އަބްދުﷲ އަމީން

ކުރެވޭ ތުހުމަތުތަކަށް ރައީސް ޔާމީން ޖަވާބުދާރީވާން ޖެހޭނެ: އަމީން

މުހައްމަދު އައުޒަމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެމަނިކުފާނު ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ރައީސް ޔާމީނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ފުރުސަތު ދެވިގެންނުވާނެ ކަމަށާއި އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުން ކަމަށެވެ.

އަމީން ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ވަނީ ނިމިފައި ކަމަށާއި ސިޔާސީ ގޮތުން ޚިދުމަތްކުރުމުގެ ފުރުސަތެއް އެމަނިކުފާނަށް ދެން ނެތް ކަމަށެވެ. އަދި ދެން އޮތީ އެމަނިކުފާނު "ރައްޔިތުންނަށްވީ ޚިޔާނާތާއި ރައްޔިތުންނަށްވީ އަނިޔާ އާއި ގައުމަށްވީ ބޭވަފާގެ މައްޗަށް ކަންކަން ނިންމުން" ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އެކަން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުށެއްގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމަށް މަސައްކަތް ކުރަންވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ނިމިގެންމިދާ ފަސް އަހަރުގެ ތެރޭގައި ފެނިގެންދިޔައީ އިންސާފުގެ ނަމުގައި މީހުންނަށް އަނިޔާކުރުމާއި ސިޔާސީ ވާދަވެރިން ޖަލަށްލި މަންޒަރު ކަމަށް އަމީން ވިދާޅުވިއެވެ.

"އެހެންވީމަ އެކަންކަން ތަކުރާރުނުވާނެ ގޮތަކަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ ވައުދު. އަޅުގަނޑުމެންްގެ އުންމީދު ރައްޔިތުންގެ އަމާނާތް. އެހެންވީމަ އެމަގުން ކަންކުރާނެކަމާ މެދު ޝައްކުކުރުމެއް އަޅުގަނޑުމެންނަކަށް ނެތް،" އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ބޭފުޅުންނާ ދެކޮޅަށް ކުރެވުނު ޝަރީއަތްތަކަކީ އެމަނިކުފާނުގެ ވާދަވެރިން ނައްތާލުމަށް ކުރި ކަންތައްތަކެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. ނަމަވެސް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ޝަރުއީ މަރުހަލާ އިން ކަންކަން ނިމިގެންދާނީ އިންސާފުން ކަމަށް އަމީން ވިދާޅުވިއެވެ.

ކޯލިޝަނެއްގެ ތެރެއިން އުފެދިގެންދާ ވެރިކަން ބަދަހިކަމާއެކު ކުރިއަށްދާނެ ކަމަށާއި އިންތިޚާބީ ރައީސަކީ އެކަން ކުރުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދިމަވާ މައްސަލަތަކާއި ދިމާވާ ޚިޔާލުތަފާތުވުންތައް ހައްލުކުރުމުގެ ތަޖުރިބާ އާއި ހައްލުކުރުމުގެ ވިސްނުމުގެ ތެރެއިން މީތި ކުރިއަށް މިދަނީ. އިންތިޚާބުކުރެވިފައިވާ އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަޖުރިބާއަށް ބަލާލުމުންވެސް އެނގިގެންދޭ. ރައްޔިތުންގެ މަޖިލީހުގަ ހޭދަކުރައްވާފައިވާ ތަޖުރިބާގެ ވަރަށް ބޮޑު ބަޔަކީ ސިޔާސީ އެކި ފިކުރުތަކާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ. އެހެންވީމަ އެމަނިކުފާނުގެ ސިޔާސީ ތަޖުރިބާއަކީ ވެސް އުންމީދީ ތަޖުރިބާއެއް. އެ ތަޖުރިބާއިން ކޯލިޝަން ދެމެހެއްޓުމާއި ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ހުންނާނެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ،" އަމީން ވިދާޅުވިއެވެ.