ކޮލަމް

ކޮލަމް މަލަސް: ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާއި އެމްޑީޕީގެ ޤާނޫނުއަސާސީއާ ޚިލާފު އިޞްލާޙު 3

އަލް އުސްތާޛް އަޙްމަދު މާޖިދު

(20 ޑިސެމްބަރުގެ އަދަދާ ގުޅޭ)

މި ލިޔުމުގެ މިހައިތަނަށް ޝާއިޢު ކުރެވުނު ދެ ބައިގައި ދަންނަވައިފައި ވާނޭ ފަދައިން، ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާ، 202 ވަނަ މާއްދާ، އަދި 203 ވަނަ މާއްދާއަށް އެ މަޖިލިހުގައި ބާރު އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަމިއްލަ ޚިޔާލާއި އެދުންތަކުގެ މައްޗަށް، ޤައުމުގެ އެހެން އެއްވެސް ފަރާތަކާ މަޝްވަރާ ކުރުމެއް، އެހެން މީހުންގެ ރައުޔާއި ފިކުރު ހުރިނެތް ގޮތް ބެލުމެއް ނެތި، އިޞްލާޙުގެ ނަމުގައި ގެނައި ބަދަލުތަކަކީ ވަރަށް ބޮޑު ގޯހެކެވެ. އަދި، އެ ބަދަލުތަކާ އެކު، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމުގެ ކަންތައްތައް، މަޖިލިސް ވަސީލަތަކަށް ނުވަތަ އިބްޒާރަކަށް (instrument) ހަދައިގެން ކުރިޔަށް ގެންދިޔުމަކީ ދުސްތޫރީ ޤާނޫނާއި ދުސްތޫރީ ހަމަތަކުގެ މަންޒޫރުން ބަލާ އިރު، ބޮޑު ވެގެންވާ ޖަރީމާއެކެވެ. މުޅި ޤައުމާއި ރައްޔިތުންނާ ދެކޮޅު ޖަރީމާއެކެވެ.

މި ލިޔުމުގެ ދެވަނަ ބައިގައި ބަލައިލީ، މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާއަށް ގެނައި ބަދަލަކީ ޤާނޫނުއަސާސީއާ ޚިލާފު ޣައިރުދުސްތޫރީ ބަދަލެއްކަމުގެ ނުކުތާއަށެވެ. މި ބައިގައި ބަލައިލާނީ، ޤަވާޢިދުގެ ތިން މާއްދާއަށް ގެނައި އިޞްލާޙުތަކަކީ ވެސް، އަދި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް މި ޙާލަތުގައި މާއްދާ 100 އިޖުރާއާތެއް ހިންގައިފިއްޔާ އެކަމަކީ ވެސް އެއްވެސް ކަހަލަ ހެޔޮ އަދި ޞައްޙަ އަސާސެއް (good and sound basis) ނެތި، ތަޢައްޞުފީ (arbitrary) ގޮތެއްގައި ކުރާ ކަމަކަށް ވާނެ ގޮތުގެ މައްޗަށެވެ.

ހެޔޮ އަދި ޞައްޙަ އަސާސްތައް

ކީރިތިވަންތަ ﷲ އިންސާނާ ޚަލްޤު ކުރެއްވީ ޖަނަވާރުންނާ ތަފާތުކޮށް، މާއްދީ ހަށިގަނޑަކާއި އެ މާއްދީ ހަށިގަނޑުގެ މާއްދީ ޙިއްޞުތަކުގެ އިތުރުން، ހެޔޮ ވެގެންވާ ރޫޙަކާ އެކުގައި ކަން އަޅުގަނޑުމެން މުސްލިމުން ޤަބޫލު ކުރަމުއެވެ. އެ ރޫޙު އިންސާނާއަށް ދެއްވެވީ އެކަލާނގެ ރޫޙުފުޅުން އަޅުގަނޑުމެންގެ ބަފައިކަލުނަށަވި އާދަމް ޢަލައިހިއްޞަލާތު ވައްސަލާމްގެ ސޫރަފުޅުގެ ނޭފަތްޕުޅަށް ފުމެލެއްވި ބަރަކާތްތެރި ފުމެލެއްވުމުންނެވެ. އެޔާއެކު، އިންސާނާއަށް ލިބިގެން ދިޔަ އެންމެ މުހިއްމު އެއް އިލާހީ ހަދިޔާ އަކީ ޒިހުނިއްޔަތު (intellect) ގެ ބާރެވެ. އިލާހީ މަތިވެރިކަމާ އަޅައިކިޔާ އިރު ވަރަށް ވެސް ނިކަމެތި، ބަލިކަށި، އަދި މަޙުދޫދު، އެހެން ނަމަވެސް އަޅުގަނޑުމެނަށް ޓަކައި އަގު ނުކުރެވޭހައި މަތިވެރި އަދި މަންފާވެރި ހަދިޔާއެކެވެ. އެ ހަދިޔާގެ ސަބަބުން އިންސާނާއަށް ހަމަބުއްދި (mind or rational faculty) ލިބުނެވެ. ޟަމީރު (conscience or moral faculty) ގެ އަލިކަން ލިބުނެވެ. މި ދޭތީގައި، އޭގެ އިންސާނީ ޠަބީޢަތުގެ ސަބބުން ވާ ޟަޢީފުކަމާއި އުނިކަން ފޫ ބައްދަވައި، ޝާމިލު އަދި ފުރާފުރިހަމަ ހިދާޔަތެއްގެ ނިޢުމަތާއި ރަޙްމަތްޕުޅު އިންސާނާއަށް ދެއްވެވުމަށް ޓަކައި، އެކަލާނގެ އިންސާނާއަށް ރަސޫލުންނާއި ނަބީންގެ ހިދާޔަތުގެ (Divine Prophetic Guidance) އަލިކަން ދެއްވެވިއެވެ. އެހެންކަމުން، އިންސާނާ ކުރާ ކޮންމެ ކަމެއްގައި މެ، މި މައިގަނޑު އަސާސްތަކަށް ތަބަޢަ ވާން ޖެހެއެވެ. ﷲ ދެއްވި ނިޢުމަތްތަކާއި ރަޙުމަތްޕުޅުތަކަށް ޝުކުރުވެރި ވުމުގެ އެންމެ މުހިއްމު އެއް ބަޔަކީ ވެސް، އެ ކަންކަމުގެ ބޭނުން ހިފުމެވެ. އެ ކަންކަމަށް ފުރަގަސް ނުދިނުމެވެ. އެކަންކަމަށް އަބަދުމެ ޙުރުމަތްތެރިކޮށް ހިތުމެވެ. އެކަންކަން ދޫކޮށް އަމިއްލަ އެދުންތަކާއި ތަޢައްޞުބާއި ހަވާނަފުސުގެ ގޮވައިލުންތަކަށް ހެއްލިގަތުމުގެ މަގު އިޚްތިޔާރު ކުރާ ބަޔަކު ކަމުގައި ނުވުމެވެ.

