކުރިންވެސް އެންޗެލޮޓީގެ ވާހަކަ ދެކެވިފައިވާ އިރު، ބްރެޒިލަށް ދާން އޭނާ އެއްބަސްވި ކަމަށް ގިނަ ނޫސްތަކުން ޔަގީންކަންވެސް ދިނެވެ.