ސްރީލަންކާގެ ޗާޗެއް ކައިރީ މީގެ އިރުކޮޅެއް ކުރީން އެއްޗެއް ގޮވައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ގޮވުމަކީ އާދައިގެ ކުޑަކުޑަ ގޮވުމެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފަހަރު އެއްޗެއް ގޮވާފައި ވަނީ، ވެހިކަލެއްގައި ގޮވާ ޒާތުގެ އެއްްޗެއް އޮތްކަން އެނގިގެން ސެކިއުރިޓީ ފަރާތްތަކުން އެ އެތި ނައްތައިލަން މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ހާދިސާ ހިނގާފައި ވަނީ ލަންކާގެ ކޮއްޗިކަޑޭ ޗާޗު ސަރަހައްދުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިއްޔެ ލަންކާގައި އަށް ސަރަހައްދެއްގައި ބޮން ގޮއްވާލާފައިވާ އިރު، އެ ހާދިސާ ތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 300 އާ ގާތްކޮށްފަ އެވެ. އަދި ޒަޚަމްވެ ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް އެތައް ސަތޭކައަކަށް އަރަ އެވެ.
އިއްޔެ އިން ފެށިގެން ލަންކާގެ ސިފައިންނާއި ފުލުހުން ގުޅިގެން ހިންގަމުން އަންނަ ބަލައި ފާސްކުރުމުގެ ތެރެއިން، ގޮވާ ޒާތުގެ އެއްޗެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އަންނަނީ އިތުރަށް ވެސް ފެންނަމުންނެވެ. އެ ގޮތުން ރޭގެ ވަގުތެއްގައި ވަނީ ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދުން ވެސް އައިއީޑީއެއް ފެނި، ނައްތައިލައިފަ އެވެ.
ލަންކާގައި އިތުރު ހަމަލާތައް ދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމްރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވެސް ވަނީ ބުނެފަ އެވެ.