ސްރީލަންކާ

ލަންކާއިން ފުރަންދާ ދިވެހިން ފުލުހުން ދޫކުރާ ލިޔުން ހިފައިގެން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

ސްރީލަންކާގައި ތިބި ދިވެހިން އެގައުމުން ފުރަން ބޭނުންވާނަމަ އެންމެ ކައިރީގައި ހުރި ފުލުހުންގެ އިދާރާއަކުން ދޫކުރާ ލިޔުމެއް ހިފައިގެން އެއާޕޯޓަށް ދިއުމަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ދިވެހި ހައިކޮމިޝަނުން ބުނީ ފުރާ ދިވެހިން އެންމެ ކައިރީގައިވާ ފުލުހުންގެ އިދާރާއަށް ގޮސް ޕާސްޕޯޓް ދެއްކުމުން ލިޔުމެއް ދޭނެ ކަމަށެވެ. އަދި އެލިޔުން ހިފައިގެން ގޮސް އެއާޕޯޓުގެ ކަމާބެހޭ ފަރާތަަށް ހުށަހެޅުމުން އެމީހަކަށް ފުރައިގެން ދެވޭނެ ކަމަށް ބުނެފައިވެއެވެ.

ލަންކާގެ ކޮލަމްބޯގައި މިއަދު ދެމުންދާ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އަދި އެ ހަމަލާތަކާ ގުޅިގެން ދިވެހި ހައިކޮމިޝަނުން ވަނީ ދިވެހިން ބޭރަށް ނުކުމެ ނޫޅުމަށްވެސް އިލްތިމާސްކޮށްފައެވެ.

ލަންކާގައި ދެމުންދާ ޓެރަރިސްޓް ހަމަލާތަކުގައި މިހާތަނަށް އަށް ތަނަކަށް ހަމަލާދީފައިވެއެވެ. މަރުވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު 600 އަށްވުރެ ގިނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.

ނަމަވެސް މިހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއްވި ކަމެއް މިހާ ތަނަށް އައި އިރު ޔަގީން އެނގިފައެއް ނުވެ އެވެ. ހަމަލާތައް ދީފައިވާ ހޮޓާތަކަށް ބަލާއިރު ދިވެހިން އާންމުކޮށް ގޮސް ތިބޭ ހޮޓާތައްވެސް ހިމެނެއެވެ.

ދިވެހި އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ހާލުވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ އެ އެމްބަސީގެ 94727277072، 9476608660 އަދި 94764189900 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެދޭކަމަށެވެ.

ލަންކާގައި މިއަދު ދިން ހަމަލާތައް އަމާޒުކޮށްފައިވަނީީ ޗާޗުތަކަށާއި ހޮޓާތަކަށެވެ. މިއަދު ހަމަލާތަކުގެ ތެރެއިން ތިން ހަމަލާއެއް އަމާޒު ކޮށްފައިވަނީ ނަސޯރާ ދީނުގެ މީހުން އަޅުކަންކުރާ ފައްޅިތަކަށެވެ.

މިއަދަކީ ނަސޯރާއިން ފާހަގަކުރާ "އީސްޓާ" ކިޔާ ފެސްޓިވަލެއް ފާހަގަކުރަމުންދާ ދުވަހެކެވެ. ހަމަލާ ދީފައިވާ ހޮޓާތަކަކީ، ސިނަމޮން ގްރޭންޑް، ކިންގްސް ބުރީ އަދި ޝަންގްރިއްލާ ހޮޓަލެވެ. މީގެ އިތުރުން ދެހިވެލާއާއި، ޑެމަޓަގޮޑާގައިވެސް ވަނީ ހަމަލާތަކެއް ދީފަައެވެ. ލަންކާގައި އަށް ވަނަ ހަމަލާ ދީފައިވަނީ ޑެމަޓަގޮޑާ އަށެވެ. މިއީ ބަންޑާރަނަޔަކަ އެއާޕޯޓަށް ދާން އޮންނަ މަގު ހިމެނޭ ސަރަހައްދެކެވެ.