ޚަބަރު

ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. އަތޮޅުގެ ހަތް ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގާއިމުކޮށް، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށައިފިއެވެ.

މިއަދު އަލަށް ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފެށުނު ހއ. އަތޮޅުގެ ރަށްތަކަކީ އުތީމު، ތުރާކުނު، އުލިގަމު، މުޅަދޫ، މާރަންދޫ، ތަކަންދޫ އަދި މުރައިދޫއެވެ.

އެ އާ އޭޓީއެމްތަކުގެ ހިދުމަތް ފެށުމަށް މިއަދު އެ ރަށްތަކުގައި ބޭއްވުނު ރަސްމިއްޔާތުތަކުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ޗެއާޕާސަން އަދި ޗީފް ބިޒްނަސް އޮފިސަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ހއ. އަތޮޅުގައި އޭޓީއެމްތައް ގާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ ދަތުރުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. ދިރިއުޅޭ ރަށުގައި 24 ގަޑިއިރު އަސާސީ ބޭންކިން ހިދުމަތްތައް ލިބޭނެ ވަސީލަތް ގާއިމުވުމާއެކު ހއ. އަތޮޅުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް، މިއަދަކީ އިންގިލާބީ ބަދަލެއް ގެނުވާނެ ދުވަހެއް،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ ހއ. އަތޮޅުގައި ގާއިމުކުރެވުނު އޭޓީއެމްތަކުގެ ހިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި އެ ބޭންކުން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށެވެ.