ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އަދިވެސް އެގައުމުގެ އާންމު ހާލަތު ރަނގަޅު ނޫން ކަމަށާއި ކާފިއު ހިންގާފައިވާ ވަގުތުތަކުގައި ބޭރުގައި ނޫޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފި އެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އެމްބަސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ލަންކާގައި މިރޭ 8:00 އިން ފަތިހު 4:00 އާ ހަމައަށް ކާފިއު އިއުލާންކޮށްފައިވާ ކަމަށާއި އެވަގުތުތަކުގައި އެއްވެސް ދިވެއްސަކު ބޭރުގައި އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.
އަދި ކާފިއު ހިންގާފައިވާ ވަގުތުގެ ކުރިން ކޮންމެހެން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ބޭނުންވާ ތަކެތި އެތެރެކޮށްފައި ބެހެއްޓުމަށް ވެސް އޮފިޝަލް އިލްތިމާސްކުރެއްވިއެވެ.
އޭނާ ވިދާޅުވީ ލަންކާގައި ބޮން ގޮއްވުމުގެ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށާއި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ވަރަށް ގާތުން ދިވެހިންގެ ހާލު ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިއްޔެ ދިން ބޮމުގެ ހަމަލާތަކަށް ފަހު މިއަދު މެންދުރު ފަހު ވަނީ ކޮއްޗިކަޑޭ ޗާޗު ކައިރީ އޮތް ވެހިކަލެއްގެ ތެރޭގައި ގޮވާ ޒާތުގެ އެއްްޗެއް އޮތްކަން އެނގިގެން ސެކިއުރިޓީ ފަރާތްތަކުން އެ އެތި ނައްތައިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ނައްތާލުމުގެ ކުރިން ވަނީ ގޮވައިފައެވެ.
އިއްޔެ ލަންކާގައި އަށް ސަރަހައްދެއްގައި ބޮން ގޮއްވާލާފައިވާ އިރު، އެ ހާދިސާ ތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 300 އާ ގާތްކޮށްފަ އެވެ. އަދި ޒަޚަމްވެ ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް އެތައް ސަތޭކައަކަށް އަރަ އެވެ.