ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލައިގައި ވިލާ ކޮލެޖުގެ ވިޒިޓިންގް ލެކްޗަރާ ޝާން ޖަޔަސަކޭރު ޒަހަމްވެ، އޭނާގެ ހާލު ސީރިއަސްވެއްޖެއެވެ.
ލަންކާގެ ޝަންގްރިލާ ހޮޓެލްގައި ބޮމުގެ ހާދިސާ ހިނގިއިރު އޭނާހުރީ އަންހެނުންނާއި އާއިލާއެކު ހެނދުނު ސައިބޯން ގޮސް އެހޮޓަލުގައެވެ.
އެހާދިސާގައި ޝާންގެ އަންހެނުން މަރުވެފައިވާއިރު ޝާން އަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި ހާލު ސީރިއަސް ކަމަށް ވިލާ ކޮލެޖުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.
އޭނާ އަކީ އެ ކޮލެޖުގެ އެކައުންޓިން ފައިނެންސް މެނޭޖްމަންޓް ކިޔަވައި ދެމުންދާ ލެކްޗަރާއެއް ކަމަށް ބުނެފައިވެއެވެ.
ޝާންގެ އަންހެނުންގެ އާއިލާއާ އެކު ސައި ބޯން ތިބެ، ޝަންގެ އަންހެނުން ނިސަންގާ ފޮޓޯއެއް ނަގުމަށްފަހު ކެޕްޝަންގައި "އީސްޓާ ބްރޭކްފާސްޓް ވިތް ފެމެލީ" ޖަހައި ފޭސްބުކްގައި ވަނީ ޕޯސްޓެއް ކޮށްފައެވެ.
އެ ހަމަލާގައި ޝާންގެ މައިދައިތަ، ލަންކާގެ ސެލެބްރިޓީ ޝެފެއްކަމަށްވާ ޝަންތާ މަޔަޑުންނޭ ވެސް ވަނީ މަރުވެފައެވެ.
ލަންކާގެ ޝަންގްރިއްލާ ހޮޓަލަށް ހަމަލާ ދީފައިވަނީ އިއްޔެ ހެނދުނު ގަޑިން 09:00 ހާއިރު އެވެ.
އެންމެ ފަހުގެ މީޑިއާ ރިޕޯޓު ތައް ބުނާ ގޮތުގައި މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290އަށް އަރައިފައެވެ.
އަދި ޒަހަމްވެ ފަރުވާދެމުން އަންނަ މީހުންގެ އަދަދު އެތައް ސަތޭކަ އަކަށް އަރާ ކަމަށް އޮފިޝަލުން ބުނެ އެވެ.