ޚަބަރު

އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް ލެބޯޓްރީގެ ހިދުމަތް ދޭން ފަށާނަން: މިނިސްޓަރު އަމީން

މަރިޔަމް ޝަހުދާ

ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ލެބޯޓްރީ ސާވިސްގެ ހިދުމަތްދޭން ފަށާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ހުރިހާ ރަށެއްގައި މޯބައިލް ލެބޯޓްރީގެ ހިދުމަތް ދިނުން އިފްތިތާހު ކުރުމަށް އެ އަތޮޅު ކުނަހަންދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޑޮކްޓަރީ ބޭސްފަރުވާގެ ހިދުމަތް ދޭތާ 50 އަހަރު ވެގެންދިޔައިރު، ރާއްޖޭގެ ހުރިހާ ރަށަކަށް ޑޮކްޓަރީ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދީފައިވާކަމީ ކާމިޔާބެއް ކަމަށެވެ.

ނަމަވެސް 50 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 200 ސިއްހީ ފަރުވާދޭ މަރުކަޒުތައް ގާއިމްވެފައިވާއިރު، އެތަންތަނުގެ ތެރެއިން އެންމެ 90 ތަނުން ލެބޯޓްރީގެ ހިދުމަތް ލިބުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިއަދު ފެށި މޯބައިލް ލެބޯޓްރީގެ ހިދުމަތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ލެބޯޓްރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުމާ އެއްގޮތަށް ފެށި މަސައްކަތެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

''އާންމުގޮތެއްގައި ލެބޯޓްރީއެއް ގާއިމް ކުރުމަށްކުރާ ހޭދައަކީ ހަތަރު މިލިއަނެއްހާ ރުފިޔާ. އެއީ އެންމެ އާދައިގެ ފެންވަރުގެ ލެބޯޓްރީއެއް ގާއިމް ކުރުމަށް. ލެބޯޓްރީ ގާއިމްކުރުމުގެ ކަންތަކާ ދޭތެރޭގައި ވިސްނުންތަކެއް ގެންނަންޖެހޭ ކަމަށް ރައީސްއަށް ގަބޫލު ކުރެއްވުނީ. 50 އަހަރުތެރޭ 90 ތަނުގައި ލެބޯޓްރީ ގާއިމްކުރެވުނީމަ އެއީ އެކަށީގެންވާ މުއްދަތެއް ނޫން. ރައީސްގެ ވައުދުފުޅަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ލެބޯޓްރީގެ ހިދުމަތްތައް ފޯރުކޮށްދިނުން.'' މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހެލްތް މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ރައީސްގެ ވައުދު ފުއްދައިދީ، ރާއްޖޭގެ ހުރިހާ ރަށަކަށް ލެބޯޓްރީ ސާވިސްގެ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. އަދި ލ. އަތޮޅުގައި މިއަދު ފެށި މޯބައިލް ލެބޯޓްރީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، މި ހިދުމަތަކީ ރާއްޖޭގެ އާންމުންގެ އާންމު ސިއްހަތައް އެޅުނު މުހިއްމު ފިޔަވަޅެއްކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.

ލ އަތޮޅުގައި ތައާރަފްކުރި މި ހިދުމަތާއެކު އެ އަތޮޅުގެ ކޮންމެ ރަށަކުން ވެސް ކުރިން ނުލިބޭ ފަސޭހަކަމާއެކު ލެބޯޓްރީ ހިދުމަތް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ލެބޯޓްރީ ހިދުމަތް ހޯދުމަށް ކުރިން އެކި ރަށްރަށަށް ކުރަން ޖެހޭ ދަތުރުތަކަށް މި ހިދުމަތާއެކު ނިމުމެއް އަންނާނެއެވެ.