ސްރީލަންކާ

ލަންކާ ބޮމުގެ ހާދިސާ: މަރުވި އަންހެން ޝެފް ބޮން ގޮއްވުމުގެ އިރުކޮޅެއް ކުރީން އާއިލާއާ އެކު ނަގާފައިވާ އުފާވެރި ފޮޓޯއެއް

މުހައްމަދު އައުޒަމް

2

ސްރީ ލަންކާއަށް އިއްޔެ ދީފައިވާ ޓެރަރިސްޓް ހަމަލާތަކަކީ ފަހުގެ ތާރީހެއްގައި އެގައުމަށް ދީފައިވާ މިފަދަ އެންމެ ނުރައްކާތެރި ހަމަލާތަކެވެ.

އިއްޔެ ވަނީ ދިވެހީން އާންމުކޮށް ތިބޭ ތިން ހޮޓަލެއް ހިމެނޭ ގޮތުން ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި ބޮން ގޮއްވާލައިފައެވެ. އަދިވެސް ލަންކާގެ އެކިސަރަހައްދުތަކުގައި ޓެރަރިސްޓް ހަމަލާ ދީފާނެކަމުގެ ބިރު ވަނީ އުފެދިފައެވެ.

މި ނުރައްކާތެރި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ލަންކާގެ މަޝްހޫރު ސެލެބްރިޓީ ޝެފެއް ހިމެނެއެވެ. ލަންކާގެ ޝަންގްރިއްލާ ހޮޓަލަށް ދިން ހަމަލާގެ ކުޑައިރުކޮޅެއް ކުރިން އެހޮޓަލުގައި ހެނދުނުގެ ނާސްތާގައި ތިބި ސެލެބްރިޓީ ޝެފް ޝަންތާ މަޔަޑުންނޭ އާއި ދަރިކަނބަލުން ނިސަންގާ މަޔަޑުންނެ ވަނީ މަރުވެފައެވެ.

ނިސަންގާ މަޔަޑުންނެގެ ފޭސްބުކް ޕޯސްޓް

ލަންކާގެ ޝަންގްރިއްލާ ހޮޓަލަށް ހަމަލާ ދީފައިވަނީ އިއްޔެ ހެނދުނު ގަޑިން 09:00ހާއިރު އެވެ. ޝަންތާ މަޔަޑުންނޭ އާއިލާއާ އެކު ޝަންގްރިއްލާ ހޮޓަލުގައި ހެނދުނުގެ ނާސްތާ ފެށުމުގެ ކުރީން ވަނީ ސެލްފީ އެއް ނެގުމަށްފަހު ދަރިކަނބަލުން ނިސަންގާ މަޔަޑުންނެގެ ފޭސްބުކަށް އަޕްލޯޑުކޮށްފައެވެ. އަދި ކެޕްޝަންގައި ނިސަންގާ ވަނީ "އީސްޓަރ ބްރޭކްފާސްޓް ވިތް ފެމެލީ" ޖަހައިފައެވެ.

ޝަންތާ މަޔަޑުންނޭ އާއި ދަރިކަނބަލުން ނިސަންގާ މަޔަޑުންނެގެ އިތުރުން އެއާއިލާގެ އިތުރު ދެމެންބަރަކު ވަނީ އިއްޔެގެ ހާދިސާގައި މަރުވެފައެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290އަށް އަރައިފަ އެވެ. އަދި ޒަހަމްވެ ފަރުވާދެމުން އަންނަ މީހުންގެ އަދަދު އެތައް ސަތޭކަ އަކަށް އަރާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