ދިވެހި ޕްރިމިއާ ލީގު

ފަހަތުން އަރާ ގްރީން ސްޓްރީޓްސް އިން ނިއުރޭޑިއަންޓާ އެއްވަރުކޮށްފި

ފަހަތުން އަރާ ދެ ގޯލު ކާމިޔާބުކޮށް، ކްލަބް ގްރީން ސްޓްރީޓްސް އިން ނިއުރޭޑިއަންޓް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމުކުޅުނު ފަހުމެޗުގައި ރޭ، ނިއުރޭޑިއަންޓް ދެ ލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް ގްރީން ސްޓްރީޓްސް އިން ވަނީ ދެވަނަ ހާފުގެ ފަހު ދިހަ މިނެޓުގައި ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ 2-2 އިން އެއްވަރުކޮށްފައެވެ.

މި ނަތީޖާއާއެކު، ނިއުރޭޑިއަންޓް އޮތީ ޓޭބަލްގެ ހަތަރު ވަނައިގައި 18 ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން ހަތަރު ގޯލުގެ ތަފާތުން މޮޅުވެ ޓޭބަލްގެ ދެވަނައަށް އެރުމުގެ ފުރުޞަތު ނިއުރޭޑިއަންޓަށް އޮތެވެ. ނަމަވެސް، މެޗުން އެއްވަރުވުމުން ޓޭބަލްގެ ދެވަނަ ލިބެނީ އިއްޔެ ހަވީރު ނިލަންދޫގެ މައްޗަށް 2-7 ގެ ނަތީޖާއަކުން ކުރި ހޯދި ކްލަބް އީގަލްސް އަށެވެ. އެޓީމު ދެވަނައިގައި 20 ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި 19 ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނިއުރޭޑިއަންޓުން ވަނީ ދެލަނޑު ޖަހާ ހަމަޖެހިލާފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި އޭގެ ކުޑައިއިރުކޮޅެއް ފަހުން ސެންޓޭ ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލީޑު ފުޅާކޮށްފައެވެ. މިއީ ގްރީންގެ ޑިފެންޑަރު މުޙައްމަދު ސާއިފު ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭގެ ޖާޒީގައި ހިފެހެއްޓުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގައި ނިއުރޭޑިއަންޓަށް ތިންވަނަ ލަނޑެއްޖަހަން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ހަމްޒާ މުޙައްމަދު (ހަމްޕު) އަށެވެ. ގްރީންގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ގްރީން އަށް އެޓީމުގެ ފުރަތަމ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަވީލާއެވެ. ގްރީން އިން އުފެއްދި ކައުންޓާ އެޓޭކެއްގައި އަވީލާ ވަނީ މުޅިން ހުސްކޮށްއަރާ ނިއުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. އަދި އޭގެ ދެމިނެޓުފަހުން، ގްރީން އަށް ލިބުނު ހިލޭޖެހުމެއް އަވީލާ ވަނީ އަވަހަށް ކުޅުން ފައްޓައި، މުޅިން ހުސްކޮށްހުރި މުޙައްމަދު ރިޝްވާން (ފުކޭ) އަށް ބޯޅަ ޕާސްކޮށްލާފައެވެ. އަދި ފުކޭ ވަނީ ނިއުގެ ކީޕަރު ފައިސަލްގެ އަށްދަށުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ އެންމެ ފަހުވަގުތު ގްރީން އަށް މެޗުގައި ލީޑު ނަގަން މުޅިން ހުސް ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އެޓީމުގެ އަބްދުﷲ މިސްބާޙު މުޅިން ހުސްކޮށްހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.
ލީގުގައި މިއަދު ހަވީރު ބައްދަލުކުރާނީ ތިމަރަފުއްޓާއި ވިކްޓަރީއެވެ. އަދި މިރޭ އެއްވަނައިގައި އޮތް ޓީސީ ނިކުންނާނީ ފޯކައިދޫ އާއި ދެކޮޅަށެވެ. މިރޭގެ މެޗުން ޓީސީ މޮޅުވެއްޖެނަމަ، ފުރަތަމަ ބުރު އެޓީމުން ނިންމާލާނީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކުއެވެ.