ސާޕް ސުޒުކީ ކަޕް ރާއްޖެ އަށް ކާމިޔާބު ކޮށްދިން ޤައުމީ ޓީމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަ ލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެ ފައިސާ ޓީމާ ހަވާލު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ. ފައިސާގެ އިތުރުން ގައުމީ ޓީމުގެ ފޮޓޯ އާއި ނަން ޖަހައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ މާސްޓާ ރިލޯޑަބަލް ކާޑެއްވެސް ވަނީ ކޮންމެ ކުޅުން ތެރިޔަކަށް ބީއެމްއެލްގެ ފަރާތުން ހަދިޔާކޮށްފައެވެ.
ޤައުމީ ޓީމުން ވަނީ މި ފައިސާ ކުޅުންތެރިންނާ އޮފިޝަލަނުންނަށް ހަމަހަމަ އަށް ބެހުމަށް ނިންމާފައެވެ.
ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމު ރާއްޖެ އައުމަށްފަހު، ސަރުކާރުންނާއި އެފްއޭއެމުން ދޭން ބުނެފައިވާ ބޯނަސް އާއި ފާއިތުވި ތިން މަހުގެ މުސާރު ނުލިބޭތީ ޓީމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެންކަމުން ޓީމް އެހާބޮޑަށް ޑީމޯޓިވޭޓް ވެފައިވާ ދަނޑިވަޅެއްގައި ބީއެމްއެލް އިން މި ދިން ހަދިޔާ އަށް ޒުވާން ޓީމް ޝުކުރު އަދާކުރިއެވެ.
ބީއެމްއެލް އަކީ މިދިޔަ އަހަރުން ފެށިގެން ގައުމީ ޓީމްގެ މެއިން ސްޕޮންސަރެވެ.