މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް ހައްޔަރުކުރި 25 މީހުންގެ ތެރެއިން 21 މީހުން ދޫކޮށްލައިފިއެވެ.
ލަންކާގެ ދުވަހު ނޫސް، ''ޑެއިލީ މިރާ''ގައި ބުނެފައިވާ ގޮތުގައި 21 މަސްވެރިން، ސްރީލަންކަން އެއާލައިންގެ ފްލައިޓަކުން ލަންކާއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ ނޫހުން ބުނާ ގޮތުގައި މަސްވެރިން ދޫކޮށްލީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންހާ އާއި ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާ އެކު ކުރި މަޝްވަރާތަކަށް ފަހުއެވެ. 21 މީހުން ދޫކޮށްލި ނަމަވެސް އަނެއް ހަތަރު މީހުން ދޫނުކުރަނީ ކީއްވެކަމެއް އެނޫހުގައި ބުނެފައެއް ނުވެއެވެ.
އެހެންނަމަވެސް މިމީހުން ދޫކޮށްލި ކަމަށް ރާއްޖޭގެ ސަރުކާރުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ލަންކާގެ ހަތަރު މަސްބޯޓު އެމްއެންޑީއެފުން އަތުލައިގެންފައިވަނީ ރާއްޖޭގެ އުތުރުން ކެލަޔާ 103 ނޯޓިކަލް މޭލު ބޭރުގައި، ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ކަމަށް އެމްއެންޑީއެފުން ކުރީން ބުނެފައިވެއެވެ.
މިހަތަރު ބޯޓު ކުޅުދުއްފުށްޓަށް ގެންގޮސްފައިވަނީ މާޗް މަހުގެ ދެވަނަ ދުވަހުއެވެ.