ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ފަރުވާ ދޭއިރު ބަލި މީހުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވައިފި

ފަތޯނާ ފާއިޒު

ބަލި މީހުންނަށް ފަރުވާ ދިނުމުގައި "ޕޭޝަންޓް ސޭފްޓީ" ނުވަތަ ބަލި މީހާގެ ރައްކާތެރިކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފިއެވެ.

ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް ނުވަތަ ރައްކާތެރި ސިއްހީ ހިދުމަތެއް ގާއިމު ކުރުމުގެ ފްރޭމްވޯކް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، ތަފާސް ހިސާބުތަކަށް ބަލާއިރު، ބަލި މީހުންނަށް ދެވޭ ސިއްހީ ހިދުމަތްތަކުގައި ފަރުވާ ކުޑަކުރެވިގެން ދެ މިލިއަނަށްވުރެ ގިނަ މީހުން ކޮންމެ އަހަރަކު މަރުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކިޑްނީގެ ބަލިތަކާއި، އެޗްއައިވީ އަދި އެއިޑްސް ބަލީގައި ކޮންމެ އަހަރަކު މިލިއަނެއްހާ މީހުން މަރުވާއިރު، ސިއްހީ ހިދުމަތް ނުވަތަ ބޭސްފަރުވާގެ ހިދުމަތް ދޭއިރު، ބަލަންވާ ކަންކަމަށް ނުބެލިގެން މާގިނަ މީހުން މަރުވާ ކަމަށެވެ.

"އެހެންނަމަވެސް، ބޭސްވެރިކަން ފޯރުކޮށް، ހިދުމަތް ދިނުމުގައި، ދޭންޖެހޭ ރައްކާތެރިކަމާއި، ފަރުވާތެރިވުމާއި، އަދި ބަލަންޖެހޭ މިންގަނޑުތަކަށް ނުބެލުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު 2.6 މިލިއަންގައި މިއުޅެނީ." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހަތަރު އަހަރުވަންދެން ކުރި، ފުރަތަމަ ބޮޑު ހަނގުރާމައިގައިވެސް މަރުވީ 16 މިލިއަން މީހުން ކަމަށާއި، އެއީ އަހަރަކަށް ބަލާނަމަ، ހަތަރު މިލިއަން މީހުން ކަމަށެވެ. އަދި އެއަށްވުރެ ގިނަ މީހުން ބޭސްވެރިކަމުގައި ފަރުވާ ކުޑަކުރެވިގެން މަރުވާ ކަމަށެވެ.

"ބައްޔަށް ފަރުވާ ދިނުމުގައި ރައްކާތެރިވުމުގެ މުހިންމުކަން މިކަމުން އެނގޭ. ސިއްހީ ހިދުމަތްދޭ އެންމެންވެސް އެކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްް ކަމުގައި ދެކެން" މިނިސްޓަރު ވިދާޅުވިއެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ، ވަރަށް ގިނަ ދިރާސާތަކެއް ކުރެވި، ވަރަށް ގިނަ ވިސްނުންތަކެއްގެ މައްޗަށް ބިނާ ވެގެން، އިންތިޒާމު ކުރެވިފައިވާ ހިދުމަތްތަކެއް ކަމުގައި ހެލްތު މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާތަނަށް، ޕޭޝަންޓް ސޭފްޓީއަށް ނުވަތަ ބަލި މީހުންގެ ރައްކާތެރިކަމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ދުނިޔޭގެ ފެންވަރުގައިވެސް އަދި އެކި ގައުމުތަކުގަޔާއި، ރާއްޖޭގައިވެސް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރުމަހުގެ 17 ވަނަ ދުވަސް، ޕޭޝަންޓް ސޭފްޓީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމުމަކީ، ފުރިހަމަ ބޭސްވެރިކަމުގެ އާ ޒަމާނަކަށް ދުނިޔެ ގެންދަން ޑަބްލިޔުއެޗްއޯއިން ފެށި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެ ފިޔަވަޅުގައި ރާއްޖެއިންވެސް ބައިވެރިވެ، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތުގައި، އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.