ލަންކާގެ އެކި ސަރަހައްދުތަކުގައި ބޮން ގޮއްވާލި ހާދިސާތަކުގައި ބައެއް މީހުން އެކަން ކޮށްފައި ވަނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން ޖާނުން ފިދާވެގެން ކަމަށް ބެލެވޭ ކަމަށް ލަންކާގެ ސަރުކާރުގެ އޮފިޝަލުން ބުނެފި އެވެ.
އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް އައި އިރު، މި ހަމަލާތަކުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ވަނީ ޔަގީން ނުކުރެވި އެވެ. އެހެން ނަމަވެސް އިއްޔެއާ ހަމަޔަށް 24 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިތުރު މީހުން ހައްޔަރުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ އިރު، ހައްޔަރުކުރި މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.
ލަންކާގައި އިއްޔެ މި ދިން ހަމަލާތަކުގައި، މަރުވި މީހުންގެ އަދަދު 300އާ ކައިރިވެފައިވާ އިރު، އެ ގައުމުގައި މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާނުކޮށްފަ އެވެ.
ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ވަނީ ކޮންމެހެން ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުމެ، ގޭގައި ތިބެން ދިވެހީންނަށް އިލްތިމާސްކޮށްފަ އެވެ.
އަދި ލަންކާއިން މާލެއަށް އަންނަން އެއާޕޯޓަށް ދަތުރުކުރާ ދިވެހީން އެއާޕޯޓަށް ދާއިރު، ޕާސްޕޯޓާއި ޓިކެޓް ފަސޭހައިން ފެންނާނެ ގޮތަށް އަތްމަތީގައި ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ލަންކާގެ މައި އެއާޕޯޓް، ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދާ ދަތުރުވެރީން މަދުވެގެން ހަތަރުގަޑި އިރު ކުރީން އެއާޕޯޓަށް ދާން އެ އެއާޕޯޓުންވެސް ވަނީ އަންގައިފަ އެވެ. އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ވަނީ ވަރަށް ބޮޑުތަން ވަރުގަދަކޮށްފަ އެވެ.