ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ހަރަދުތައް ކުޑަކުރަން އަންގައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބޮޑެތި ބަލިތަަކަށް ދުރާލާ ތައްޔާރުވުމަށް ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ހަރަދުތައް ކުޑަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން އެކަން އަންގައި ސާކިއުލާއެއް ނެރެފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވިދާޅުވި ގޮތުގައި، ރައީސް ސޯލިހު އެފަދަ ނިންމެވުން ނިންމާފައިވަނީ ދުރާލާ ކޮރޯނާ ވައިރަސް ފަދަ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. އަދި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ދިވެހި ސަރުކާރުން އަޅަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މި ގައުމަށް އާމްދަނީ ވަންނަ އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް. އެހެންކަމުން އެ ސިނާއަތަށް ލިބޭ ލޮޅުމަކީ އެހެން ރައްޔިތުންނަށް ވެސް ލިބޭނެ ލޮޅުމެއް. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ މި ޑިސިޝަނަކީ އެންމެ ފުރަތަމަ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އެއަށްފަހު އިގްތިސާދީ ގޮތުން ވެސް ހަރަދުކުޑަކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން މިހާރު ވެސް އަންނަނީ އައިސޮލޭޝަން ފެސިލީޓަތައް ގާއިމުކޮށް، ވައިރަސް ފެތުރިގެން ހިނގައިދާނެ ހާލަތަކަށް ވެސް ތައްޔާރުވަމުންނެވެ. އަދި މިރޭ 00:00 ފަހުން ޗައިނާގެ މެއިންލޭންޑުން ރާއްޖެ އަންނަ އެއްވެސް ގައުމެއްގެ މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވާއިރު، ޗައިނާއިން ސީދާ ރާއްޖެއަށް އަންނަ ފްލައިޓުތައް ވެސް ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފައެވެ.
މިހާތަނަށް ވެސް ފަރުވާއެއް ހޯދިފައި ނެތް ކޮރޯނާ ވައިރަސް ޗައިނާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރެމުންދާއިރު، އެބަލީގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 14000 އަށްވުރެ ގިނަ މީހުންނަށް އެބަލި ޖެހިފައިވާއިރު ޗައިނާއިން ބޭރުން 140 އަށްވުރެ ގިނަ މީހުންގެ ގައިން އެ ވައިރަސް ވަނީ ފެނިފައެވެ.