މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން 10 ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ވަނީ އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އިއުލާންކޮށްފައެވެ. ކެންޑިޑޭޓުން އިއުލާންކުރި އިރު، އެ ޕާޓީން މަޖިލިސް ޕްރައިމަރީއެއް ބާއްވައިފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 381 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
"ޖުމުލަ 381 ފޯމު ވަނީ ހުށަހަޅާފައި. މިއަދު ހުށަހެޅި 86 ފޯމު،" ހަބީބު ވިދާޅުވިއެވެ.
އޭގެ ތެރެއިން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީން ބާތިލުކުރާނެއެވެ. އެހެންކަމުން އެ އަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ.
މިއަހަރުގެ މަޖިލިސް އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވަން އީސީން މީގެ ކުރިން ނިންމާފައިވީ ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް އެމްޑީޕީން ހުށަހަޅައިގެން މި ފަހުން މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.