"ހެޔޮ އަދި ޞައްޙަ އަސާސްތައް" މި ނަމުން އިޝާރާތް މި ކުރަނީ، މި ދެންނެވި އަސާސްތަކަށެވެ. އާދެ، އިލާހީ ހިދާޔަތު (Divine Guidance) އާއި، ހަމަބުއްދި (mind or rational faculty) އާއި، ޟަމީރު (conscience or moral faculty) ގެ ވާހަކައެވެ. މި އަސާސްތަކަށް ތަބަޢަ ވެގެން މެނުވީ، އިންސާނާއަށް އިންފިރާދީ ފެންވަރުގައި، އަދި ޢާއިލީ ފެންވަރުގައި، އަދި އިޖުތިމާޢީ ފެންވަރުގައި ކާމިޔާބާއި ފަލާޙު ނުލިބޭނޭ ފަދައިން، ޤައުމެއްގެ ގޮތުގައި އަދި ސިޔާސީ ކިޔާނެއް (polity) ގެ ގޮތުގައި ވެސް ބަޔަކަށް ހެވާއި ކާމިޔާބާއި ނަޞީބާއި ބާއްޖަވެރިކަން ލިބުން އޮތީ މި އަސާސްތަކަށް ތަބަޢަ ވެގެންނެވެ. މި އަސާސްތަކަކީ އެންމެ މައިގަނޑު އަދި ބުންޔާދީ އަސާސްތައް (primary bases or fundamental bases) ކަމުގައި ވާއިރު، މީގެ ދަށުން އަންނަ ސާނަވީ އަސާސްތައް (secondary bases) ވެސް ހުރެއެވެ. އާދެ، އިންސާނީ ޙިއްސުތަކުގެ އެހީގައި އަދި ތަޖުރިބާގެ އަލީގައި ހޯދޭ ޢިލްމުތައް (empirical knowledge) ފަދަ އަސާސްތަކެވެ.

ކަން މިހެން އޮތުމުން، އަޅުގަނޑުމެން ދުސްތޫރެއް ލިޔުނަސް، ޤާނޫނެއް ހެދިޔަސް، ޤަވާޢިދެއް ލިޔުނަސް، ދައުލަތުގެ ގުނަނެއް އުފެއްދިޔަސް، އެއިން ގުނަނަކަށް މީހުން ލިޔަސް، އެއިން ގުނަނަކުން ނުވަތަ އިދާރާއަކުން ނިންމުމެއް ނިންމިޔަސް، ޤާނޫނަކަށް ޤަވާޢިދަކަށް ބަދަލު ގެނަޔަސް، ޤަޟާއީ ޙުކުމެއް ކުރިޔަސް، އަދި މި ޒާތުން އެހެން ކޮންމެ ކަމެއް ކުރިޔަސް، އެ ކަމެއް ބިނާ ވެފައި އޮންނާން ވާނީ މަތީގައި ނަންގަނެވުނު ހެޔޮ އަދި ޞައްޙަ އަސާސުތަކުގެ މައްޗަށެވެ. މި ޙަޤީޤަތަށް އިރުމައްޗާއި ހުޅަނގުގެ، އަދި މުސްލިމް ޣައިރު މުސްލިމް އެންމެހައި ޢިލްމުވެރީން މުފައްކިރުން ވަނީ ދިގުކޮށް ވާހަކަ ދައްކަވައިފައެވެ. ޔޫނާނުގެ ފަލްސަފާވެރިޔާ އަރަސްޠޫ (Aristotle) "ޤާނޫނަކީ ތަޢައްޞުބުތަކާއި ޖަޒުބާތުތަކާއި ވަހުމިއްޔަތާއި ހަވާނަފުސުން މިނިވަން ވެގެންވާ ޢަޤުލް" (Law is reason free from passion) ކަމުގައި ވިދާޅުވީ އެގޮތުންނެވެ. ރޯމުގެ ސިސޭރޯ (Cicero) އިންސާނާއަށް ޠަބީޢަތުގެ ހެޔޮ ޤާނޫނުތައް ދެނެގަނެވޭނީ ހެޔޮ ބުއްދީގެ (right reason) ބާރުގައި ކަމަށް ވިދާޅުވީ އެ މޭރުމުން ދެއްކެވި ވާހަކަތަކުގައެވެ. ދުނިޔެ ދުށް ޝަރްޢީ އަދި ޤާނޫނީ ޢިލްމުގެ އެންމެ މަތިވެރި ސަގާފަތް ކަމުގައި ވާ އިސްލާމީ ފިޤްހާއި އުޞޫލުލް ފިޤްހުގެ ޢިލްމީ ސަގާފަތުގެ ބޮޑެތި ޢާލިމުން ކަމުގައި ވާ އިމާމް މާލިކު، އިމާމް އަބޫ ޙަނީފާ، އިމާމް ޝާފިޢީ، އިމާމް އަޙްމަދު ބިން ޙަންބަލް، އިމާމް އަލްޖުވައިނީ، އިމާމް އަލްޣަޒާލީ ފަދަ ބެއިބެއިފުޅުން އިސްލާމީ ޝަރީޢަތާއި ފިޤްހުގެ މަޞްދަރުތަކާއި، މަޤާޞިދުއް ޝަރީޢާގެ މައްޗަށް ދެއްކެވި ވާހަކަފުޅުތަކުގައި ވެސް އޮތީ ހަމަ މި ގޮތެވެ.

މި ދެންނެވި ވާހަކަތަކުގެ އަލީގައި، އަޅުގަނޑުމެންގެ ދުސްތޫރީ ނިޒާމާއި ޤާނޫނީ ޙުކޫމަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އޮފިޝަލުންގެ ނިންމުންތަކާއި، އެއުރެން ކުރާ ކަންކަމާއި، ހަދާ ޤާނޫނުތަކާއި ޤަވާޢިދުތައް އެ އަސާސްތަކެއްގެ މައްޗަށް ތަބަޢަ ވާން ޖެހޭ އެންމެ މައިގަނޑު އަސާސްތަކަކީ ކޮބައިކަން ސާފެވެ. އާދެ، ކީރިތި ޤުރްއާނާއި ސުންނަތެވެ. ހެޔޮ ބުއްދީގެ މައްޗަށް ކުރެވޭ އިޖްތިހާދެވެ. ޢިލްމުގެ އަހުލުވެރީންގެ ހެޔޮ ބަހާއި ހެޔޮ ނަޞޭޙަތެވެ. އިޙްސާންތެރިކަމުގެ ބިންގަލުގެ މަތީގައި އެކަށައެޅިގެންވާ އިސްތިޙްސާން (equity and goodness) ގެ އުޞޫލުތަކެވެ. މި ދެންނެވި ކަންކަމާ އަރައިރުން ނުވާ، ހެޔޮ ޢުރުފު ނުވަތަ އާދަކާދަ (good custom and conventions) އެވެ. ޢާއްމު މަޞްލަޙަތު ނުވަތަ މަޞްލަޙަތުލް މުރްސަލާ (considerations of legitimate public interest) އެވެ. ޞައްދުއް ޛަރާއިޢު (blocking the means) ގެ ތެރެއިން، ނުބައި ކަންކަމާއި މުންކަރާތްތަކަށް ދޮރު ބަންދު ކުރުމުގެ އުޞޫލެވެ. މަޤާޞިދުއް ޝަރީޢާގެ މަފްހޫމުގެ ތެރެއިން، ދީން، އިންސާނީ ހަށިގަނޑާއި ފުރާނަ، އިންސާނީ ބުއްދި އާއި ޒިހުނިއްޔަތު، ޢާއިލާ، އަދި މުދާ ރައްކައުތެރި ކުރުމުގެ އުޞޫލުތަކެވެ. އިންސާނީ ކަރާމާތާއި އަބުރާއި ޝަރަފާއި ޤަދަރު ޙިމާޔަތް ކުރުމުގެ އުޞޫލުތަކެވެ.

