އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 50 ގޮނޑި ކާމިޔާބުކޮށްފި ނަމަ 24 ގަޑި އިރު ފަތާނެ ކަމަށް ފެތުންތެރިއަކު ވެފައިވާ ވައުދު ފުއްދުމަށް މިއަދު ފެތުމުގެ ހަރާކާތެއް ފަށައިފިއެވެ.
ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ 50 ގޮނޑި ކާމިޔާބުކޮށްފިނަމަ 24 ގަޑިއިރު ފަތާނެ ކަމަށް މަޝްހޫރު ފެތުންތެރިޔާ ކޯޗު މއ. ލަކީ ވުޑް، ފިރާސް އަފީފު ވެފައިވާ ވައުދު ފުއްދުމަށް މިހާރު ފަތަމުން އަންނަ ކަމަށެވެ.
މިފެތުން ނިމޭނީ މިއަދު މެންދުރުފަހު 2:00ގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ފެތުމުގައި ފިރާސްއާ ބައިވެރިވާ އެހެން ފަރާތްތަކަށް ރައީސް ނަޝީދު ވަނީ ހިތްވަރު ދެއްވައިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ކާމިޔާބު ކޮށްފައިވެއެވެ.