ހުސްވި 2018 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފްފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލްއިން އާއްމުކޮށްފައިވާ 2018ވަނަ އަހަރުގެ މާލީ ބަޔާނުގައި ވާގޮތުން، އިޖުތިމާއީ ކަންކަމަށް ހޭދަކުރި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓާއިއެކުވެސް އެ ބޭންކުން ވަނީ މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ މިދިޔަ އަހަރު ހޯދައިފައެވެ.
މިއީ 2017 ވަނަ އަހަރާއި އަޅާބަލާއިރު، 13 ފަސެންޓްގެ އިތުރުވުމެކެވެ. ޓެކްސްއަށް ކެނޑުމަށްފަހު ބީއެމްއެލްއަށް ސާފް ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.
ބީއެމްއެލްގެ ސާފުފައިދާ، ފާއިތުވި ތިން އަހަރުވެސް އުޅެނީ ބިލިއަނަކަށްވުރެ މަތީގައެވެ. މާލީގޮތުން މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާ އާއެކު އެ ބޭންކުން ވަނީ، ފައިދާގެ ގޮތުގައި ހިއްސާއަކަށް 24 ރުފިޔާގެ މަގުން ޖުމްލަ 129 މިލިއަން ރުފިޔާ ބެހުމަށް ނިންމައިފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ މިދިޔަ އަހަރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދުމުގެ އިތުރުން، ދޫކުރެވުނު ލޯނުގެ ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ.
އަހަރީ ރިޕޯޓްގައިވާ ގޮތުގައި އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ 4.1 ޕަސެންޓް އިން 3.5 ޕަސެންޓަށް އަށް ދަށްކުރެވިފައެވެ.
ބޭންކުގެ ރައުސުލްމާލާއި އިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި މިދިޔަ އަހަރުވެސް ހިފަހައްޓައިފައެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އަތޮޅުތެރޭގައި ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން މިދިޔަ އަހަރު އެ ބޭންކުން އަތޮޅުތަކުގައި 4 އާ ބްރާންޗާއި 5 ސެލްފް ސާވިސް ބޭންކިން ސެންޓަރ ގާއިމްކުރިއެވެ.
މީގެ އިތުރުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ހިދުމަތާއި ލޯނަށް ފައިސާ ދެއްކޭނެ ހިދުމަތްވެސް އެ ބޭންކުން ވަނީ ތާރަފްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު، ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދު 230 އިން 277 އަށް އިތުރުކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
ގައުމީ ބޭންކުން މާލީ ނަތީޖާ ހޯދާފައި މި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލްއިން ކުރިއަށް ގެންދިޔަ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމާވެސް އެކުއެވެ.
މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް މާލީ އެހީ ދީފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.