މިދިޔަ އަހަރުގެ ކާމިޔާބު މާލީ ނަތީޖާއާއެކު ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމުލަ 296 މިލިއަން ރުފިޔާގެ އަދަދެއް ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
މިއީ މިހާތަނަށް ބީއެމްއެލުން ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.
ބީއެމްއެލުން މިއަދު ބުނީ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ހަރުދަނާ ކުރިއެރުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވާ ކަމަށެވެ.
ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ވަނީ ގާނޫނުން ލާޒިމުކުރާ ވަރަށްވުރެ މަތީ ނިސްބަތެއްގައި ހިފެހެއްޓިފައި ކަމަށާއި އެގޮތުން ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯގެ ނިސްބަތް ހުރީ 58 ޕަސަންޓުގައި ކަމަށެވެ. އަދި ދިވެހި ރުފިޔާ އާއި ޑޮލަރުގެ ލިކިއުޑިޓީވެސް ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ 2024 ވަނަ އަހަރު އެ ބޭންކުން 21،000 އަށްވުރެ ގިނަ އާ ކަސްޓަމަރުންނަށް މަރުހަބާ ކިޔާފައިވާ އިރު، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭންކަށް ކުރާ އިތުބާރު ދައްކުވައިދޭ ހެއްކެއް ކަމަށެވެ. އޭގެ އިތުރުން ބޭންކުން ވަނީ މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށް، ރާއްޖޭގެ އިގުތިސާދީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ބޭންކުން އަދާ ކުރަމުންދާ ދައުރު އިތުރަށް ފުޅާކޮށްފައި ކަމަށް ބީއެމްއެލުން ބުންޏެވެ.
އެ ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރު މިފަދަ ކާމިޔާބީ ނަތީޖާއެއް ހާސިލުކުރެވުމުން ފަހުރުވެރިވާ ކަމަށާއި އެ ނަތީޖާ ހޯދުނީ ބޭންކުގެ ސްޓްރެޓެޖީގެ ހަރުދަނާކަމާއި މުވައްޒަފުންގެ މިންނެތް މަސައްކަތުން ކަމަށެވެ.
"މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދުން ދޭހަކޮށްދެނީ ހަރުދަނާ މާލީ ބިންގަލެއް ދަމަހައްޓައިގެން ހިއްސާދާރުންނަށް ފައިދާ ދިނުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލުން އިތުރަށް ބުނީ އެ ބޭންކުގެ ފައިދާއިން 25 ޕަސަންޓުގެ ޓެކުހެއް ދައްކައި، ވާދަވެރިކަން ބޮޑު މާހައުލެއްގައި، ރަނގަޅު މާލީ ނަތީޖާއެއް ހޯދައި ހިއްސާގެ ފައިދާއަށް ބޮޑު އަދަދެއް ދިނުމަށް ނިންމުމުން ބޭންކުގެ ހިންގުން ހަރުދަނާކަން ދައްކުވައިދޭ ކަމަށެވެ.
ވަރުގަދަ ބިންގަލަކާއި ސާބިތު ސްޓްރެޓެޖީއަކާއެކު ބީއެމްއެލުން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.