ހެޔޮ އަދި ޞައްޙަ އަސާސްތަކަށް ޖާގައެއް ނެތް

ދެން އޮތީ ބޮޑު ސުވާލެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާ އާއި، 202 ވަނަ މާއްދާ އާއި، 203 ވަނަ މާއްދާ، އިޞްލާޙު ކުރުމުގެ ނަމުގައި، ބަދަލު ގެނައީ މި ދެންނެވި ހެޔޮ އަދި ޞައްޙަ އަސާސްތަކުގެ (good and sound bases) ތެރެއިން އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ކޮށްގެންތޯއެވެ؟

ޖަވާބު ވަރަށް ސާފެވެ. މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާ ބަދަލު ކުރީ، މި ލިޔުމުގެ ދެވަނަ ބައިގައި ސާފުކޮށް ދެންނެވުނު ފަދައިން، ދިވެހި ރައްޔިތުން ލިބިގެންފައިވާ ޤައުމީ ދުސްތޫރު މުގުރައިލައި، ޣައިރުދުސްތޫރީކޮށެވެ. އެއްވެސް ހެޔޮ އަސާސެއްގެ މައްޗަކަށް ނޫނެވެ. ދީނީ، ޝަރްޢީ، ޢަޤްލީ، އަދި އަޚްލާޤީ އެއްވެސް ހަމައެއްގެ މައްޗަކަށް ނޫނެވެ. ޤާނޫނީ ނުވަތަ ދުސްތޫރީ ފަލްސަފާގެ ތެރޭގައި ޤަބޫލު ކުރެވިފައިވާ އެއްވެސް ހަމައެއް އުޞޫލެއްގެ މައްޗަކަށް ނޫނެވެ. އެ ގެނައި "އިޞްލާޙެއްގެ" ސަބަބުން ރައްކައުތެރި ކުރެވޭ އެއްވެސް އަސާސެއް، މަތީގައި ދެންނެވުނު އަސާސްތަކުގެ ތެރެޔަކު ނުވެއެވެ.

ހަމަ އެހެންމެ، މަޖިލިހުގެ ޤަވާޢިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާ ބަދަލު ކޮށްގެން ވެސް ކުޅައީ އިޞްލާޙުގެ ނަމުގައި ފަސާދައެވެ. އެ ބަދަލުން ޙާޞިލު ކުރި ހަމައެކަނި ނަތީޖާތަކަކީ، ރައީސުލް ޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް ހިންގާ އިޖުރާއާތަކީ ހަމައެކަނި އެމްޑީޕީ ބޭނުންވާ ގޮތަކަށް ކުރާ ކަމަކަށް ހެދުމެވެ. ޤައުމުގެ އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ބަހެއް ނެތި އެމްޑީޕީން އެކަނި، އެމްޑީޕީ ހިތަށް އެރި ގޮތަކަށް ކުރާ ކަމަކަށް ހެދުމެވެ. މަޝްވަރާ އާއި ޝޫރާގެ ރިވެތި އުޞޫލުގައި ކޮޅުފައިން ޖަހައި، މަޖިލިހުގައި ތިބި އެމްޑީޕީގެ 56 މެންބަރުން ހިތަށް އެރީމާ އެކަން ކުރެވޭނޭ މަގުފަހި ކުރުމެވެ. ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް ހިންގާ އިޖުރާއާތުގައި، މި ލިޔުމުގެ ފުރަތަމަ ބައިގައި ދެންނެވުނު ފަދައިން، ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ޙާޟިރު ވެ ޖަވާބުދާރީ ވުމަށް ރައީސަށް ލިބިދޭ ވަގުތާއި ފުރުޞަތު ނިގުޅައިގަތުމެވެ. އެ އިޖުރާއާތަކީ ޠަބީޢީ ޢަދާލަތު (Natural Justice) ގެ މަބްދައުތަކާ ޚިލާފަށް ހިންގާ އިޖުރާއާތަކަށް ބަދަލު ކޮށްލުމެވެ. ކިތަންމެ ގިނަ ދަޢުވާތަކެއް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އުފުލިޔަސް، ޖަވާބުދާރީ ވާން ލިބޭނީ ހަމަ އެންމެ 30 މިނިޓު ކަމަށް ހަދައި، ތިމާޔާ ދެކޮޅަށް ކުރެވޭ ދަޢުވާއަށް އެކަށީގެންވާ ގޮތުގައި ޖަވާބުދާރީ ވުމަށް ރައީސަށް ލިބިދޭ ފުރުޞަތު – audi alteram partem ގެ މަޝްހޫރު އުޞޫލާ ޚިލާފަށް – ނިގުޅައިގަތުމެވެ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހުގައި ޖަވާބުދާރީ ވާން ޖެހެނީ، އޭނާއާ ދެކޮޅަށް ކުރެވޭ ދަޢުވާތަކާއި އެ ދަޢުވާތަކުގެ ހެކިތަކާ ބެހޭ އެންމެ ފަހުގެ ރިޕޯޓު މަޖިލިހުގެ ކޮމިޓީން ތައްޔާރު ވުމުގެ ކުރީގެ މަރުޙަލާއެއްގައި ކަމުގައި ހަދައި، ޖަވާބުދާރީ ވުމުގެ ފުރުޞަތު ޢަމަލީ ގޮތުން މުޅީން ނިގުޅައިގަތުމެވެ. މި ގޮތްގޮތުން، އެއްވެސް ހެޔޮ އަދި ޞައްޙަ އަސާސަކަށް ތަބަޢަ ވުމެއް ނެތި، ތަހުޒީބު އިންސާނުން ބަލައިގަންނަ އަދި ބަލައިގަންނާން ޖެހޭ އެންމެހައި ޝަރްޢީ އަދި ޤާނޫނީ މަބްދައުތައް މުގުރައިލައިގެން، އެމްޑީޕީން މަޖިލިހުގެ ޤަވާޢިދަށް ގެނައި ބަދަލުތަކަކީ، އެ ޕާޓީއަށް މަޖިލިހުގައި މި ވަގުތު 56 މެންބަރުންގެ އަޣްލަބިއްޔަތެއް އޮތްއޮތުމުގެ ނާޖާއިޒު ފައިދާ ނެގުމެވެ. އާދެ، އެއީ ކަނޑައެޅި ބަޔާން ވެގެންވާ ގޮތުގައި ހިންގި އަޣްލަބިއްޔަތީ ޒުލްމުވެރިކަމުގެ (majoritarian tyranny) ޢަމަލެކެވެ. އިސްތިބްދާދީ (despotic) އަދި ޚުދުމުޚުތާރު (dictatorial) ގޮތުގައި ބާރުގެ ބޭނުން ކުރުމުގެ ޢަމަލެކެވެ.

