ޖަޕާން

އިންތިހާބު ކުރިއަށް ދިޔައީ މިނިވަންކަމާއި ދެފުށްފެންނަގޮތަށް : ޖަޕާން

އަހުމަދު ޖައިޝަން

ރާއްޖޭގައި އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިއަށްދިޔައީ ޖުމްލަގޮތެއްގައި މިނިވަން ކަމާއި ދެފުށް ފެންނަގޮތަށް ކަމަށް ޖަޕާނުން ބުނެފިއެވެ.

ޖަޕާނުގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ޕްރެސް ސެކްރެޓަރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބަކީ ޖުމްލަ ގޮތެއްގައި، މިނިވަން، ހަމަހަމަ، ދެފުށްފެންނަ އަދި ހަމަޖެހިގެން ކުރިއަށް ގެންދިޔަ އިންތިހާބެއް ކަމުގައި ބަލައިގަންނަ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ބައިވެރިވި ބައިނަލްއަގުވާމީ މެމްބަރުންގެ ތެރޭގައި ޖަޕާނުގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވައިސް މިނިސްޓަރު ނޮރިކާޒޫ ސުޒޫކީ ވެސް ހިމެނިވަޑައިންނަވައެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ޒަރިއްޔާއިން ގައުމުގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަދި ރާއްޖޭގެ ތަރައްގީއާއި ހަމަޖެހުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޖަޕާނުން ވަނީ އެ ބަޔާނުގައި ބުނެފައެވެ.