ސްރީލަންކާ

ލަންކާއަށް ދިން ބޮމުގެ ހަމަލާތައް ރާއްޖޭގެ ކުރީގެ ރައީސުން ކުށްވެރިކުރައްވައިފި

ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ޒަހަމްވުމާއި ގުޅިގެން އެ ހަމަލާތައް ރާއްޖޭގެ ކުރީގެ ރައީސުން ކުށްވެރި ކުރައްވައިފިއެވެ.

މިކަން ކުށްވެރިކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓުގައި ލަންކާގައި މިއަދު ހެނދުނު ދިން ބޮމުގެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ސިފަކުރައްވައި އެ އަމަލު އެމަނިކުފާނުގެ ފަރާތުންނާއި އެމްއާރުއެމްގެ ފަރާތުން ހަރުކަށި އިބާރާތުން ވަނީ ކުށްވެރި ކުރައްވައިފައެވެ.

އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓުގައި ލަންކާގެ ބޮމުގެ ހަމަލާ ކުށްވެރިކުރައްވައި އެއްވެސް ޖަމާއަތަކުން އެފަދަ ހަމަލާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ވެސް ލަންކާގައި ދިން ބޮމުގެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައިވެއެވެ. ރައީސް ޑރ. ވަހީދު ވިދާޅުވީ ޗާޗުތަކަށާއި ހޮޓާތަކަށް އަމާޒުކޮށް، މިއަދު ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

މީގެއިތުރުން ރައީސް ޔާމީން ވެސް ވަނީ ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާ ކުށްވެރިކުރައްވައިފައެވެ. ރައީސް ޔާމީން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާއަކީ މުޅި ދުނިޔެއަށް ސިހުން ގެނުވި ހަމަލާއެއް ކަމަށާއި މިއީ ބަޔަކުދިން ޓެރަރިސްޓް އަދި ފިނޑި އަމަލެއް ކަމަށެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން ވެސް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ފައިސަލް ނަސީމު އެހަމަލާ ކުށްވެރިކުރެއްވި އިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ލަންކާގައި ދިން ބޮމުގެ ހަމަލާތައް ކުށްވެރިކުރައްވައިފައެވެ.

ލަންކާގައި މިއަދު ދިން ހަމަލާތައް އަމާޒުކޮށްފައިވަނީީ ޗާޗުތަކަށާ ހޮޓާތަކަށެވެ.

މިއަދަކީ ނަސޯރާއިން ފާހަގަކުރާ "އީސްޓާ" ކިޔާ ފެސްޓިވަލެއް ފާހަގަކުރަމުންއަންނަ ދުވަހެކެވެ. ހަމަލާ ދީފައިވާ ހޮޓާތަކަކީ، ސިނަމޮން ގްރޭންޑް، ކިންގްސް ބަރީ އަދި ޝަންގްރިއްލާ ހޮޓަލެވެ. މީގެ އިތުރުން ދެހިވަލާއާއި، ޑެމަޓަގޮޑާގައިވެސް ވަނީ ހަމަލާތަކެއް ދީފަައެވެ. ލަންކާގައި 8 ވަނަ ބޮމުގެ ހަމަލާ ދީފައިވަނީ ޑެމަޓަގޮޑާ އަށެވެ. މިއީ ބަންޑާރަނަޔަކަ އެއާޕޯޓާ ކައިރި ސަރަހައްދެކެވެ.

މިހަމަލާތަކުގައި 180 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 400 އަށްވުރެ ގިނަވާނެ ކަމަށް ބައިނަލްއަގްވާމީ މީޑިއާތައް ބުނެއެވެ.