އާދޭހެވެ! އެމްޑީޕީން މި ކުރި ކަންތައްތަކަކީ ހެޔޮ އަދި ޞައްޙަ އަސާސްތަކަށް ތަބަޢަ ވުމުގެ ބަދަލުގައި، ތަޢައްޞުބަށް (prejudice) ބޯލެނބުމެވެ. ސިޔާސީ ޙަސަދަ އާއި ވާދަވެރިކަމުގެ ނޭއްގާނި ޖަޒުބާތުތަކަށް ބޯލެނބުމެވެ. ހަވާނަފުސަށް ތަބަޢަ ވެ ނާޖާއިޒު އަދި ނުރަނގަޅު އެދުންތަކުގެ މައްޗަށް ޢަމަލު ކުރުމެވެ. މި ހުރިހައި މާނައެއް އެކުލެވޭ އެއް އިޞްޠިލާޙަކުން ދަންނަވަންޏާ، ތަޢައްޞުފީ (arbitrary) ގޮތެއްގައި ކަންތައް ކުރުމެވެ. ތަޢައްޞުފިއްޔަތަށް (arbitrariness) ތަބަޢަ ވުމެވެ. ތަޢައްޞުފިއްޔަތަކީ ކޮބައިކަމާއި، ޝަރީޢަތާއި ޤާނޫނުގައި ތަޢައްޞުފިއްޔަތަށް އޮތް ޙުކުމަކީ ކޮބައިތޯ ބަލައިލަމާ ހިންގަވާށެވެ!

ތަޢައްޞުފިއްޔަތަކީ ކޮބައިތަ؟

ތަޢައްޞުފިއްޔަތު (arbitrariness) އަކީ ދިވެހިރާއްޖޭގެ ޙުކޫމަތުން ފާއިތު ވެދިޔަ ފަނަރަވަރަކަށް އަހަރުގެ ތެރޭގައި ފެންނަ އެންމެ ބޮޑު އެއް ބައްޔެވެ. އެންމެ ބޮޑު އެއް މައްސަލައެވެ. ޤައުމުގައި ހެޔޮ ޙުކޫމަތެއް ބިނާ ކޮށް، ޢަދުލުއިންޞާފު ޤާއިމު ކޮށް، ރައްޔިތުންގެ މަޞްލަޙަތުތަކާއި ޙައްޤުތައް ރައްކައުތެރި ކޮށް، ޤައުމުގެ މަޞްލަޙަތުތަކާއި ޤައުމިއްޔަތު ޙިމާޔަތް ކުރުމަށް އެޅިފައި ވާ އެންމެ ބޮޑު އެއް ހުރަހެވެ. އެއީ ދިވެހި ޤައުމާއި، ދިވެހި ޤައުމިއްޔަތާއި، ދިވެހި ޙުކޫމަތާއި، ދިވެހި ދުސްތޫރީ ނިޒާމުގައި އަޅައިފައިވާ ވިހަ ކަތުރުފަންޏެކެވެ. އަޅުގަނޑުގެ ނަޒަރުގައި، މިއީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން އެކަމަކާ މެދު ވަރަށް ސީރިޔަސްކޮށް ވިސްނައި، އެ ކަމަކާ ދެކޮޅަށް އެންމެން އެކަތިގަނޑަކަށް ވާން ޖެހިފައި ވާ ބޮޑު ވަބާއެކެވެ.

ޝަރީޢަތާއި ޤާނޫނާއި ޙުކޫމަތާއި ސިޔާސަތުގެ ސިޔާގުގައި ތަޢައްޞުފިއްޔަތަކީ، ނިންމުންތައް ނިންމުމާއި ކަންކަން ކުރުމުގައި، މަތީގައި ދެންނެވުނު ހެޔޮ އަދި ޞައްޙަ އަސާސްތަކުގެ ތެރެއިން އަސާސަކަށް ނުވަތަ އަސާސްތަކަށް ބުރަވުމުގެ ބަދަލުގައި، ނިންމުން ނިންމާ ނުވަތަ ކަން ކުރާ މީހެއްގެ ނުވަތަ ބައެއްގެ ތަޢައްޞުބީ ރިޢާޔަތަށް ބުރަވުމެވެ. ނޭއްގާނި ޖަޒުބާތުތަކާއި ޝުޢޫރުތަކަށް ތަބަޢަ ވުމެވެ. ވަހުމީ އަދި ޡަންނީ ބުންޔާދުތަކަށް ބުރަ ވުމެވެ. އިލާހީ ހިދާޔަތާއި، ހަމަބުއްދި އާއި ހެޔޮ އަޚްލާޤުގެ ބަދަލުގައި، ތަޢައްޞުބާއި ޖަޒުބާތަކީ ނިންމުންތަކާއި ކުރާ ކަންކަމުގެ ސަބަބު ކަމުގައި ހެދުމެވެ. ދިވެހި ބަހުން ވަރަށް އާދައިގެ ބަހުރުވައިން ދަންނަވަންޏާ، ހަރުދަނާ އަދި ހެޔޮ ސަބަބުތަކުގެ ބަދަލުގައި، ހިތުހުރި ގޮތަކަށް އަދި ހިތަށް އެރި ގޮތަކަށް ކަންތައްތައް ކުރުމެވެ. އުޞޫލުތަކަށް ބޯ ލެނބުމުގެ ބަދަލުގައި، ތިމާގެ އަތުގައި ބާރެއް ނުވަތަ އިޚްތިޔާރެއް އޮތަތީ، އެ ބާރާއި އިޚްތިޔާރުގެ ބޭނުން ހަމައެއްނަމައެއް ނެތި ކުރުމެވެ. ގޮތާއި ފޮތަށް ތަބަޢަ ވުމުގެ ބަދަލުގައި، ގޮތެއްފޮތެއް ނުބަލައި ޖެހުނު ގޮތަކަށް އަދި ތިމާގެ ނާޖާއިޒު އެދުންތައް ޙާޞިލު ކުރުމުގެ މަގަށް ކަން ކުރުމެވެ.

ތަޢައްޞުފިއްޔަތަކީ ޢަދުލުވެރިކަމާއި (justice) އިންޞާފު (equity or fairness) ގެ ދިމާ އިދިކޮޅެވެ. ޤާނޫނުގެ ސިޔާދަތު (rule of law) ގެ ދިމާ އިދިކޮޅެވެ. އެހެނީ، މި ކަންކަން އަންނަނީ އުޞޫލުތަކުގެ ތެރެއިންނެވެ. ހެޔޮ އަދި ޞައްޙަ އަސާސްތަކުގެ ތެރެއިންނެވެ. ތަޢައްޞުފިއްޔަތު އޮތް ތަނެއްގައި، ޢަދުލެއް އިންޞާފެއް ހެޔޮ އަޚްލާޤެއް ހެޔޮ ޤާނޫނެއް ނޯންނާނެތެވެ! އެފަދަ ތަނެއްގައި އޮންނާނީ ޖަންގަލީގެ ޤާނޫނާއި ޒުލްމުވެރިކަން (oppression) ކަމުގައި އެއްބަސް ވެވިފައި ވެއެވެ. އެފަދަ ތަނަކުން ފެންނާނީ ބާރުވެރިޔާ އަކީ ރަނގަޅު މީހާ (might is right) ކަމަށް ވުމުގެ ގޮތެވެ. އެފަދަ ތަނެއްގައި، ބާރުގަދަ މީހާ އެހެން އެންމެންގެ މައްޗަށް ތިމާގެ ޝަޚްޞީ އިރާދާ ތަޢައްޞުފީ ގޮތްގޮތުން ގަދަބާރުން ހިންގާނެއެވެ. ތަޢައްޞުފިއްޔަތުގެ މޭވާތަކަކީ ޚުދުމުޚްތާރިއްޔަތާއި (dictatorship) ޒުލްމުވެރިކަމާއި (tyranny) އިސްތިބްދާދިއްޔަތާއި (despotism) ލާޤާނޫނިއްޔަތާއި (lawlessness) އަނާކިއްޔަތު (anarchy) ކަން މިއީ ދެބަސް ނުވެވޭނެ ޙަޤީޤަތެވެ.

އެންގްލޯ-ސެކްސަން ޤާނޫނީ ޢިލްމުގެ ސަގާފަތުގައި އެންމެ އިތުބާރު ކުރެވޭ އެއް ޤާނޫނީ ރަދީފު ކަމުގައިވާ "ބްލެކްސް ލޯވ ޑިކްޝަނަރީ" ގައި ތަޢައްޞުފީ – arbitrary – މި މަފްހޫމު މާނަ ކޮށްދީފައި އޮންނަނީ (founded on prejudice or preference rather than on reason or fact) މި ޢިބާރާތުންނެވެ. މާނައަކީ، ޢަޤުލީ ހަމަތަކަށް ނުވަތަ ވާޤިޢީ އަސާސްތަކަށް ތަބަޢަ ވުމުގެ ބަދަލުގައި ތަޢައްޞުބުގެ މައްޗަށް ނުވަތަ ތިމާއަށް ކަމުދާ ގޮތުގެ މައްޗަށް ބިނާ ވެފައި ވުން، މިއެވެ. މި މާނައަށް ފަހު، އެ ރަދީފުގައި ތަޢައްޞުފީ ނިންމުންތައް ސިފަ ކުރުމުގެ ގޮތުން – arbitrary and capricious - މި ޢިބާރާތް ޢާއްމުކޮށް ބޭނުން ކުރެވޭ ކަމަށް ލިޔެފައި އޮވެއެވެ. މި ޢިބާރާތުގައި ހިމެނޭ - capricious - މި ލަފުޒު ބްލެކް މާނަ ކޮށްދެނީ (characterized by or guided by unpredictable or impulsive behaviour) މި ޢިބާރާތާއި މި (contrary to the evidence or established rule of law ޢިބާރާތުންނެވެ. ޖުމުލަ ގޮތެއްގައި، އެ ބުނާ ވާހަކަ އަކީ، ކުރާ ކަންކަން ނުވަތަ ނިންމާ ނިންމުންތަކުގައި ނުވަތަ މީހާގެ ކިބައިގައި އެކުލަވާ ސިފަތަކުގައި، އެހެން މީހުންނަށް ތިމާ ކަން ކުރާނޭ ގޮތެއް ލަފާ ކޮށްލާން ނޭނގޭނޭ ބީދައިން، ތިމާގެ ޖަޒުބާތުތައް އެ ވަގުތަކު މަގު ދެއްކި ގޮތަކަށް، ތަޢައްޞުބީކޮށް ނުވަތަ ޖެހުނު ގޮތަކަށް ކަން ކުރުމެވެ. ލިބޭން ހުރި ހެކިތަކަކަށް، ނުވަތަ ޤާނޫނުގެ ހަމަތަކަކަށް ބެލުމެއް ރިޢާޔަތް ކުރުމެއް ނެތި، ތިމާ ހިތަށް އެރިހައި ވައްތަރަކަށް ކަން ކުރުމެވެ. ހަމައެއް ނަމައެއް، ގޮތެއް ފޮތެއް ނުބަލައި ކަންކަން ކުރުމެވެ.

ތަޢައްޞުފިއްޔަތަކީ ޤާނޫނުގެ ސިޔާދަތު ނުވަތަ ޤާނޫނުގެ ވެރިކަމުގެ މަފްހޫމާ (concept of rule of law) ޚިލާފު އެއްޗެކެވެ. މި ނުކުތާ، ބްލެކް ރަދީފުގައި – rule of law - މި އިޞްޠިލާޙުގެ މާނަ ކިޔައިދިނުމުގައި ބަޔާން ކޮށްފައި އޮންނަނީ (The supremacy of regular as opposed to arbitrary power) މި ޢިބާރާތުންނެވެ. އަޅުގަނޑުމެންގެ ދުސްތޫރުގައި ވެސް އެންމެ އަސާސީ އެއް މަބްދައު ކަމުގައި ވާ ބާރުތައް ވަކި ކުރުމުގެ މަބްދައު (doctrine of separation of powers) ގެ މައިގަނޑު މަޤްޞަދަކީ ވެސް ބާރުގެ ބޭނުން ތަޢައްޞުފީކޮށް ކުރުމަށް ހުރަސް އެޅުމެވެ. ދުނިޔޭގައި ހެޔޮ އަދި ޞައްޙަ އަސާސްތަކުގެ މައްޗަށް އެކަށައަޅައިފައިވާ އެހެން ޤާނޫނުއަސާސީތަކެކޭ އެއްފަދައިންނެވެ. މިސާލެއްގެ ގޮތުން، މި ނުކުތާގެ މައްޗަށް، އެމެރިކާގެ މަޝްހޫރު ޤާނޫނީ ޢިލްމުވެރިޔާ އަދި މުފައްކިރު ރޮސްކޯ ޕައުންޑް، 1957 ވަނަ އަހަރު ޝާއިޢު ކުރެވުނު އޭނާގެ ފޮތް "ދަ ޑިވެލޮޕްމަންޓް އޮފް ކޮންސްޓިޓިޔުޝަނަލް ގަރަންޓީސް އޮފް ލިބަރޓީ" މި ފޮތުގެ 94 ވަނަ ޞަފުޙާގައި ވިދާޅުވެފައި ވެއެވެ. "1787 ވަނަ އަހަރު (ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ) ޤާނޫނުއަސާސީގައި ބާރުތައް ވަކި ކުރުމުގެ މަބްދައު ހިމެނުނީ ޙުކޫމަތުގެ ނިޒާމުގެ ޤާބިލިއްޔަތު އިތުރު ކުރުމުގެ ގޮތަކުންނެއް ނޫނެވެ. އެކަން ކުރެވުނީ ތަޢައްޞުފީކޮށް ބާރު ބޭނުން ކުރުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. މަޤްޞަދަކީ ބާރުތަކުގެ މެދުގައި ދެބަސްވުން ނުވަތަ އިޚްތިލާފު ހުއްޓުވުމެއް ނޫނެވެ. މަޤްޞަދަކީ، ބާރުތައް ތިން ބަޔަކަށް ބަހައިލުމުގެ ނަތީޖާއެއްގެ ގޮތުން ނުއުފެދި ނުދާނޭ އިޚްތިލާފުތަކުގެ ވަސީލަތުން، ރައްޔިތުން ޚުދުމުޚްތާރިއްޔަތާއި އިސްތިބްދާދިއްޔަތުން ރައްކައުތެރި ކުރުމެވެ."

ތަޢައްޞުފިއްޔަތަކީ އިސްތިބްދާދިއްޔަތާއި (despotism and autocracy) ސިޔާސީ ޒުލްމުވެރިކަމުގެ (tyranny) މައިގަނޑު އެއް ސިފަ ކަމުގައި ޤަބޫލު ކުރެވިފައި ވެއެވެ. ބްލެކް ރަދީފުގައި - tyranny - މި އިޞްޠިލާޙު މާނަ ކޮށްދީފައި ވާ ގޮތަށް ބަލައިލުމުން ވެސް އެކަން ސާފު ވެއެވެ. ތިން ގޮތަކަށް މި ލަފުޒުގެ މާނަ އެ ރަދީފުގައި ކިޔައިދީފައި އޮންނަ އިރު، ފުރަތަމަ ގޮތަކީ (The severe deprivation of a natural right) މިއެވެ. ދެވަނަ ގޮތަކީ (The accumulation of all powers – the legislative, executive, and judicial – in the same hands (whether few or many)) މިއެވެ. ތިންވަނަ ގޮތަކީ (Arbitrary or despotic government; the severe and autocratic exercise of sovereign power, whether vested constitutionally in one ruler or usurped by that ruler by breaking down the division and distribution of governmental powers) މިއެވެ.

މި ދެންނެވުނު ގޮތުގެ މަތީން، ދައުލަތުގެ ސިޔާސީ، ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގައި ތަޢައްޞުފިއްޔަތު ބަލައިނުގަތުމުގެ އުޞޫލަށް ޣައިރު-ތަޢައްޞުފިއްޔަތުގެ މަބްދައު، ނުވަތަ ތަޢައްޞުފިއްޔަތު މަނާކުރުމުގެ މަބްދައު، (principle of non-arbitrariness) މި ނަން ދެވިފައި ވެއެވެ. ޔަޢުނީ، ތަޢައްޞުފިއްޔަތަކަށް، ޝަރީޢަތާއި ޤާނޫނުގައި އެއްވެސް މަޤާމެއް ނެތެވެ. ތަޢައްޞުފިއްޔަތަށް އޮތް ޝަރުޢީ އަދި ޤާނޫނީ ޙުކުމަކީ، އެކަން މުޅީން ހުއްޓުވައި ނެތިކުރުމެވެ.

ތަޢައްޞުފިއްޔަތު މަނާ ކުރުމުގެ އުޞޫލު ޔޫރަޕަށް ނުވަތަ ހުޅަނގަށް ދިޔައީ މުސްލިމުންގެ ތެރެއިން، އިސްލާމީ ޝަރީޢަތުގެ ތެރެއިންނެވެ. މައިގަނޑު ގޮތެއްގައި، ޞަލީބީ ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ވިލާތުގެ ރަސްގެފާނު ރިޗަރޑް ދަ ލަޔަންހާރޓް (Richard the Lionheart) ގެ އަރިޔަހުގައި ޝާމުކަރައަށް އައިސް މުސްލިމުންނާ ހަނގުރާމަ ކުރާން އުޅުނު އިނގިރޭސި ނަވާބުންގެ ވަސީލަތުންނާއި، އަންދަލުސް (Spain) ގައި އޮތް އިސްލާމީ ނިޒާމުގެ ތެރެއިންނެވެ. މި ދެންނެވި އިނގިރޭސި ނަވާބުން، ރިޗަރޑް ދަ ލަޔަންހާރޓާ އެކު ޝާމުކަރަ ދޫ ކޮށް އެނބުރި އިނގިރޭސި ވިލާތަށް ދިޔުމަށް ފަހު، މުސްލިމުންގެ ފަރާތުން އެމީހުންނަށް ދަސް ވި ޝަރްޢީ އަދި ޤާނޫނީ އެތައް މަބްދައުތަކެއް އިނގިރޭސި ދުސްތޫރީ ނިޒާމަށް ތަޢާރަފު ކުރުމަށް ކުރި މަސައްކަތުގެ ސީދާ ނަތީޖާ އަކީ މަޝްހޫރު މެގްނާ ކާޓާ (Magna Carta) އެވެ. އެންގްލޯ-ސެކްސަން ޤާނޫނީ ސަގާފަތުގައި ޤާނޫނުގެ ވެރިކަމުގެ މަފްހޫމާއި ޣައިރު-ތަޢައްޞުފިއްޔަތުގެ މަބްދައު ފަދަ އެތައް މަބްދައުތަކަކާއި އުޞޫލުތަކެއް ފެށުނު ހިސާބަކީ މި ޗާޓަރު ކަމުގައި ބުނެ ފަނޑިޔާރުން ވާހަކަ ދައްކައިފައި ވާ އެމެރިކާގެ ސުޕްރީމް ކޯޓުގެ ޙުކުމްތަކުގެ ތެރޭގައި 1819 ވަނަ އަހަރުގެ ބޭންކް އޮފް ކޮލަމްބިއާ ވާރސަސް އޮކްލެއި ޤަޟިއްޔާ އާއި، 1989 ވަނަ އަހަރުގެ ބްރައުނިންގ-ފެރިސް އިންޑަސްޓްރީޒް އޮފް ވާރމޮންޓް ވާރސަސް ކެލްކޯ ޑިސްޕޯސަލް ޤަޟިއްޔާ އާއި، 1994 ވަނަ އަހަރުގެ އޮލްބްރައިޓް ވާރސަސް އޮލިވަރ ޤަޟިއްޔާ ހިމެނެއެވެ. އެމެރިކާގެ ދުސްތޫރުގެ ޢިލްމުވެރީންނާއި އެ ޤައުމުގެ ކޯޓުތަކުގެ ޙުކުމްތަކުން އެނގޭ ގޮތުގައި، އެ ޤައުމުގެ ދުސްތޫރުގެ ހަވަނަ އަދި އަށްވަނަ އިޞްލާޙުގެ މުޅި ބިންގަލަކީ، ޣައިރު-ތަޢައްޞުފިއްޔަތުގެ މަބްދައެވެ. އެމެރިކާގެ ވާހަކަ ދައްކާ އިރު، އެ ޤައުމުގެ ދުސްތޫރީ ނިޒާމުގައި އެކި ގޮތްގޮތަށް، ތަޢައްޞުފިއްޔަތަށް ވަރަށް ވަރުގަދަޔަށް ނޫނެކޭ ބުނެފައި ވާކަން ވަރަށް ރީތިކޮށް ފެނެއެވެ. އެ ނިޒާމުގެ ބިންގާ އެޅުއްވި ޢިލްމީ ބެއިފުޅުންގެ ލިޔުއްވުންތަކަށް ބެލިޔަސް، އެ ނިޒާމުގެ އަސާސީ ވަޘީޤާތަކަށް ބެލިޔަސް، އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބެލިޔަސް އެކަން ފެންނާނެއެވެ. އެއް މިސާލަކީ، "ދަ ފެޑްރަލިސްޓް" 47 ވަނަ މަޒުމޫނުގައި ޖޭމްސް މެޑިސަން ލިޔުއްވި ބަޔާނުގައި ޤާނޫނު ހަދާ މަޖިލިހާއި ދައުލަތް ހިންގާ ބާރު އެއް ކޮށްލައިފިއްޔާ، ރައްޔިތުންގެ ފުރާނަތަކާއި މިނިވަންކަމުގެ މައްޗަށް ތަޢައްޞުފީ ބާރުވެރިކަމެއް (arbitrary control) ސަރުކާރަށް ލިބި، އެކަންކަން ނުރައްކަލުގެ ތެރެޔަށް ވެއްޓޭނެ ކަމަށް ލިޔުއްވައި، އެ ސަބަބަށް ޓަކައި އެ ދެ ބާރު ވަކި ކުރުމަށް ވަކާލާތު ކުރެއްވިކުރެއްވުމެވެ. ދެވަނަ މިސާލަކީ، އެމެރިކާގެ "ފަރސްޓް ކޮންޓިނެންޓަލް ކޮންގްރެސް 1774" ގައި އިޢުލާން ކުރި "ޑެކްލަރޭޝަން އޮފް ރައިޓްސް އެންޑް ގްރީވެންސެސް" ގައި އިނގިރޭސި ރަސްކަމުން އެމެރިކާގެ ކޮލޮނީތަކާ މެދު "ތަޢައްޞުފީކޮށް" ޢަމަލު ކުރާކަން ފާހަގަ ކޮށް، އެއީ އެ ރަސްކަމާ ދެކޮޅަށް ރައްޔިތުން ތެދުވާން ޖެހޭ ސަބަބެއް ކަމުގައި ބަޔާން ކޮށްފައި އޮންނައޮތުމެވެ. ތިންވަނަ މިސާލަކީ، 1908 ވަނަ އަހަރު އެމެރިކާގެ ސުޕްރީމް ކޯޓުން ގާރފީލްޑް ވާރސަސް ގޯލްޑްސްބީ ޤަޟިއްޔާގެ ޙުކުމުގައި ވާ މަޝްހޫރު ޢިބާރާތެވެ. އެ ޢިބާރާތަކީ (there is no place in our constitutional system for the exercise of arbitrary power) މިއެވެ. ހަމަ މިފަދަ ޢިބާރާތްތަކުން، އެމެރިކާގެ ސުޕްރީމް ކޯޓުން ތަޢައްޞުފީކޮށް ސިޔާސީ އަދި ޤާނޫނީ ބާރުތަކުގެ ބޭނުން ކުރުމަކީ ނުކުރެވޭނޭ، ކޮށްގެން ނުވާނޭ، ޣައިރުދުސްތޫރީ ކަމެއްކަން ބަޔާން ކުރި ޤަޟިއްޔާތަކުގެ ތެރޭގައި 1886 ވަނަ އަހަރުގެ ޔިކް ވޯ ވާރސަސް ހޮޕްކިންސް ޤަޟިއްޔާ އާއި، 1965 ވަނަ އަހަރުގެ އެފްސީސީ ވާރސަސް ޝްރެއިބަރ ޤަޟިއްޔާ ހިމެނެއެވެ.

