ޚަބަރު

ބީއެމްއެލުން ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. އަތޮޅަށް ގެސްޓްހައުސް ފައިނޭންސިން ޕްރޮޑަކްޓް ތައާރަފުކޮށްފިއެވެ.

ގެސްޓްހައުސް ފައިނޭންސިން ތައާރަފުކުރުމަށް މިއަދު މެންދުރުފަހު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ޗެއާޕާސަން އަދި ޗީފް ބިޒްނަސް އޮފިސަރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ހއ. އަތޮޅުގައި ގެސްޓްހައުސް ފައިނޭންސިން ތައާރަފުކުރުމަކީ އިގުތިސާދީ ކުރިއެރުން އިތުރުކޮށް، ދިވެހިން ހިންގާ ވިޔަފާރިތަކަށް ބާރުވެރިކަން ހޯދައިދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ.

"މާލީ ހައްލުތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެންގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށާއި، އާ ފުރުސަތުތައް އުފެއްދުމަށާއި، މި އަތޮޅުގައި ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް ވިޔަފާރިވެރިންނަށް އެހީތެރިވުން،" ޝަރީފް ވިދާޅުވިއެވެ.

ދާދި ފަހުން ބީއެމްއެލުން ވަނީ ގެސްޓްހައުސް ފައިނޭންސިން ޕްރޮޑަކްޓު އިތުރަށް ފުރިހަމަކޮށް ގިނަ ބަޔަކަށް ފައިނޭންސްއަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖައްސާފައިވެއެވެ.

ބީއެމްއެލުން މިއަދު ވަނީ ހއ. އަތޮޅުގެ ހަތް ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ގާއިމުކޮށް، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށައިފިއެވެ.

ބީއެމްއެލުން ބުނީ ހއ. އަތޮޅުގައި ގާއިމުކުރެވުނު އޭޓީއެމްތަކުގެ ހިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި އެ ބޭންކުން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށެވެ.