ސްރީލަންކާ

ދިވެހީން ގިނަ އަދަދަކަށް ގޮސް އުޅޭ ކޮލްޕެޓީ ސަރަހައްދުން ބޮމެއް ކަމަށް ޝައްކުކުރެވޭ ޕެކެޖެއް ފެނިއްޖެ

ދިވެހީން ގިނަ އަދަދަކަށް ގޮސް އުޅޭ ކޮލްޕެޓީ ސަރަހައްދުން ބޮމެއް ކަމަށް ޝައްކު ކުރެވޭ ޕެކެޖެއް ފެނިއްޖެ އެވެ.

ކޮލޮމްބޯގައި ހުންނަ ޔޫއެސް އެމްބަސީން ދާދި ދެންމެ ބުނީ މި ޕެކޭޖު ފެނިފައި ވަނީ ކޮލްޕެޓީގެ ރެއިލްރޯޑް ސްޓޭޝަނުން ކަމަށާއި ބޮން ނައްތައިލަން މަސައްކަތްކުރާ ޓީމެއް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސަލާމަތީ ބާރުތަކުން މިހާރު ވަނީ އާންމުން އެ ސަރަހައްދަށް ނުދިއުމަށް އެދިފަ އެވެ.

ޔޫއެސް އެމްބަސީން ކުރި ޓުވީޓުގައި ވަނީ ޝައްކު ކުރެވޭ ފަދަ އެއްވެސް މީހެއް ނުވަތަ އެއްޗެއް ވެސް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށް އެދިފަ އެވެ.

ކޮލްޕެޓީ ސަރަހައްދަކީ ފުރަތަމަ ދުވަހު ބޮން ގޮއްވާލި ސިނަމަން ގްރޭންޑް ހުންނަ ސަރަހައްދެވެ. ސިނަމަން ގްރޭންޑް އަދި އެ ތަނުގައި ހުންނަ ކްރަސްކެޓް ޝޮޕިން ސެންޓަރަކީ ވެސް ވަރަށް ގިނައިން ދިވެހީން ގޮސް އުޅޭ ތަނެކެވެ.

ލަންކާގައި އިއްޔެ ނޫން ކުރީ ދުވަހު އަށް ސަރަހައްދެއްގައި ބޮން ގޮއްވާލި އިރު، މަރުވި މީހުންގެ އަދަދު މިހާރު ވަނީ 300 އިން މައްޗަށް އަރައިފަ އެވެ. އަދި އެ ހާދިސާތަކުގެ ފަހުން ވެސް އެކި ސަރަހައްދުތަކުން ދަނީ ބޮން އަދި ޝައްކު ކުރެވޭ އެއްޗެހިވެސް ފެންނަމުންނެވެ.

ވެހިކަލެއްގެ ތެރެއިން ފެނުނު ބޮމެއް ނައްތައިލަން އުޅުމުގެ ތެރޭގައި އިއްޔެގެ ވަގުތެއްގައި ވަނީ އެ ބޮން ނައްތައިނުލެވި އުޅެނިކޮށް ގޮވައިފަ އެވެ.