ޣައިރު-ތަޢައްޞުފިއްޔަތުގެ މަބްދައު ނުވަތަ ތަޢައްޞުފިއްޔަތު މަނާ ވުމުގެ މަބްދައު، އިންސާނީ ޙައްޤުތަކުގެ ޢާލަމީ ޤަރާރުން (Universal Declaration of Human Rights) ވެސް ފެނެއެވެ. އެ ޤަރާރުގެ 9 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ ބައްލަވައިލައްވާށެވެ! ހަމަ އެހެންމެ، ބައެއް ޤައުމުތަކުގެ ޤާނޫނުއަސާސީގެ ޞަރީޙު ނައްޞުތަކުން ވެސް، ދުސްތޫރީ އަދި ޤާނޫނީ ނިޒާމުގައި ތަޢައްޞުފިއްޔަތު އޮތުން މަނާ ކޮށްފައި ވެއެވެ. އެއް މިސާލަކީ ސްވިޓްޒަރލޭންޑުގެ ފެޑެރަލް ޤާނޫނުއަސާސީގެ 9 ވަނަ މާއްދާއެވެ. އެ މާއްދާގައި އޮންނަނީ "ކޮންމެ މީހަކަށް ވެސް، ދައުލަތުގެ އޮފިޝަލުން އެމީހަކާ މެދު ހެޔޮ އަދި އިޚްލާޞްތެރި ނިޔަތުގައި އަދި ތަޢައްޞުފިއްޔަތެއް ނެތި މުޢާމަލާތު ކޮށް ޢަމަލު ކުރުމުގެ ޙައްޤު ލިބިގެން ވެއެވެ" މިހެންނެވެ.

މި ދެންނެވި މިންވަރުން، ތަޢައްޞުފިއްޔަތަކީ އެއްވެސް ޙާލެއްގައި ހުއްދަ ނުކުރެވޭނޭ ކަމެއް ކަމާއި، ހެޔޮ ޙުކޫމަތަކީ ތަޢައްޞުފިއްޔަތުން ސާފު ވެގެންވާ ދުސްތޫރީ، ޤާނޫނީ، އަދި އިދާރީ ނިޒާމެއްގެ މައްޗަށް ހިނގާ ޙުކޫމަތުކަން ސާފު ވާނެ ކަމަށް ބަލައި ކުރު ކޮށްލަމެވެ.

މެންދުރުގެ އިރުހައި ސާފު ތަޢައްޞުފިއްޔަތެއް

އިސްވެ ދެންނެވި ފަދައިން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ސާދާ އަޣްލަބިއްޔަތުގެ ބާރު އޮތްއޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، އަޣްލަބިއްޔަތީ ޒުލްމުގެ (majoritarian tyranny) ޢަމަލެއް ހިންގައި، އެމްޑީޕީން މަޖިލިހުގެ ޤަވާޢިދުގެ 49 ވަނަ މާއްދާ، 202 ވަނަ މާއްދާ، އަދި 203 ވަނަ މާއްދާއަށް އިޞްލާޙުގެ ނަމުގައި ގެނައި ބަދަލުތަކަކީ އެއްވެސް ކަހަލަ ހެޔޮ އަދި ޞައްޙަ އަސާސަކަށް ތަބަޢަ ނުވެ، ތަޢައްޞުފީކޮށް ކުރި ކަމެކެވެ. އެކަމާ މެދަކު ދެބަސް ވާނޭ ނުވަތަ ބަހުސް ކުރާނޭ އެއްވެސް ޖާގައެއް ނެތެވެ. މަތީގައި "ހެޔޮ އަދި ޞައްޙަ އަސާސްތަކަށް ޖާގައެއް ނެތް" މި އަރިމަތީ ސުރުޚީގެ ދަށުން ލިޔެފައިވާ ބައި ބައްލަވައިލައްވާށެވެ! ތަފްޞީލުތަކަށް ގޮސް ދިގު ބަޔާނެއް ނުލިޔުނަސް، ލިޔެފައި އެވާ މިންވަރުން ވެސް، މި ދަންނަވަނީ ތެދު ޙަޤީޤަތްކަން ވަރަށް ރަނގަޅަށް އޮޅުން ފިލައިވަޑައިގަންނަވާނެއެވެ.

