މިއަދުން ފެށިގެން ސްރީލަންކާގައި ސްޓޭޓް އޮފް އެމަޖެންސީ އިއުލާނުކޮށްފި އެވެ.
ލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނީ ލަންކާއަށް އިއްޔެ ދިން ބޮމުގެ ހަމަލަތަކާ ގުޅިގެންނެވެ. ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް ލިބިފައިވާ ބާރުގެ ދަށުން މިއަދު ލަންކާގައި ކުއްލި ހާލަތު އިއުލާނު ކުރުމަށް މިއަދު ވަނީ ލަންކާގެ ގެޒެޓްގައި އިއުލާނު އާންމުކޮށްފައެވެ.
މި އިއުލާނުގައިވާ ގޮތުން ލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވަނީ ލަންކާގެ ރައްޔިތުންގެ ރައްކާތެރި ކަމަށެވެ. އަދި ކުއްލި ހާލަތު އިއުލާނުކޮށްފައިވަނީ ގައުމުގެ ހަމަޖެހުން ހިފަހައްޓައި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކަންކަމަށް އުނިކަމެއް ނައިސް އެގޮތުގައި ހިފެހެއްޓުމަށް ކަމަށް މި އިއުލާނުގައި ވެއެވެ.
ސްރީލަންކާގައި މި ދެދުވަހު 9 ބޮމެއް ގޮވާފައިވާއިރު، އެތަނުން އެއް ބޮން ގޮވާފައިވަނީ އެ ބޮން ޑިފިއުޒް ކުރަން އުޅުމުގެ ތެރެއިންނެވެ. އަނެއް އަށް ބޮމަކީވެސް ސްރީލަންކާއަށް ހަމަލާ ދިނުމުގެ ގޮތުން ގޮއްވާލާފައިވާ ބޮންތަކެކެވެ. މި ހާދިސާތަކުގައި 300 އާ ގާތް ކުރާ ވަރަށް މީހުން މަރުވެފައިވާ އިރު، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.