މިއަދުގެ ވަގުތެއްގައި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ބައެއް ހޮޓާ ތަކަށާއި އަދި އެ ގައުމުގެ އެކި ސަރަހައްދުތަކުގައިވާ އަޅުކަންކުރާ ތަންތަނަށް ދީފައިވާ ބޮމުގެ ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން އެކަން ކުށްވެރިކޮށް މިއަދު ނެރުނު ބަޔާނުގައި ބުނީ، އެހަމަލާގައި މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން މަރުވެ، އަދި 400 އަށް ވުރެ ގިނަ މީހުނަށް އަނިޔާ ވެފައިވާކަމަށެވެ.
އެ ހަމަލާދީފައިވަނީ ގިނަ އަދަދެއްގެ ޓޫރިސްޓުން ތިބޭ ކޮލޮމްބޯގެ މަޝްހޫރު ތިން ހޮޓަލަކަށް ކަމަށްވެފައި އަދި މިއަދަކީ ކްރިސްޓިއަނުން ފާހަގަކުރާ އީސްޓަރ ސަންޑޭ ކަމަށްވެފައި ގިނަ އަދަދެއްގެ ކްރިސްޓިއަނުން އަޅުކަންކުރަމުން ގެންދިޔަ ވަގުތެއްގައި އަޅުކަންކުރާ އެ ތަންތަނަށް ދިން ހަމަލާއަކީ ރޭވިގެން ހިންގާފައިވާ ލާއިންސާނީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ދެކޭ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި އަޅުކަންކުރާ ތަންތަނަށް ހަމަލާދީ، އިންސާނިއްޔަތާ ހިލާފު އެފަދަ އަމަލުތައް ހިންގުމުގެ ނަތީޖާއަކަށްވާނީ މުޖްތަމައުގެ އެއްބައެއްގެ މެދުގައި އަނެއް ބަޔަކާމެދު ނަފްރަތާއި ރުޅިވެރިކަން އުފެދި ސުލްހަމަސަލަސްކަން ގެއްލި ދިއުން ކަމަށާއި މިއީ އަދި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަށް ބުރޫއެރުން ކަމަށް ބަޔާނުގައި ވެއެވެ.
ސްރީލަންކާއަކީ ދިވެހިން އާންމުކޮށް ޒިޔާރަތްކުރާ އަވައްޓެރި ގައުމަކަށްވެފައި، ސްރީލަންކާގެ ރައްޔިތުންނަކީ ދިވެހީންނާ އެހާމެ ގާތް ގުޅުމެއް އަބަދުވެސް އޮންނަ ގައުމަކަށް ވުމުން، އެޤައުމަށާއި ރައްޔިތުންނަށް ލިބިފައިއެވާ ފުން ހިތާމައިގައި ބައިވެރިވެ، އެމްޑީޕީ އޮތީ ލަންކާގެ އެރައްޔިތުންނާއެކުގައި ކަމަށް ބުނެފައިވެއެވެ.
އަދި އެގައުމަށް ދިމާވެފައިވާ މި ހިތާމަވެރި ހާލަތުން އަރައިގަތުމަށް އެމްޑީޕީން ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ލަންކާގެ ރައްޔިތުންނާއި ސަރުކާރަށް ވެދޭނެ ކަމުގައި ފުރިހަމަ ޔަގީންކަން އެމްޑީޕީން ވަނީ ދީފައެވެ.
ނާތަހުޒީބު ދަށުދަރަޖައިގެ ފިނޑި އެ އަމަލަކީ، ކޮންމެ ބަޔަކު ކޮންމެ ކޮންމެ މަގްސަދެއްހާސިލުކުރުމަށް ހިންގި އަމަލެއް ކަމުގައި ވިޔަސް، އެ އަމަލަކީ އެއްވެސް ހާލަތެއްގައި ބަލައިގަންނާނޭ އަމަލެއް ނޫންކަމަށް އެމްޑީޕީން ބުންޏެވެ.
ލަންކާއަށް މިއަދު ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ބައިނަލް އަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި 450 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.