މަޖިލިހުގެ ޤަވާޢިދަށް އިޞްލާޙުގެ ނަމުގައި ގެނައި ތަޢައްޞުފީ ބަދަލުތަކާ (arbitrary changes) އެކު، މިހާރު އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ވަކި ކުރުމަށް، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ އިޖުރާއާތު (Article 100 Procedure) ހިންގާނޭކަމުގެ ބިރު ދައްކަމުން އެ ގެންދަނީއެވެ. އެކަން ކުރާކަށް ވެސް، އެއްވެސް ހެޔޮ އަދި ޞައްޙަ އަސާސެއް ނެތީހެވެ. 100 ވަނަ މާއްދާގައި ބުނާ ފަސް ޙާލަތުގެ ތެރެއިން އެއްވެސް ޙާލަތެއް އަދި މެދުވެރިއެއް ނުވެއެވެ. އެ ފަސް ޙާލަތަކީ، ރައީސުލްޖުމްހޫރިއްޔާ އިސްލާމް ދީނުގެ އަޞްލަކާ ކަނޑައެޅިގެން ޚިލާފު ވުން، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ވުން، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފު ވުން، ނުވަތަ ރައީސުލްޖުމްހޫރިއްޔާ އެ މަޤާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކުރުން، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާޤާބިލު ވުން، މި ފަސް ޙާލަތެވެ. މިއިން އެއްވެސް ޙާލަތެއް މެދުވެރި ވެއްޖެ ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތެވެ. މިއިން ޙާލަތެއް މެދުވެރި ވުމަކީ، ވަކި ބައެއްގެ ތަޢައްޞުބުތަކާއި، ޖަޒުބާތީ ނޭއްގާނިކަމާއި، ރުޅިވެރިކަމާއި، ޙަސަދަވެރިކަމާއި، ނޭއްގާނި އަދި ނުކިއްސަރު ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، ތަޢައްޞުފީ ގޮތެއްގައި "ރައީސުލްޖުމްހޫރިއްޔާ ވަކި ކުރާން ޖެހޭ ޙާލަތެއް މެދުވެރި ވެއްޖެޔޭ" ބުނުމުން ވާ ކަމެއް ނޫނެވެ. އެފަދަ ޙާލަތެއް މެދުވެރި ވެއްޖެއްޔާ، ޤައުމުގެ ޢިލްމުވެރީން އަދި އަހުލުލް ޙައްލު ވަލްޢަޤުދު ކަމުގައި ވާ މީހުންނަށް އެކަން ފެންނާނެއެވެ. އެމީހުން އެ ވާހަކަ ދައްކާނެއެވެ. ރައްޔިތުންގެ ތެރެއިން ތަޢައްޞުބާއި ބޭއިންޞާފަށް ނޫނެކޭ ބުނާ އެންމެތަކުންނަށް އެކަން ފެންނާނެއެވެ. އެމީހުން އެ ވާހަކަ ދައްކާނެއެވެ. އެކަމާ ދެކޮޅަށް ބަސް ބުނާނެއެވެ. މިހެން ކަން ހިނގައިފައިވާ ގޮތުގެ މިސާލުތައް ދިވެހި ތާރީޚުން، ކައިރި މާޒީން ފެންނާން ވެސް އެހެރީއެވެ.

އެމްޑީޕީގެ މުޙައްމަދު ނަޝީދު ރައީސްކަމުގައި ހުންނަވައިގެން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަބުރުފުޅަށް ކިލާ އުކައި އެކަލޭގެފާނުގެ ޙުރުމަތަށް އަރައިގެންނެވުމުން، މުޅި ޤައުމުގައި ތިބިހައި ޢިލްމުވެރީންނާއި އެތައް ހާސް ރައްޔިތުން ނުކުމެ އެކަމާ ދެކޮޅު ހަދައި، ނަޝީދު މަޤާމުން ވަކި ކުރާން ޖެހޭ ޙާލަތު އަތުވެއްޖެޔޭ ނުބުނޭތޯއެވެ؟ މުޙައްމަދު ނަޝީދު ޤާނޫނުއަސާސީގެ 45، 46، 48 ވަނަ މާއްދާ މުގުރައިލައްވައިގެން ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ޢަސްކަރީ ޤައިދެއްގައި ފޮރުއްވެވުމުން، އެއީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރަކުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރަކުން ކަނޑައެޅުމުން، ދެމިގެންވާ ގޮތުގައި އަދި ގޮތްދޫނުކުރުމުގެ މަގުން ޤާނޫނުއަސާސީ އާއި އެންމެ މަތީ ކޯޓުތަކުގެ ބާރު ކަނޑުވައިލައްވައިގެން އެ ކުރެއްވި ކަމެއް ކުރެއްވުމުން، ޤާނޫނީ މުއާޚާތާއި ދީނީ ޢިލްމުވެރީންނާއި މުޅި ޤައުމު، ތިޔައީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފު ވެވަޑައިގެން (persistent violation of the constitution) ޤާނޫނުއަސާސީގެ ބާރު ކަނޑުއްވައިލެއްވުމޭ ނުބުނޭތޯއެވެ؟ އެމްޑީޕީގެ އިބްރާހީމް މުޙައްމަދު ޞާލިޙު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ވެވަޑައިގެން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ވެވަޑައިގެން، އެ ޚިލާފުގެ މަތީގައި ގޮތް ދޫނުކުރައްވައި ދެމިހުންނެވުމުން (persistent violation of the constitution)، ޤައުމުގައި ތިބި ދުސްތޫރީ ޢިލްމުވެރީންނާއި ޤާނޫނީ ވަކީލުންނާއި އެހެނިހެން ޢިލްމުވެރީންނާއި އެތައް ހާސް ރައްޔިތުން، މުޅި ޤައުމު ގުގުމާ ވަރަށް އެ ވާހަކަ ނުދައްކާތޯއެވެ؟ ދެން، މި ވާހަކަތައް ދެއްކި ދުވަހު، މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢަޒުލު ކުރާން ދިމާ ކޮށްގެން މި އުޅޭ މީހުން ކޮބައިތޯއެވެ؟ ޤާނޫނުއަސާސީ ޙިމާޔަތް ކުރިތޯއެވެ؟ ޤާނޫނުއަސާސީ މުގުރައިލި ދެ ރައީސުން މަޤާމުން ވަކި ކުރާން ޖެހޭ ވާހަކަ ދެއްކިތޯއެވެ؟

އާދޭހެވެ! ބަހުސް ކުރާކަށް، އިޚްތިލާފެއް އުފައްދާކަށް އެއްވެސް ޖާގައެއް ނެތެވެ. ރައީސް ޑރ. މުޢިއްޒު މަޤާމުން ވަކި ކުރާން ބަޔަކު އުޅޭން ޖެހޭ އެއްވެސް ޙާލަތެއް އަދިއެއް މެދުވެރިއެއް ނުވެއެވެ. އެމްޑީޕީން އެކަން ކުރާން ދިމާ ކޮށްގެން މި އުޅެނީ ހަމަ ކަނޑައެޅި ބަޔާން ވެގެން ވާ ގޮތުގައި، ތަޢައްޞުފީކޮށެވެ. ތަޢައްޞުބާއި ސިޔާސީ ވާދަވެރިކަމާއި ސިޔާސީ ޙަސަދައިގެ ނޭއްގާނި ޖަޒުބާތުތަކުގެ މައްޗަށް، ހަވާނަފުސަށް ތަބަޢަ ވެގެން ކުރާ ކަމެއްގެ ގޮތުގައެވެ. އެ ކަންތައްތަކުން ފެންނަނީ އެމްޑީޕީން ފާއިތު ވި ފަސް އަހަރު، ދެގޮތް ވުމެއް ނެތި، ދައްކަމުން އައި އަޣްލަބިއްޔަތުގެ ޒުލްމު (majoritarian tyranny) އެވެ. ޚުދުމުޚްތާރިއްޔަތާއި (dictatorship) އިސްތިބްދާދިއްޔަތާއި (despotism) ލާޤާނޫނިއްޔަތު (lawlessness) ފިޔަވައި އެހެން ދެވަނަ ކަމެއް ނޫނެވެ. ދިވެހި ޤައުމާއި، ޤައުމުގެ ދުސްތޫރީ ޙުކޫމަތަށް ޤަދަރެއް ލޯތްބެއް ހުރި ކޮންމެ މީހަކު މި ވަގުތު ކުރާން ޖެހޭ ކަމަކީ މި ކަންތައްގަނޑު ހިންގިޔަނުދީ، އެމްޑީޕީ ހަމަ މަގަށް އެޅުވުމެވެ.

(ނުނިމޭ)